08 ޖޫން 2016 - 21:56

ކުރުނބާ އެޅުމަކީ ރާއްޖޭގެ އެއްވެސް ގަވާއިދަކާއި ގާނޫނަކުން މަނާވެފައި އޮތް ކަމެއް ނޫނެވެ. އެކަމަކު ވެރިފަރާތުގެ ހުއްދަ ނުހޯދައި ރުކަކުން ކުރުނބާ އެޅުން ވާނީ ވައްކަމަކަށެވެ. އަދި އެއްވެސް ބައެއްގެ މުދަލެއް، އޭގެ ވެރިފަރާތަށް ނޭނގި ނެގުމަކީ ވެސް ބޮޑު ވައްކަމެކެވެ.
ރާއްޖޭގެ މީޑިއާތަކަށް މިއަދު ތިލަވި އެއް ހަބަރަކީ ލ. ގާދޫން ގަވާއިދާ ހިލާފަށް ކުރުނބާ އަޅަމުން ދިޔަ ބަޔަކު ހައްޔަރު ކުރި ވާހަކަ އެވެ. ރައްޔިތުންގެ ހިތްތަކުގައި އެތައް ނުތަނަވަސްކަމެއް އުފެދުނެވެ. ކުރުނބާ އެޅުމަކީ އަނެއްކާ ގޯހެއް ބާވައޭ ހިތަށް އެރި އެވެ. އެކަމަކު ކަން އޮތީ މުޅިއަކުން އެހެނެއް ނޫނެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ ހެނދުނު ގާދޫން ކުރުނބާ އަޅަނިކޮށް ހައްޔަރުކުރީ 49 އަހަރުގެ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. މި މައްސަލައިގައި ހައްޔަރު ކުރީ ގާދޫ މީހެކެވެ. މި މީހުން ޑިންގީއެއްގައި ގޮސް "ގަވާއިދާ ހިލާފަށް" ގިނަ އަދަދެއްގެ ކުރުނބާ އަޅާފައި ހުރި ކަމަށް ފުލުހުން ބުނި ކަމުގައިވިޔަސް އެކަމުގެ މާބޮޑު ތަފްސީލަކަށް ފުލުހުން ނުދެ އެވެ.
ގާދޫގައި ދިރިއުޅެމުންދިޔަ މީހުން ލ. ފޮނަދޫ އަށް ވަނީ ބަދަލުކޮށްފަ އެވެ. އެއީ އެ ރަށުގައި ހުރި ކޮންމެ ގެއަކަށް ސަރުކާރުން ފައިސާދީ ރަށް ދައުލަތަށް ނެގުމަށް ފަހު އެވެ. އެހެންކަމުން އެ ރަށުގައި ހުރި ހުރިހާ މުދަލަކީ ސަރުކާރުގެ ތަކެތި ކަމަށް ފޮނަދޫގައި ހިންގަމުން އަންނަ ގާދޫ ކައުންސިލުން ހެކިވެ އެވެ.
ގާދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް ވިދާޅުވީ ސަރުކާރުން ކޮންމެ ގެއަކަށް 60،000 ރުފިޔާގެ އިނާޔަތެއް ދިން ކަމަށެވެ. އޭގެ ތެރޭގައި ރުށް ގަސް ވެސް ހިމެނެ އެވެ. އެކަމަކު ރުށް ގަހުގެ ބަދަލުގައި އެއްވެސް ފައިސާއެއް ނުދެ އެވެ. ގާދޫގައި އެއްވެސް މީހެއްގެ މުދަލެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
"އެގްރީމަންޓެއް ހަދާފައި، އެ އެގްރީމަންޓްގައި ސޮއި ކުރުމުން އެ ހަވާލު ކުރަނީ. އެ ހިސާބުން ގެ (ސަރުކާރަށް) ލިބުނީ ކަމަށް ނިންމަނީ." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ނަމަވެސް ގާދޫ މީހުންނަށް ފޮނަދޫގައި އަޅައި ދޭންޖެހޭ 23 ގެއެއް އަދިވެސް ނިމިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުލްއަޒީޒް ވިދާޅުވި ގޮތުގައި ގާދޫގައި ހުރި އެއްވެސް އެއްޗެއް ގެންދަން ބޭނުންވާނަމަ ސަރުކާރުން ތިން މަސް ދުވަހުގެ މުއްދަތެއް ދިނެވެ. އަދި އެ މުއްދަތު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެއަކަސް ފުލުހުން މިހާރު ވަނީ މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.