20 ޑިސެމްބަރ 2022 - 12:22

ފްރާންސް ބަލިކޮށް އާޖެންޓީނާ އިން އާދީއްތަ ދުވަހުގެރޭ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި މެޗުގެ ބަތަލަކީ ކޮން ކުޅުންތެރިއެއް ހެއްޔެވެ؟ ދެ ލަނޑު ޖެހި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހެއްޔެވެ؟ ނުވަތަ އަނިޔާގައި ހުރެފައި އެނބުރި އައިސް އެއް ގޯލް ޖަހައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ އެންހެލް ޑި މަރިއާ އެވެ؟ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެ މެޗުގެ ބަތަލަކީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.

ޕެނަލްޓީ ޖަހައިގެން 4-3 އިން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރި މެޗުގެ ޝޫޓްއައުޓުގައި ޕެނަލްޓީ މަތަކުރި މާޓިނޭޒް ފައިނަލް މެޗުގެ ބަތަލަކަށްވާ އެންމެ ބޮޑު ސަބަބަކީ، ތަޖުރިބަކާރުން ބުނާ ގޮތުގައި މެޗުގެ ފަހު ސިކުންތުގައި ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ގޯލަށް ފޮނުވާލި ބޯޅަ ހުއްޓުވުމެވެ.

އޭރު މެޗު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ހިނގަމުން ދިޔައީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ 30 މިނެޓުގެ ފަހު ސިކުންތުކޮޅެވެ. އޭރިއާ ތެރެއިން ކޯލީ މުއާނީ އަށް ބޯޅަ ލިބުނުއިރު، އޭނާއާ ގޯލާ ދެމެދު އޮތް ހަމައެކަނި ހުރަހަކީ މާޓިނޭޒް އެވެ. އެހާ ހުސްކޮށް، އެހާ ގާތުން ލިބޭ ފުރުސަތުތައް 90 ޕަސެންޓް ފަހަރު ފޯވާޑުން ނިންމާލަ އެވެ. އެކަމަކު މާޓިނޭޒް އޭނާގެ ދެ އަތާއި ދެ ފައި ވީ އެންމެ ބޮޑަކަށް ދަމާލައި، ކޯލޯ މުއާނީ އަށް ޖާގަ ހަނިކުރި އެވެ. ނަތީޖާއަކަށްވީ އޭނާ ފޮނުވާލި ބޯޅަ މާޓިނޭޒްގެ ފައިގައި ޖެހިފައި އަނބުރާ ކުޅުމުގެ ތެރެއަށް ދިއުމެވެ.

އޭރު ކުޅެމުން ދިޔައީ އިތުރު ވަގުތުގެ ވެސް އިތުރު ވަގުތުކޮޅު ކަމުން އެ ގޯލް ޖެހި ނަމަ، އާޖެންޓީނާ އިން މެޗު އަލުން ފަށާ ހިސާބުން ރެފްރީ ފަހު ކަށިގަނޑު ފުމޭނެ އެވެ. މާނައަކީ އެ ގޯލު ވަން ނަމަ، އާޖެންޓީނާ އަށް ތަށި ހޯދުމުގެ ފުރުސަތު ގެއްލުމެވެ. މެޗުގެ 80 ވަނަ މިނެޓާ ހަމައަށް މާބޮޑު އުނދަގުލެއް ނެތި މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ދެ ލަނޑުގެ ލީޑެއްގައި އޮތް އާޖެންޓީނާ އަތުން އެގޮތަށް ފަހު ވަގުތު ތަށި ގެއްލުނު ނަމަ އެއީ އަރައިގަންނަން އުނދަގޫ ހިތާމައަކަށްވީހެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮތުގައި މާޓިނޭޒްގެ އެ ސޭވަކީ ވޯލްޑް ކަޕުގެ ތާރީހުގައި ފެނުނު އެންމެ މޮޅު ސޭވް ކަމަށެވެ. މިހާތަނަށް އެންމެ މޮޅު ސޭވް ކަމަށް ގިނަ ބަޔަކު ބަލަނީ 1970 ގެ ވޯލްޑް ކަޕުގައި ބްރެޒިލް އަތުން 1-0 އިން އިންގްލެންޑް މޮޅުވި މެޗުގައި އެ ޓީމުގެ ކީޕަރު ގޯޑަން ބޭންކްސް ކުރި ސޭވް އެވެ. ޕެލޭ ފޮނުވާލި ބޯޅަ ހުއްޓުވަން ބޭންކްސް ކުރި ސޭވް މޮޅުވަނީ އެއީ 99 ޕަސެންޓް ފަހަރު ކީޕަރުންނަށް ހުއްޓުވެން ނޯންނާނެ ބޯޅައަކަށް ވާތީވެ އެވެ.
އެ މެޗުގައި، އޭރިއާ ތެރެއިން ބްރެޒިލްގެ ޖަޒީނިއޯ ހުރަސްކުރި ބޯޅަ، ޕެލޭ ފުންމައިގެން އަރައި އެހާމެ ބާރު ބިމުގައި އަމާޒުކޮށްލީ ސީދާ ބިމަށެވެ. އެއީ އެ ބޯޅަ މަތަކުރަން ބޭންކްސް ޑައިވްކުރާއިރު، ބޯޅަ ފެނުގައި ޖެހިފައި މިސްރާބު ބަދަލުވެގެން، ގޯލަށް ވަންނަން ދާއިރު މަތަކުރެވޭނެ އެއްވެސް ގޮތެއް އޭނާ އަށް ނޯންނާނެކަން ޔަގީންކޮށްފަ އެވެ.
އެކަމަކު ބޭންކްސް މާ ހުށިޔާރެވެ. ޖަޒީނިއޯ އެ ބޯޅަ ހުރަސްނުކޮށް ސީދާ ގޯލަށް ޖަހާފާނެ ކަމަށް ބަލައި، ކައިރި އޭންގަލް ނަގައިގެން ހުރުމަށް ފަހު ހުރަސްކުރުމުން މަޑުމަޑުން އަނެއް ކަނާ ދިމާލަށް ގޮސް އޭނާ ޑައިވްކުރީ ޕެލޭގެ ހަދާނެ ގޮތް ރަނގަޅަށް ދަނެގެން، ސީދާ އެ ބޯޅައިގެ ޓައިމިން އަށެވެ. އަދި ވެއްޓިގެންފައި، ގޯލުގެ ރޮނގު މަތިން ކަހަލަ ގޮތަކަށް ބޯޅަ އަތުން ޖަހައި ބޭރުކޮށްލި އެވެ. އޭރު ބްރެޒިލްގެ ބައެއް ސަޕޯޓަރުން ތިބީ އުފާފާޅުކުރަން ފުންމައިގެން ތެދުވެ އެވެ.
ޓެކްނިކަލް ނަޒަރަކުން ބަލާއިރު ބޭންކްސްގެ އެ ސޭވް މާ ބޮޑަށް ވެސް މޮޅެވެ. އެކަމަކު އެ މެޗުން އިނގިރޭސިން ބަލިވެފައިވާތީ އާއި އެއީ ގްރޫޕް ސްޓޭޖް މެޗަކަށް ވާތީވެ، އެއް ބަޔަކު ބުނަނީ، މާޓިނޭޒްގެ ސޭވްގެ އަގު މާބޮޑު ކަމަށެވެ. ސަބަބަކީ މި މެޗު ޕެނަލްޓީއާ ހަމައަށް ދިޔައީ އެ ސޭވްގެ ސަބަބުން ކަމަށްވާތީވެ އެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ވެސް މާޓިނޭޒް ވަނީ މޮޅަށް ކުޅެފަ އެވެ. ފްރާންސްގެ ޕެނަލްޓީއެއް މަތަކުރުމުގެ އިތުރުން އެ ޓީމުގެ ކުޅުންތެރިން މެންޓަލީ ބަލިކަށިކޮށްލަން އޭނާ ބައެއް އުކުޅުތައް ބޭނުންކުރި އެވެ. އެގޮތުން ފްރާންސް ކީޕަރު ހޫގޯ ލޮރިސް، ޓޮސް ނަގަން ހުއްޓާ ކުރީބައިގައި އޭރިއާ ތެރެއަށް ވަދެ އެ ސަރަހައްދު އޭނާގެ "ބެލުމުގެ ދަށަށް" ގެނަ އެވެ.
އޭގެ ފަހުން ފްރާންސްގެ ކިންގްސްލީ ކޯމަންގެ ޕެނަލްޓީ މަތަކުރުމަށް ފަހު، އާއްމުކޮށް ޕެނަލްޓީ މަތަކުރުމަށް ފަހު ކީޕަރުން އުފާފާޅު ކުރާ ވަރަށް ބޮޑަށް އެކަން ކުރި އެވެ. އަދި ފްރާންސްގެ އޯރެލިން ޗޫމެނީގެ ޕެނަލްޓީ ބޭރަށް ދިއުމުން އުފާފާޅުކުރުމުގެ ގޮތުން ނަށާލި އެވެ. ފްރާންސްގެ ކުޅުންތެރިން ޕެނަލްޓީ ޖަހަން ތައްޔާރުވާ ކޮންމެ ފަހަރަކު ރެފްރީ ގާތަށް ގޮސް ބޯޅަ އޮތީ ރަނގަޅު ތަނުގައިތޯ ބަލަން ސުވާލު ކުރެ އެވެ. މި ހުރިހާ ކަމެއްގެ ސަބަބުން މާޓިނޭޒްގެ އިތުބާރު ބޮޑުވެ، ފްރާންސް ކުޅުންތެރިންގެ ހިތްވަރު ބަލިކަށިވި ކަމަށް އެކަމުގެ ތަޖުރިބާކާރުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
އިންގްލެންޑުގެ އާސެނަލްގެ ޔޫތު އެކަޑަމީން ތަމްރީންވި މާޓިނޭޒް އަކީ އިހަށް ދުވަހަކާ ހަމައަށް ވެސް، މާ ނަން މަޝްހޫރު ކީޕަރެއް ނޫނެވެ. އާސެނަލްގެ ސީނިއާ ސްކޮޑަށް ޕްރޮމޯޓްވި ނަމަވެސް ޓީމުން ފުރުސަތު ނުލިބޭތީ ގިނަ އަހަރުތަކެއްގައި ކުޅުނީ ލޯން އުސޫލުން އާދައިގެ ޓީމުތަކަށެވެ. އޭނާގެ ނަސީބު ލައްވާލީ 2020 ވަނަ އަހަރުގެ ޖޫން މަހު އާސެނަލްގެ ކީޕަރ ބާންޑް ލެނޯ އަށް އަނިޔާވި ހިސާބުންނެވެ. އެއާ އެކު ފުރަތަމަ އެގާރައިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ކޮމިއުނިޓީ ޝީލްޑް މެޗުން ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން އާސެނަލް މޮޅުވިއިރު މޮޅަށް ކުޅުނެވެ.
އެކަމަކު ލެނޯ އެނބުރި އައުމުން ފުރުސަތު ނުލިބޭނެތީވެ ޖެހިގެން އައި ސީޒަނުގައި އެސްޓަން ވިލާ އަށް ބަދަލުވި އެވެ. އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމަށް ކުޅުނުއިރު އިމަޖެންސީ ހާލަތެއްގައި ގައުމީ ސްކޮޑުން ފުރުސަތު ލިބުނު މާޓިނޭޒް އަށް ފުރަތަމަ ފަހަރަށް އާޖެންޓީނާގެ ގައުމީ ޖާޒީ ލާން ލިބުނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ކޮޕާ އެމެރިކާގައި ވާދަކުރި އާޖެންޓީނާ ޓީމުން ފުރުސަތު ހޯދި އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ޕެނަލްޓީ ޖަހައިގެން 3-2 އިން ކޮލަމްބިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ތިން ޕެނަލްޓީ އޭނާ މަތަކުރި އެވެ. އަދި ފައިނަލުން 1-0 އިން ބްރެޒިލް ބަލިކޮށް އާޖެންޓީނާ ތަށި ހޯދިއިރު އެ ކާމިޔާބީގައި ބޮޑު ހިއްސާއެއްވެ މުބާރާތުގެ މޮޅު ކީޕަރުގެ މަގާމް ހޯދި އެވެ.
އޭގެ ފަހުން ޔޫރަޕުގެ ޗެމްޕިއަން އިޓަލީ އަތުން މި އަހަރުގެ ފިނޭލިސިމާ މެޗުން 3-0 އިން އާޖެންޓީނާ މޮޅުވެ، އެ ޓްރޮފީ ހޯދިއިރު ވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕުގައި ވެސް ވެސް އޭނާ ވީ އާޖެންޓީނާގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަށެވެ. އަދި ފައިނަލުގައި ދެއްކި ބަތަލެއްގެ ކުޅުމާ އެކު، މުބާރާތުގެ މޮޅު ކީޕަރަށް ދޭ "ގޯލްޑަން ގްލޯވް" އެވޯޑް ހާސިލްކުރި އެވެ. އެއާ އެކު އޭނާ އަށް ވަނީ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދި ލެޖެންޑަރީ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ ފަބިއަން ބާތޭޒް އާއި ޖަރުމަނުގެ އޮލިވާ ހާން އާއި އިޓަލީގެ ޖިއަންލުއިޖީ ބުފޮން އާއި ސްޕެއިނުގެ އިކާ ކަސިޔަސް އަދި ޖަރުމަނުގެ މެނުއަލް ނޯޔާއާ އެއް ސަފަކަށް އަރައިފަ އެވެ.
ރަޝިއާގައި 2018 ގައި އޮތް ވޯލްޑް ކަޕް ބަލަން ސަޕޯޓަރެއްގެ ހައިސިއްޔަތުން ދިޔަ މާޓިނޭޒް މި އަހަރުގެ ވޯލްޑް ކަޕް އެ ނިންމާލީ ކަރުގައި ރަން މެޑަލް އަޅުވައިގެންނެވެ. އާޖެންޓީނާ އިން ދޮޅު އަހަރުތެރޭ ތިން ތަށި ކާމިޔާބުކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބް ހޯދައިދިން އިރު، އެކަމުގައި އެންމެ ބޮޑު ހިއްސާއެއްވި ކުޅުންތެރިޔަކަށް މިވީ އުމުރުން 30 އަހަރުގެ މާޓިނޭޒް އެވެ. އޭނާގެ ދެން އޮތް ޓާގެޓަކީ ޗެމްޕިއަންސް ލީގު ކުޅޭ، ޔޫރަޕުގެ ބޮޑު ކްލަބަކަށް އަންނަ ސީޒަނުގައި ބަދަލުވުމެވެ.