މެސީގެ ލޯބީގެ ވާހަކަ ވެސް ޝައުގުވެރި
މެސީގެ ލޯބީގެ ވާހަކަ ވެސް ޝައުގުވެރި

ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަކީ މިހާރު ދުނިޔޭގެ އެންމެ މަޝްހޫރު މީހާ އެވެ. މެއިންސްޓްރީމް މީޑިއާ އާއި ސޯޝަލް މީޑިއާގައި ވެސް އެންމެ މަޝްހޫރު ނަމަކަށް އޮތް މެސީގެ ކާމިޔާބީ އާއި އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަށް ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން މިވަގުތު އޮތީ ހުއްޓިފަ އެވެ.

މެސީގެ ލޯބީގެ ވާހަކަ ވެސް ޝައުގުވެރި
މެސީގެ ލޯބީގެ ވާހަކަ ވެސް ޝައުގުވެރި

ދުނިޔޭގެ އެންމެ މޮޅު އެއް އެތުލީޓްގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ލިޔަން މިއަށްވުރެ ރަނގަޅު ވަގުތެއް ވެސް ނެތެވެ. އެހެން އެތުލީޓުންނާއި މަޝްހޫރު އެހެން ޝަހުސިއްޔަތުންގެ ހަޔާތުގެ ބައިވެރިޔަކު ހޯދަނީ އެ މީހުންގެ ޕްރޮފެޝަނަލް ކެރީިއާގައި ވެސް އުހަށް ވާސިލުވެ މަޝްހޫރުކަން ލިބޭ ހިސާބުންނެވެ. އެކަމަކު މެސީ އާއި އޭނާގެ އަންހެނުން އެންޓޮނޭލާ ރޮކޫޒޯގެ ގުޅުން ފެށެނީ މާ ކުރިންނެވެ.

މެސީގެ ލޯބީގެ ވާހަކަ ވެސް ޝައުގުވެރި
މެސީގެ ލޯބީގެ ވާހަކަ ވެސް ޝައުގުވެރި

މެސީގެ ޒުވާން އުމުރުގައި އޭނާއާ އެކު ކުޅެން އުޅުނު ލޫކަސް ސްކަގްލިއާގެ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އާޖެންޓީނާގެ މާ ޑެލް ޕްލެޓާ އަށް 1996 ކުރި ދަތުރުގައި ސްކަގްލިއާގެ ދެބެއިންދެދަރި ކޮއްކޮއެއް ކަމަށް އެންޓޮނޭލާ ވެސް ދިޔަ އެވެ. މިހާރު ޔޫތު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސްކަގްލިއާ، އޭނާގެ ގާތް ރަހުމަތްތެރިޔާ މެސީއަށް އެންޓޮނޭލާ ތައާރަފްކޮށްދިނެވެ.

އޭރު މެސީ އާއި ސްކަގްލިއާގެ އުމުރުން ވެސް ނުވަ އަހަރެވެ. އެންޓޮނޭލާގެ އުމުރުން އަށް އަހަރެވެ.

ކުޑައިރު އުފެދުނު ގުޅުން ހަގީގީ ލޯތްބަށް ވާނެ ކަމަކަށް މެސީގެ ގާތް ރަށްޓެހިންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެކަމަކު އުމުރުން 10 އަހަރު ނުވަނީސް ފެށި ގުޅުމުގައި ދިޔައީ ކުރިއަށެވެ. ބާސެލޯނާގެ އެކަޑަމީއަށް މެސީ 2000 ވަނަ އަހަރު ޓްރަޔަލް އަކަށް ގެންދިއުމުން އެ ޓީމުގެ ޔޫތު ޓީމަށް ކުޅުމުގެ ފުރުސަތު މެސީ އަށް ލިބުނެވެ. އެހާ ހިސާބުން ދެ މީހުންގެ ގުޅުން ޑިސްޓެންސް ރިލޭޝަންޝިޕަކަށް ބަދަލުވި އެވެ. އޭރު އެންޓޮނޭލާ އާއި މެސީ ދެ ގައުމެއްގައި ދިރިއުޅެން ޖެހުނަސް ގުޅުމަށް އަސަރު ނުކުރާކަމަށް މެސީގެ ބައެއް ރައްޓެހިން ބުނެފައިވެ އެވެ.

ދެ މީހުންގެ ގުޅުން ބަދަހިކަމާ އެކު ބާއްވަން ދެ ފަރާތުން ވެސް މެސެޖުތައް ބަދަލު ކުރަމުން ދިޔަކަށް މެސީ އާއި އެންޓޮނޭލާގެ ރައްޓެހިން ވެސް ބުނެފައިވެ އެވެ. ހަޔާތުގެ ބައިވެރިޔާއާ ބެހޭ ގޮތުން މެސީ ޒުވާން އުމުރުގައި ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ ހިތް މީހަކަށް ދީފައިވާ ކަމަށެވެ. އޭނާ ލޯބިވެރިޔާ ހުރީ އާޖެންޓީނާގައި ކަމަށް، އޭނާ ބުނެފައިވެ އެވެ.

އެންޓޮނޭލާގެ އެންމެ ގާތް ރަހުމަތްތެރިޔާ، 2007 ގައި ކާރު އެކްސިޑެންޓެއްގައި މަރުވި ޚަބަރު މެސީ އަށް ލިބުމުން ބާސެލޯނާގައި ހުރެފައި މެސީ އާޖެންޓީނާ އަށް ދިޔައީ އެންޓޮނޭލާގެ ހިތާމައިގައި ބައިވެރިވެ އޭނާ އަށް ތަސްލީއެއް ހޯދައި ދިނުމަށެވެ.

އެ ދެމީހުން އެކުގައި 2008 ވަނަ އަހަރު ފެނުނަސް އެ ގުޅުމާ ބެހޭ ގޮތުން މެސީ އާއި އެންޓޮނޭލާ ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އޮތް ކަމަށް މެސީ ރަސްމީކޮށް އިއުލާންކުރީ ޖެނުއަރީ 2009 ގަ އެވެ. އޭގެ ފަހުން އެންޓޮނޭލާ 2010 ގައި ސްޕެއިނަށް ބަދަލުވެ ދެ މީހުން އެކުގައި އުޅެން ފެށި އެވެ. މިހާރު އެ މީހުންގެ ތިން ދަރިން އެބަ ތިއްބެވެ.

ކުޑައިރު ފެށުނު ގުޅުމުގައި އެންމެ އުނދަގޫ ވަގުތާއި އެންމެ ކާމިޔާބު ވަގުތުތަކުގައި ހިއްސާވި އެވެ. ބާސާ ދޫކޮށްލަން ޖެހުމުން ބޭއްވި ވަދާއީ ހަފުލާގައި ވެސް މެސީއާ ގާތުގައި އެންޓޮނޭލާ އިނެވެ. ޕީއެސްޖީ އަށް މެސީ ބަދަލުވެ އެ ހަފުލާގައި ވެސް އެންމެ ގާތުގައި އިނީ އެންޓޮނޭލާ އެވެ. ފީފާގެ ދި ބެސްޓް އެވޯޑް ރަސްމިއްޔާތާއި ބެލެންޑިއޯ އެވޯޑް ހަފުލާތަކުގައި ވެސް މެސީގެ އެންމެ ގާތުގައި އެންޓޮނޭލާ އިނެވެ.

އާދިއްތަ ދުވަހުގެ ރޭ ވޯލްޑް ކަޕްގެ ފައިނަލު މެޗުގައި ވެސް އެންޓޮނޭލާ އިނެވެ. މެސީ ލަނޑު ޖެހުމުން އެންޓޮނޭލާ ނެގި ފޯރި ބިލިއަން މީހުންނަށް ފެނުނެވެ.

މެސީގެ ކެރިއަރުގައި ހޯދި އެންމެ ބޮޑު ކާމިޔާބީގައި އުފާ ފާޅުކުރުމުގައި މެސީގެ އާއިލާ އާއި އެންޓޮނޭލާގެ އާއިލާ ވެސް ދަނޑަށް ހާޒިރުވި އެވެ.