20 ޑިސެމްބަރ 2022 - 12:31

ރަޝިޔާގެ ވަށައިގެންވާ ސަރަހައްދީ އިމުގެ ސަލާމަތީ ކަންތައް ވަރުގަދަކޮށް، ގައުމުގެ އެތެރޭގައި އުޅޭ ޚާއިނުންނާއި ޖާސޫސުން ހޯދައި ދެނެގަތުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓީން އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އިއްޔެ އަންގަވައިފި އެވެ.
ރަޝިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ސަލާމަތީ ބާރުތަކުގެ އިސް ވެރިންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސް ޕުޓިން އެންމެ ބޮޑަށް ބާރު އެޅުއްވީ، ސަރަހައްދީ އިމުގެ ސަލާމަތީ ކަންތައް މިހާރަށް ވުރެ ހަރުދަނާކޮށް ވަރުގަދަ ކުރުމަށެވެ. އޭގެ އިތުރުން އާންމު މުޖްތަމައުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ނުފޫޒާއި ބާރު މިހާރަށް ވުރެ ފުޅާކޮށް، ގައުމަށް ޚިޔާނާތްތެރިވާ މީހުންނާއި ޖާސޫސުން ފާހަގަކޮށް ދެނެގަތުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވި ގޮތުގައި ގައުމުގެ ބޭރުން އަންނަ ނުރައްކާތަކާއި ގައުމުގެ އެތެރޭގައި ތިބި ޚާއިނުންގެ ނުރައްކާތަކުން ސަލާމަތްވެވޭނީ، ސަލާމަތީ ބާރުތަކުގެ ފަންނީ ގާބިލުކަމާއި ސަލާމަތީ ބާރުތަކުގެ ވަކިވަކި ފަރުދުންގެ ގާބިލުކަން މިހާރަށް ވުރެ އިތުރުކޮށްގެންނެވެ. އަދި ސަލާމަތީ ބާރުތަކަށް ލިބިފައިވާ އެންމެ މަތީ ގާބިލުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފުމަށް ވެސް ޕުޓިން އެދިވަޑައިގަތެވެ.
އޭގެ އިތުރުން ރަޝިޔާގެ ގައުމީ ސަލާމަތާއި މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި، ޖާސޫސީ އިދާރާތަކާއި ތަންފީޒީ އިދާރާތަކާ ދެމެދު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ގާއިމުކޮށް، އަސްކަރީ ޖާސޫސީ އިދާރާތަކާ އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ޕުޓިން އެދިވަޑައިގަތެވެ.
ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންތައް އެންމެ ފުރިހަމައަށް ބެލެހެއްޓި، އިތުބާރު ކުރެވޭ ފަދަ ގޮތަކަށް ގައުމުގެ އިން ހިމާޔަތްކުރެވެން ޖެހޭނެ އެވެ. އަދި ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ހުރުމަތް ކެނޑުމަށް ކުރާ ކޮންމެ މަސައްކަތެއް، ލިބިފައިވާ އެންމެ ފުރިހަމަ ބާރުގެ ބޭނުންކޮށް ވީއެންމެ އަވަހަކަށް ނާކާމިޔާބުކޮށްލުމަށް ވެސް ރައީސް ޕުޓިން އެދިވަޑައިގަތެވެ.
މިހާރު ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ ރަޝިޔާގެ ބިމުގެ ގޮތުގައި އެންމެ ފަހުން ކަނޑައެޅި ތަންތަނުގައި ދިރިއުޅޭ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ވެސް ރަޝިޔާ އިން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށެވެ. އެ ޒިންމާ އަދާކުރަން ތިބި ބަޔަކީ، ރަޝިޔާގެ ޚާއްސަ ސަލާމަތީ ބާރުގެ މެމްބަރުން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ޕުޓިން ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަޝިޔާއާ އެއްކޮށްލި ޔޫކްރޭންގެ ބިންތަކުގައި ދިރިއުޅޭ މީހުންގެ މިނިވަންކަމާއި ހައްގުތައް ފުރިހަމަ ގޮތުގައި ރައްކާތެރިކޮށްދިނުމަކީ ރަޝިޔާގެ ސަލާމަތީ ބާރުތަކުގެ ޒިންމާއެކެވެ. އަދި އެކަމަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އިތުރު ވަސީލަތްތައް ވެސް ހަމަޖައްސައިދެއްވާނެ ކަމަށް ޕުޓިން ވިދާޅުވި އެވެ.