19 ޑިސެމްބަރ 2022 - 23:56

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގެ ކެމްޕެއިނަށް ނުކުންނަވައި، އެ ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބައްދަލުކުރައްވައިފި އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މަރުކަޒުގެ ގޮތުގައި ވެސް އެ މަނިކުފާނު ބޭނުންފުޅު ކުރެއްވި ޝައިންޓްރީ ބިލްޑިންގް (ސޯލްޓް ކެފޭ ހިންގާ އިމާރާތް) ގައި ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ރައީސް ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ގައި އޮންނަ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ސީނިއާ މެމްބަރަކު ވިދާޅުވި އެވެ.

"ރައީސް ވިދާޅުވި ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް. ރައީސް ޕްރައިމަރީ އަށް ނުކުންނަވަން މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ވަރަށް ގިނަ މެމްބަރުން އެދިވަޑައިގެންނެވި. އެ ބޭފުޅުންގެ ތާއީދު އޮތް ކަން ހާމަކުރެއްވި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.

"ރައީސް އެދިވަޑައިގަތީ ވަރަށް ޕޮޒިޓިވް ކެމްޕެއިނަކަށް. އަނެއް ފަޅީގައި [ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން] ތިއްބެވި ބޭފުޅުންނާއެކު ވެސް ފަހުން އުޅެން ޖެހިދާނެ ކަމަށް ބަލައިގެން ހުތުރު ކެމްޕެއިނެއް ނުކުރަން މެމްބަރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވި."
"މިހާރު" އާ ވާހަކަ ދެއްކެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސް އޮފިޝަލް ވިދާޅުވީ، ކުއްލި ގޮތަކަށް ރޭވި ބައްދަލުވުމަކާ ބަލާއިރު 105 މެމްބަރުން ވަޑައިގަތް ކަމަށެވެ. އަދި އެ ހުރިހާ ބޭފުޅުންގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ކަން ހާމަކުރެއްވި ކަމަށް ވިދާޅުވި އެވެ.
"ކެމްޕެއިންގެ ކަންކަން އޮގަނައިޒްކޮށް ކުރިއަށް ގެންދަން އެކި ކަންކަން ބަހައި ނަން ނޯޓު ކުރުން ފަދަ ކަންކަން މިރޭ ކުރިއަށް ގެންދިޔަ. ޕްރައިމަރީ އަށް ނުކުންނަވާނެ ކަން ރައީސް އިއުލާން ކުރެއްވުމުން އެކަމާ އުފާކޮށް ހުރިހާ މެމްބަރުން ވެސް ރައީސަށް މަރުހަބާ ދެންނެވި،" އޭނާ ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވިގޮތުގައި، އެމްޑީޕީގެ ގައުމީ މަޖިލިހުގައި ތިއްބަވާ 170 މެމްބަރުންގެ ތެރެއިން 135 މެމްބަރުންގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
"އެ ކަން އެ ބޭފުޅުން ވަނީ ހާމަކުރައްވާފައި. އަޅުގަނޑުމެން ހިސާބު ޖަހާލާއިރު މިހާރު ވެސް 80 ޕަސެންޓް މެމްބަރުން [ގައުމީ މަޖިލިހުގެ] ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް އަރައިފި. މިރޭގެ ބައްދަލުވުމަށް ވަޑައިގަތީ 105 މެމްބަރުން. މާލޭގައި ނެތުމާއި ރާއްޖޭގައި މި ވަގުތު ނެތުމުން 30 ބޭފުޅަކަށް މިރޭ ވަޑައިނުގެންނެވުނީ. އެ ބޭފުޅުންގެ ތާއީދު ވެސް އޮތްކަން ވަނީ ހާމަކުރައްވާފައި،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނާ ގުޅޭ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސް މެމްބަރުން އަމަލީ ގޮތުން ކުރައްވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މިއީ، ގައުމީ މަޖިލިހުގައި ރައީސަށް ތާއީދު ކުރާ މެމްބަރުންނާ ބައްދަލު ކުރައްވައި ރަސްމީ ސިފައެއްގައި އެ މަނިކުފާނު ޕްރައިމަރީގެ ކެމްޕެއިންގެ ވާހަކަ ހިއްސާ ކުރެއްވި ފުރަތަމަ ފަހަރެވެ.
ރިޔާސީ ޕްރައިމަރީ އަށް ނުކުންނަވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއުލާން ކުރައްވައި، އެ ޕާޓީގެ މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ޕާޓީގެ ދަފްތަރުން ވަރަށް ގިނަ މެމްބަރުން އުނިކޮށް، އެ ދަފްތަރު ވަނީ ގަޑުބަޑުކޮށްފަ އެވެ. އެ ދަފްތަރު ގަޑުބަޑުވީ އެ ޕާޓީގެ ވޯޓުލާ ދަފްތަރުން 40،000 ގާތަށް މެމްބަރުންނަށް އެންގުމަކާ ނުލައި ވަކިކުރުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، ނަޝީދުގެ އެ ތުހުމަތަށް ރައްދު ދެއްވައި، ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މިހާރު އެ ޕާޓީން ވަކިކޮށްދެނީ އެ މެމްބަރަކު އަމިއްލަ އަށް އެކަމަށް އެދުމުން ނޫނީ އެ މެމްބަރަކު އެހެން ޕާޓީއަކަށް ސޮއި ކުރުމުން އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންގުމުން ކަމަށެވެ.