21 ޑިސެމްބަރ 2022 - 10:02

ދުނިޔެއިން ވެސް މަދުން ފެންނަ ސަންފިޝް ނުވަތަ މޮލަމޮލަ އެއް ދިވެހި މަސްވެރިންތަކެއް ބާނައިފި އެވެ.

އެ މަސް ބާނާފައި ވަނީ ބ. ފުޅަދޫ ބޭރުން، މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ ރަށު ކައުންސިލްގެ ރައީސް، އަލީ ޒުހައިރު "މިހާރު" އަށް ވިދާޅުވީ އެ މަހުގެ ދިގުމިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރި ކަމަށެވެ.
"ހަ ފޫޓަށްވުރެ ބޮޑުވާނެ އެ މަސް. މި ރަށު މަސްވެރިންތަކެއް ބޭނީ. އޭގެ ބަރުދަނުގައި ހުރީ ކިހާވަރެއް ކަމެއް، އެއަށް ފަހުން އެ މީހުން ހެދީ ކިހިނެއް ކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި ހިފުން މަނާކޮށްފައިވާ މަހެއް ނޫނެވެ. މިހާތަނަށް ރާއްޖެއިން ހިފާފައި ވާނީ ގިނަވެގެން މީގެ 10 މަސް ކަމަށް އީޕީއޭ އިން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަސް ރާއްޖޭގައި ހިފިފައި ހުރީ ލޭނު އަޅައިގެން މަސްވެރިކަން ކުރާ ބަޔަކަށް ކަމަށެވެ. ސަބަބަކީ، މި މަހަކީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހަކަށް ވާތީ އެވެ.
މަސްވެރިކަން ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން މި މަސް އާންމު ގޮތެއްގައި ފެންނަނީ ހޫނު ގަދަ ހިސާބުތަކުގެ ކަނޑުތަކުންނެވެ.
ސަންފިޝް ހަތަރު މީޓަރަށް (13 ފޫޓު) އަށް ދިގުވެ އެވެ. ބަރުދަނަށް 2،500 ކިލޯ ހުންނަ ވަރަށް ބޮޑުވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ގިނަ ދިރާސާވެރިން އިއްތިފާގުވާ ގޮތުގައި ދުވަސްވީ ސަންފިޝް އެއްގެ ބަރުދަނުގައި އުޅޭނީ 1000 ކިލޯ ނުވަތަ އެއް ޓަނެވެ.
ދުނިޔޭގެ ބައެއް ހިސާބުތަކުގައި މި މަސް ކައި އުޅެ އެވެ.
މި މަސް ފުރަތަމަ ދުނިޔެއިން ފެނިފައިވަނީ މީގެ 130 އަހަރު ކުރިންނެވެ. އެއީ ދުނިޔޭގެ ދެކުނުގެ ކަނޑަކުންނެވެ. އޭގެ ފަހުންވެސް މަދުން ނަމަވެސް މި މަސް ފެނެ އެވެ.