15 ޖެނުއަރީ 2017 - 06:25

ޗައިނާގެ ސީޗުއަން ޕްރޮވިންސްގެ ޖުނިލިއަން ކައުންޓީގައި މީހެއްގެ ޖަނާޒާ ކުރިއަށް ގެންދަނިކޮށް އެ މީހާ ސަންދޯކުގެ މަތިގަނޑު ހިއްލާލާފައި ތެދުވެ، ވެގެން އުޅެނީ ކީއްތޯ ސުވާލުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ސަން އިން ބުނީ މަރުވި ކަމަށް ހީކޮށް ޖަނާޒާ ބާއްވަނިކޮށް ތެދުވީ އުމުރުން 75 އަހަރުގެ މީހެއް ކަމަށާއި އެ މީހާ ތެދުވުމުން އާއިލާގެ އެންމެން ވެސް ތިބީ ބަސްހުއްޓިފައި ކަމަށެވެ.
"މަރުވި" މީހާ ބަލިވެ އުޅޭތާ ވަރަށް ގިނަ ދުވަސް ފަހުް އެއް ދުވަހަކު ހާލު ބޮޑުވެ ނޭވާ ހުއްޓުނީ އެވެ. އަދި އަތާއި ފައި ފިނިވި އެވެ. އެހެންވެ އޭނާގެ ދަރިފުޅު ހުއަންގް މިންކުއަން އާއި އައިލާގެ ގިނަ އަދަދެއްގެ މީހުންނަށް ހީވީ އެމީހާ މަރުވީ ކަމަށެވެ.
ނަމަވެސް މި މީހާ ސަންދޯކުން ތެދުވީ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާތާ އަށް ގަޑިއިރު ފަހުންނެވެ. އެ މީހާ ތެދުވުމަށް ފަހު، ވެގެން އުޅެނީ ކީއްތޯ ސުވާލުކުރި އެވެ. ކުރިއަށް ދަނީ ޖަނާޒާތޯ، ބަސް ހުއްޓިފައި ތިބި މީހުންނާ ސުވާލުކުރި ކަމަށްވެ އެވެ.
މި މީހާ ނުތެދުވި ނަމަ، އެ ސަރަހައްދުގެ އާދަކާދަ އޮންނަ ގޮތުން، ޖަނާޒާގެ ކަންތައް ދުވަސްކޮޅަކު ކުރުމަށްފަހު އޭނާ ވަޅުލީހެވެ.
"މަރުވި" މީހާ ސަންދޯކުން ތެދުވުމުން ދަރިންތައް ގޮސް އޭނާ އުރާލައިގެން ގެންގޮސް އެނދުގައި ބޭއްވި އެވެ. އަދި އެމީހުންނަށް އޮޅިގެން ކުރެވެން އުޅުނު ކަންތަކަށް މާފަށް ވެސް އެދުނެވެ.
މި މީހާ އަދިވެސް ވަރަށް ބައްޔެވެ. ކެވެނީ ވެސް ވަރަށް ކުޑަކޮށެވެ.