20 ޑިސެމްބަރ 2022 - 06:37

ޓްވިޓާ ބޭނުންކުރާ ގިނަ މީހުން ބޭނުމީ އެ ކުންފުނީގެ ސީއީއޯގެ މަގާމުން ކުންފުނީގެ ވެރިޔާ އީލޮން މަސްކް ދުރުވާން ކަމަށް އޭނާ އަމިއްލަ ޓްވިޓާގައި ނެގި ޕޯލްގެ ނަތީޖާއިން ދައްކައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު މަސްކް ފެށި ޕޯލަށް 17 މިލިއަން މީހުން ވޯޓުލާފައިވެ އެވެ. އޭގެ ތެރެއިން 57 ޕަސެންޓު މީހުން ބުނަނީ އޭނާ މަގާމުން ދުރަށް ދާން ޖޭހޭނެ ކަމަށެވެ. ބާކީ 43 ޕަސެންޓު މީހުންނަށް އީލޮން އެ މަގާމުގައި ހުރުން މައްސަލައެއް ނެތެވެ.
އެ ޓްވީޓުގައި އޭނާ ވަނީ ގިނަ ބަޔަކު ބޭނުންވާ ގޮތަށް ތަބާވާނެ ކަމަށް ބުނެފަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ދާދިފަހުން ގެއްލުނު ބިލިޔަނަރު މަސްކް، 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ކުންފުނި ގަތުމަށް ފަހު އޭނާ ވަނީ ސީއީއޯގެ މަގާމުގައި ހުރެ ގިނަ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.
އެގޮތުން، އޭނާއާ ދެކޮޅު ހެދި ޓްވިޓާގެ އިސް ބައެއް މީހުން މަގާމުން ވަކިކުރި އިރު، ހަރަދު ކުޑަކުރަން ކަމަށް ބުނެ ޓްވިޓާގެ ގިނަ މުވައްޒަފުންތަކެއް ވެސް ވަޒީފާއިން ވަކިކުރި އެވެ.
އެކައުންޓުތައް ވެރިފައިކޮށްދޭ އުސޫލަށް ގެނައި ބޮޑު ބަދަލާއި 8 ޑޮލަރުގެ ފީއެއް ދެއްކުމުން ކޮންމެ މީހަކަށް ވެސް ޓްވިޓާ ވެރިފިކޭޝަން ބެޖް ލިބޭ ގޮތް ހެދުން ފަދަ ބަހުސް ބޮޑުވި އެތައް ކަމެއް މަސްކް ވަނީ ކޮށްފަ އެވެ.
ޓްވިޓާގެ އާ އަޕްޑޭޓާއެކު މިހާރު ވަނީ ޓްވީޓުކުރީ ކޮން ޑިވައިސަކުން ކަން ނޭނގޭ ގޮތް ވެސް ހަދައިފަ އެވެ. އަދި އާ ޕޮލިސީއެއްގެ ދަށުން ފޭސްބުކް، އިންސްޓްގްރާމް ފަދަ "ތާޑް ޕާޓީ" ޕްލެޓްފޯމްތައް ޕްރޮމޯޓުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
މަސްކް އެއްބަސްވި ގޮތަށް މަގާމުން ދުރުވާން ގިނަ ބަޔަކު ގޮވާލާއިރު، އޭނާ އާ ސީއީއޯއެއް ހޯދައި، ޗެއާމަންގެ މަގާމަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ކޮށްފައިވާ ޓްވީޓަކަށް މަސްކް ބުނީ، ސީއީއޯގެ މަގާމާ ހަވާލުވާނެ އެހެން މީހަކު ނެތް ކަމަށެވެ.
"ޓްވިޓާ އުވިގެން ދިޔަ ނުދީ ރަނގަޅަށް ބެލެހެއްޓޭނެ އެއްވެސް މީހަކު އެ މަގާމެއް ބޭނުމެއް ނުވޭ،" މަސްކުގެ ޓްވީޓުގައި ބުންޏެވެ.
މަސްކުގެ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ދެއްކިޔަސް އޭނާ އެގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ.