15 ޖެނުއަރީ 2017 - 06:21

މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ ބައޮގްރަފީ "އެން އަންސުއިޓެބަލް ބޯއީ" ނެރުމާއެކު، ކަރަންގެ ހަޔާތުގައި ދިމާވެފައިވާ މުހިއްމު ކަންތައްތަކެއްގެ ހަގީގަތްތައް ވަނީ ހާމަވެފަ އެވެ. އޭގެ ތެރޭގައި ފިލްމި ބަތަލާ ކާޖޮލް އާއި އޭނާގެ އޮތް ޒަމާންވީ ގާތް އެކުވެރިކަން ނިމެން މެދުވެރިވި ސަބަބުވެސް ހިމެނެ އެވެ. ކުރިން އިންތިހާއަށް އެކުވެރިކޮށް އުޅުނު މި ދެ މީހުންގެ މެދުގައި ކުއްލިއަކަށް މައްސަލަތަކެއް ޖެހި ދެމީހުން އެކަކު އަނެކަކާ ރުޅިވީ މިދިޔަ އަހަރު އެވެ.

ކާޖޮލް އާއި އޭނާގެ މެދުގައި ޖެހުނު މައްސަލައާ ގުޅޭ ގޮތުން ބައޮގްރަފީގައި ކަރަން ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ. އަދި އެފޮތުގެ އެ ބައި ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެފޮތުގައިވާ ގޮތުން ކަރަން އާއި ކާޖޮލްގެ އެކުވެރިކަން ނިމުމަކަށް އައީ ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ "ޝިވާއޭ" ރިލީޒްކުރި ދުވަސްވަރު އެވެ. ދެ މީހުންގެ އެކުވެރިކަން ނިމުމަކަށް އައިއިރު ކަރަން އާއި ކާޖޮލް ބެސްޓް ފްރެންޑުންގެ ގޮތުގައި ތިބޭތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
"ކާޖޮލް އާއި އަހަރެންގެ މިހާރު އެއްވެސް ގުޅުމެއް ނެތް. ދެ މީހުން ވަނީ ވަކިވެފައި. އަހަރެން ވަރަށް ހިތްހަމަނުޖެހޭ އަދި ފުން އަސަރުތަކެއް ކުރި ކަމެއް ދިމާވީ. އެކަމަކު އަހަރެން އެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ސަބަބަކީ އެއީ އަހަންނަށް ވެސް އަދި އޭނާ (ކާޖޮލް) އަށް ވެސް ރަނގަޅު ގޮތަކަށް ނުވާނެކަމަށް އަހަރެންނަށް ގަބޫލު ކުރެވޭތީ. ފަންސަވީސް އަހަރު ވަންދެން އޮތް ގާތް އެކުވެރިކަމަށްފަހު މިހާރު އަހަންނާއި ކާޖޮލް ވާހަކަ ދެއްކުން ހުއްޓާލައިފިން. އަހަރެމެން ދެ މީހުން ދިމާވެއްޖެނަމަ 'ހަލޯ' އޭ ބުނެލާފައި އެމީހަކު ދާ ކޮޅަކަށް ދަނީ،" ބައޮގްރަފީގައި ކަރަން ލިޔެފައިވެ އެވެ.
ކަރަން ބުނެފައިވާ ގޮތުގައި ހަގީގަތުގައި މައްސަލަ ޖެހުނީ އޭނާ އާއި ކާޖޮލްއާ ދެމެދަކު ނޫނެވެ. މައްސަލަ ޖެހުނީ ކަރަން އާއި ކާޖޮލްގެ ފިރިމީހާ (އަޖޭ) އާ ދެމެދުގަ އެވެ. ކަރަން ބުނީ ކާޖޮލް އަށް ޖެހިފައިވަނީ ނުކުރާ ކުށަކަށް މާފަށް އެދެން ކަމަށެވެ.
"ކާޖޮލް އަށް 25 އަހަރުވީ އެކުވެރިޔާ އަށް ވުރެ ފިރިމީހާއަށް ތާއީދުކުރުން މުހިއްމުވުމީ އޭނާގެ އަމިއްލަ ކަމެއް. ދުރުން އެ މައްސަލަ ބަލަން ހުރިނަމަ އަހަންނަށް އޭނާ އެކުރި ކަންތައް ގަބޫލުކުރެވުނީސް ކަންނޭނގެ. ނަމަވެސް އަހަރެންނަށް ކާޖޮލްއާ އެކު ދެން އިތުރަކަށް އެކުވެރިކަމެއް ބޭއްވޭކަށް ނެތް. މިހާރު އަހަރެމެން ދެ މީހުން ވާހަކަ ނުދައްކާތާ އެތައް މަހެއް ވެއްޖެ،" ކަރަން ލިޔެފައިވެ އެވެ.
ފޮތުގައި ބުނެފައި ނެތް ނަމަވެސް، ކަރަން އާއި ކާޖޮލްގެ މެދުގައި ޖެހުނު މައްސަލައިގެ ފެށުމަކީ ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އާއި އަޖޭގެ "ޝިވާއޭ" ގެ ބޮކްސް އޮފީސް ހަނގުރާމަ އެވެ. ދެ ފިލްމުގެ އިޝްތިހާރު ދައްކަން ފެށުމާއެކު ފިލްމު ކްރިޓިކްސްއެއް ކަމަށްވާ ކަމާލް. އާރް.ޚާން ކިޔާ މީހަކު "އޭ ދިލް ހެ މުޝްކިލް"ގެ މޮޅު ވާހަކަ އާއި "ޝިވާއޭ" ރީތިނޫންކަމަށް ބުނެ ރިވިއު އެއް ލިޔުނެވެ.
އެއަށްފަހު އަޖޭ ކޮށްފައިވާ ޓުވީޓެއްގައި ކަމާލް.އާރް. ޚާން އެހެން ލިޔުނީ ކަރަން ޖޯހަރް ރިޝްވަތު ދީގެންކަމަށް ބުނެ ތުހުމަތުކުރި އެވެ. އަޖޭ މިހެން ބުނެފައިވަނީ ކަމާލް ޚާން އެހެން މީހެއްގެ ކައިރީގައި އޭނާއަށް ކަރަން ރިޝްވަތު ދިންކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކެއްގެ ރެކޯޑިން އެއް އިވުމުންނެވެ. ފަހުން ކާޖޮލް ވަނީ އެ ރެކޯޑިންގް އެޓޭޗްކޮށް "ޝޮކްވެއްޖެ" ކަމަށް ލިޔެ ޓުވީޓެއް ކޮށްފަ އެވެ.
ކަރަން ރުޅިއައީ އެ ޓުވީޓާ ގުޅިގެންނެވެ. ކަރަން ބުނި ގޮތުގައި ކާޖޮލް އޭނާއަށް ޝައްކުކޮށް އެފަދަ ޓުވީޓެއް ކުރީމާ ވަރަށް ދެރަވި އެވެ. އޭނާއަކީ ދުވަހަކުވެސް މީހަކަށް ރިޝްވަތު ދީގެން ކަމެއް ކުރުވާނެ މީހެއް ނޫންކަން ޚުދް ކާޖޮލް އަށް ވެސް އެނގޭނެކަމަށް ކަރަން އުންމީދު ކުރި އެވެ. ނަމަވެސް އެވަރު ކާޖޮލް އަށް ނޭގުމުން އޭނާއާ ގުޅުން ކަނޑާލަން ކަރަން ނިންމީ އެވެ.
ކޮންމެއަކަސް ކާޖޮލް އާ ގުޅޭ ގޮތުން ކަރަންގެ ބައޮގްރަފީގައި ލިޔެފައިވާ ވާހަކަތަކުން އަޖޭ ދޭވްގަން އަނެއްކާވެސް އިތުރަށް ރުޅި އައިސްގެން ޓުވީޓް ކޮށްފައިވެ އެވެ. މާ ކުރީ ޒަމާނެއްގެ ވާހަކަތަކެއް މިހާރު ދައްކަނީ ކީއްކުރަންތޯ ސުވާލު ކޮށްފައިވެ އެވެ. ކަރަން އަށް ގުޅާފައި ވެސް އަޖޭ ވަރަށް އެއްޗެހި ގޮވިކަމަށް ވެ އެވެ.
އަޖޭ އާއި ކާޖޮލްގެ އެކުވެރިން ބުނަނީ ކަރަން އަކީ އެހެން މީހުން ނެތް ތަންތާނގައި އެމީހުންގެ ގޯސް ވާހަކަ ދައްކާ މީހެއް ކަމަށެވެ. އަދި މައްސަލަ ޖެހުނީ "އޭ ދިލް ހެ މުޝްކިލް" އާއި "ޝިވާއޭ" ރިލިޒްކުރި ދުވަސްވަރު ނޫން ކަމަށާއި އެ މައްސަލައަށް މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. މިހާރު ކަރަން އެ ވާހަކަތައް ދައްކަނީ ބައޮގްރަފީ އަށް މީހުންގެ ސަމާލުކަން ހޯދައި އެ ފޮތް ވިއްކަން ކަމަށް ވެސް އަޖޭގެ ފަރާތުން ވާހަކަ ދެއްކި މީހުން ބުނެފައިވެ އެވެ.