15 ޖެނުއަރީ 2017 - 06:30

ގްލޯރިއާ ވިލިއަމްސް އާއި އޭނާގެ 18 އަހަރުގެ ދަރިފުޅަކީ އެމެރިކާގެ ސައުތު ކެރޮލައިނާ ސިޓީގައި ދިރިއުޅޭ ވަރަށް އަޚުލާގު ރަނގަޅު ދެ މައިންގެ ގޮތުގައި އެމީހުންގެ އަވަށްޓެރިން ސިފަ ކުރެ އެވެ. ނަމަވެސް ކުއްލިއަކަށް ފުލުހުން ގޮސް ވިލިއަމްސް، 51، ހައްޔަރުކޮށް އޭނާއާ ދެކޮޅަށް ދައުވާ ކުރުމުން އަވަށްޓެރިންނަށް ވެސް ލިބުނީ ޝޮކެކެވެ.

ވިލިއަމްސްގެ އަމިއްލަ ދަރިއެއް ކަމަށް ބުނެ ގެންގުޅޭ 18 އަހަރުގެ ޒުވާން އަންހެނަކީ އުފަންވީ ދުވަހު ހޮސްޕިޓަލަކުން ވަގަށް ނެގި ކުއްޖެއްކަން ފުލުހުންނަށް މިހާރު ވަނީ ފަޅާ އަރާފަ އެވެ. ފުލުހުން ބުނަނީ 18 އަހަރުގެ ޒުވާނާ އަކީ ވަގަށް ނެގި ކުއްޖާކަން ޑީއެންއޭއިން ސާބިތުކުރެވިފައިވާ ކަމަށެވެ.
ވިލިއަމްސްގެ އަވަށްޓެރިއަކު ބުނި ގޮތުގައި ވިލިއަމްސް އެ ކުއްޖާ ގެންގުޅުނީ ވަރަށް ލޯބިން ވަރަށް ރަނގަޅަށް ތަރުބިއްޔަތު ކޮށްގެންނެވެ. ނަމަވެސް 18 އަހަރު ވަންދެން އޭނާ ދިރިއުޅެފައި ވަނީ ބޮޑު އޮޅުވާލުމެއްގެ ތެރޭގަ އެވެ.
ވަގަށް ނެގި ކުއްޖާ ބޮޑުވީ އެލެކްސް މެނީގޯގެ ނަމުގަ އެވެ. ނަމަވެސް އެކުއްޖާއަށް އޭނާގެ މައިންބަފައިން ކިޔާފައިވަނީ ކާމިޔާ މޮބްލޭ އެވެ.
ވިލިއަމްސް ހައްޔަރުކުރުމުން މޮބްލޭ ވަރަށް ދެރަވެ ފުލުހުން "މަންމަ" ގެންދިޔަ ނުދޭންވެގެން ހުރަސްއެޅި އެވެ. އަދި މަންމަ ދެކެ ވަރަށް ލޯބިވާ ކަމަށް މޮބްލޭ ގޮވަމުން ދިޔަ އެވެ.
އަނެއްކޮޅުން ދަރިފުޅު ވިހައިގެން އެންމެ އަށްގަޑިއިރު ވީތަނާ ވަގަށް ނެގުމުން އެ ދަރިފުޅުގެ ހަނދާނުގައި 18 އަހަރު ހޭދަކޮށްފައިވާ އަންހެންމީހާއަށް އޭނާގެ ދަރިފުޅު ފެނުނު ޚަބަރު ލިބުމުން އުފަލުން ގޮސް ރޮވުނެވެ. އަދި މަދު ގަޑިއިރެއްގެ ތެރޭގައި ފޭސްޓައިމް މެދުވެރިކޮށް އޭނާއަށް ދަރިފުޅާ ވާހަކަ ދައްކާނެ ފުރުސަތު ލިބުނެވެ.
މޮބްލޭގެ ބައްޕަ ފަރާތު މާމަ ބުނި ގޮތުގައި މޮބްލޭ ވައްތަރީ އޭނަގެ ބައްޕައާ އެވެ. އަދި އޭނާ އެމީހުންނާ ވާހަކަ ދެއްކިއިރު ނޭނގޭ ބަޔަކާ ވާހަކަ ދައްކާއިރު ހުންނަ ގޮތެއް ނެތް ކަމަށް މޮބްލޭގެ މާމަ ބުންޏެވެ.
ޔުނިވަސިޓީ މެޑިކަލް ސެންޓަރުގައި ވިހައިގެން އޮތް މޮބްލޭގެ މަންމަގެ އަތުން ދަރިފުޅު އަތުލައިގެން ގެންދިޔައީ ނަރުހަކަށް ވެގެން ވަން މީހެކެވެ. އެންމެ އަށް ދުވަސްވީ މޮބްލޭގެ ގައިގައި އަތްލާފައި ހުން އައިސްފައި އޮތް ކަމަށާއި ޑޮކްޓަރަށް ދައްކާލާފައި ގެންނާނެކަމަށް ބުނެ ގޮވައިގެން ދިޔައީ އެވެ. އެ ދިޔަ ގޮތަށް އޭނާ އެނބުރިއެއް ނާދެ އެވެ. ފުލުހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުން ވެސް އެ ކުއްޖާ ހޯދަން ވަރަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެކުއްޖާ ގޮވައިގެން ދާތަން ސީސީޓީވީ ކެމެރާއިން ފެނުނަސް އެ ދުވަސްވަރުގެ ކެމެރާތަކުގެ ފެންވަރު ދަށްކަމުން އެއީ ކާކުކަން އެނގޭގޮތެއް ނުވި އެވެ.
މޮބްލޭ އަކީ ކިޑްނެޕްކުރި ކުއްޖާކަން އެނގުނީ އޭނާއަށް ވިލިއަމްސް އާ ދޭތެރޭ ކުޑަކޮށް ޝައްކުވެގެންނެވެ. ނަމަވެސް އެ ޝައްކު އުފެދެން ދިމާވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މޮބްލޭގެ އެދުމަކަށް ނެޝަނަލް ސެންޓަ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްރަންގެ ޒަމާންވީ ފައިލްތައް އަލުން ހޯދަން ފެށި އެވެ. އަދި މޮބްލޭގެ އަނގައިން ނެގި ސާމްޕަލް އިން ޑީއެންއޭ ނަގައިގެން ޓެސްޓްކުރުމުން އޭނާއަކީ ވިލިއަމްސްގެ ދަރިއެއް ނޫންކަން ޔަގީންވި އެވެ.
މޮބްލޭގެ މާމަ ބުނި ގޮތުގައި 1998 ވަނަ އަހަރު މަންމަގެ އުނގުގައި އޮއްވާ ގެއްލުނު ދަރިފުޅުގެ މަތިން އެ އާއިލާއިން އެންމެ ވަގުތުކޮޅަކަށް ވެސް ހަނދާން ނައްތައެއް ނުލަ އެވެ. މޮބްލޭގެ އަސްލު މަންމަ ޝަނާރާ މޮބްލޭ ދަރިފުޅު ގެއްލުނުތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފްލޮރިޑާގެ ޓައިމްސް-ޔުނިއަން ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދަރިފުޅުގެ ކޮންމެ އުފަން ދުވަހަކު އެމީހުން ކޭކު ފަޅާ ދަރިފުޅު މަތިން ހަނދާން ކުރެ އެވެ. އަދި ކޮންމެ ކޭކަކުން އެތިކޮޅެއް ފޮއިލްކޮޅަކަށް ލާފައި ގަނޑުކުރާ ބައިގައި ރައްކާ ކުރެ އެވެ.
"ކޮންމެ ދުވަހަކު ހެނދުނު ތެދުވެފައި ދަރިފުޅު މަތިން ހަނދާންވެ އޭނާ އުޅޭ ހާލެއް ނޭނގުމީ ވަރަށް ސްޓްރެސް ބޮޑުވާކަމެއް،" 2008 ގައި ފްލޮރިޑާ ނޫހަކަށް މޮބްލޭގެ މަންމަ ބުނެފައިވެ އެވެ.
އަށާރަ އަހަރު ފަހުން މައިންބަފައިންނާއި އާއިލާ ފެނުނަކަސް މޮބްލޭގެ ހިތުގައި އޭނާ ވަގަށް ނެގި ވިލިއަމްސްއާ ދޭތެރޭ އޮތް ލޯތްބަކަށް ބަދަލެއް ނާދެ އެވެ. އޭނާ ބުނި ގޮތުގައި "މަންމަ" އޭނާ ގެންގުޅެފައިވަނީ ވަރަށް ލޯބިންނެވެ. އެހެންވެ މަންމައަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެ އެވެ.
މޮބްލޭގެ އަސްލު މައިންބަފައިންނަކަށް ވެސް އޭނާގެ ނުރުހުމުގައި އެމީހުންގެ ކައިރިއަށް މޮބްލޭ ގެންދެވޭނެ ގޮތެއް ނެތެވެ.
މޮބްލޭ ކުޑައިރު ވަގަށް ނެގި ވިލިއަމްސްއާ މެދު އެހިސާބުގަނޑުގެ ހުރިހާ ގޭގޭގައި އުޅޭ އަވަށްޓެރިން ވެސް ބުނަނީ އެކައްޗެކެވެ. ވިލިއަމްސް އަކީ ވަރަށް ޚުލްގުހެޔޮ ރަނގަޅު އަޅުވެރި އަންހެނެއް ކަމަށެވެ. އަދި އެހާމެ ވިސްނުންތޫނު މަސައްކަތްތެރިއެއް ކަމަށެވެ.
މޮބްލޭ އަށް މިހާރު އޭނާގެ އަސްލު މައިންބަފައިންނާއި ވިލިއަމްސް އަކީ ކާކުކަން އެނގިފައި ވާތީ ފުލުހުން ބުނަނީ އޭނާ ބޭނުންގޮތެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް މޮބްލޭ ކިޑްނެޕްކުރުމުގެ ކުށުގައި ވިލިއަމްސް ދިގު މުއްދަތަކަށް ޖަލަށް ދާން ޖެހޭނެކަމަށް ބެލެވެ އެވެ.