20 ޑިސެމްބަރ 2022 - 06:17

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގެ އާ ވެރިޔާ، އީލޮން މަސްކް އެ މަގާމާ ހަވާލުވުމަށް ފަހު ގިނަ ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. މި ބަދަލުތަކުގެ ތެރެއިން މިފަހަރު ކުރި ކަމަކީ ޓްވީޓްކުރީ ކޮން ޑިވައިސްއަކުން ކަން ނުފެންނަ ގޮތް ހެދުމެވެ.

މީގެ ކުރިން އައިފޯނަކުން ނުވަތަ އެންޑްރޮއިޑް ފަދަ ޑިވައިސްތަކުން ކުރާ ޓްވީޓްތަކުގެ ތިރީގައި "ޓްވީޓާ ފޯ އައިފޯން" ނުވަތަ "ޓްވިޓާ ފޯ އެންޑްރޮއިޑް" ޖަހާފަ އިނދެ އެވެ. ނަމަވެސް، މިހާރު އެ ލޭބަލް ޓްވިޓާއިން ވަނީ ނަގައިފަ އެވެ.
މި ނިންމުމަކީ ހަރަދު ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުނެ އެވެ. މިދިޔަ މަހު މަސްކު ކުރި ޓްވީޓެއްގައި ބުނީ އެ ލޭބަލުން ސްކްރީނުން ބޭކާރު ޖާގަ ގެއްލި ކޮމްޕިއުޓަރަށް ބާރު ބޮޑުވާނެ ކަމަށާއި، އެ އިންނަންވީ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ދާދި ފަހުން ގެއްލުނު މަސްކު، 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެކައުންޓްތައް ވެރިފައިކުރުމުގައި ގެނައި ބޮޑު ބަދަލެވެ.
މަހަކު 8 ޑޮލަރު ދައްކާ "ޓްވިޓާ ބްލޫ" އިން އެކައުންޓް ވެރިފިކޭޝަން ޓިކް ލިބޭ ގޮތް ހެދުމާއި އެކަމާ ގުޅުވައިގެން ގެނައި އެކި ބަދަލުތަކަށް އަންނަނީ ފާޑުކިޔަމުންނެވެ.