ޕީއެސްއެމްއިން 4.5 މިލިއަން ރުފިޔާ ދޫކުރުން ފަސްކުރަން އަމުރުކޮށްފި
ޕީއެސްއެމްއިން 4.5 މިލިއަން ރުފިޔާ ދޫކުރުން ފަސްކުރަން އަމުރުކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީ ބިލްޑިންގުގައި ހަދާފައިވާ އެގްޒެކެޓިވް ބިއުރޯގެ މަސައްކަތުގެ އަގު ހޯދުމަށް އާޓިސަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކުންފުންޏަށް 4.5 މިލިއަން ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ހައި ކޯޓުން އިއްޔެ ނެރެފި އެވެ.

ޕީއެސްއެމްއިން 4.5 މިލިއަން ރުފިޔާ ދޫކުރުން ފަސްކުރަން އަމުރުކޮށްފި
ޕީއެސްއެމްއިން 4.5 މިލިއަން ރުފިޔާ ދޫކުރުން ފަސްކުރަން އަމުރުކޮށްފި

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި 2018 ވަނަ އަހަރުގެ މެދުތެރޭގައި ހަދާފައިވާ އެގްޒެކެޓިވް ބިއުރޯގައި ކުރި ކަމަށް ބުނާ މަސައްކަތްތަކަށް އާޓިސަންއިން ހުށަހަޅާފައިވާ އިންވޮއިސްތަކަކަށް ޕީއެސްއެސްއެމްއިން ދައްކަން ޖެހޭ 4.5 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނިން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރީ، އެ ފައިސާ އާއި ވަކީލު ފީ އާއި ގެއްލުމުގެ ބަދަލާ އެކު ގާތްގަނޑަކަށް 11.4 މިލިއަން ރުފިޔާގެ ނަގައިދިނުމަށް އެދި އެވެ.

އެ މައްސަލައިގައި މިދިޔަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލު ނުހިމަނައި އަދި ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހުށަހަޅާފައިވާ 360،000ރ. ތެރެއިން 16،000ރ. އާ އެކު 4.52 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އާޓިސަނަށް ދެއްކުމަށެވެ.

އެ ހުކުމް ޕީއެސްއެމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް އެ ކުންފުނިން ހައި ކޯޓުގައި އެދުނެވެ.

އިއްޔެ ހައި ކޯޓުން ވަނީ، އެ ކޯޓުން އިސްތިއުނާފު މައްސަލަ ބަލައި ނިމެންދެން ސިވިލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް އަންގައި އަމުރެއް ނެރެފަ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ޕީއެސްއެމް އިން ދައްްކަން އެންގި ފައިސާ ސިވިލް ކޯޓަށް ދައްކަމުން ދިއުމަށް އެންގި ނަމަވެސް، ހައި ކޯޓުން މައްސަލަ ބަލައިނިމެންދެން ސިވިލް ކޯޓުން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ހައި ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުގައި އަންގާފައިވެ އެވެ.

ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން މަޒީދެވެ.

ޕީއެސްއެމްއިން އެ މައްސަލައިގައި ކުރިން ބުނެފައި ވަނީ، އެގްޒެކެޓިވް ބިއުރޯގެ މަސައްކަތަކީ އާޓިސަން ކުންފުނީގެ ފަރާތުން ކުރި މަސައްކަތެއް ކަމަށް ބުނެ އެ މަސައްކަތްތަކުގެ އަގު ހޯދުމަށް ޕީއެސްއެމަށް ހުށަހެޅި އިންވޮއިސްތަކުގައިވާ އަގުތަކަކީ މަސައްކަތާ އެކަށީގެންނުވާ ބޮޑު އަގެއް ކަމަށެވެ. އާޓިސަން އިން ދައްކާފައިވާ ބައެއް އިންވޮއިސްތަކުގައިވާ މަސައްކަތްތައް ކުރީ އެހެން ބަޔަކާ ހަވާލުކޮށްގެން ކަމަށާއި އެ ކަމަށްވާ އަގު ދައްކާފައިވާ ކަމަށް ވެސް ޕީއެސްއެމްއިން ބުނެ އެވެ. އަދި ސިވިލް ކޯޓުން ކުރި ހުކުމުގައި ދައްކަން އަންގާފައިވާ ފައިސާގެ ތެރޭގައި ކުރިން އަގު ދީފައި ހުރި މަސައްކަތްތަކަށްވާ ފައިސާ ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ މަސައްކަތުގެ ފައިސާ ހޯދުމަށް ހުށަހެޅި އިންވޮއިސްތަކުގައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުތަކެއްކަން ޕީއެސްއެމްގެ ފަރާތުން އެކުލަވާލި އޮޑިޓް ޓީމުގެ އޮޑިޓުން އެނގޭ ކަމަށް ވެސް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.

ޕީއެސްއެމް ބުނީ އެގްޒެކްޓިވް ބިއުރޯ އިން ކޮށްފައިވާ މަސައްކަތަކީ ޕީއެސްއެމްގެ ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފަށް، އެ މަސައްކަތް ހަވާލުކުރުމާ ގުޅޭ ސައްހަ ލިޔެކިޔުމެއް ނެތި، އުސޫލާ ހިލާފަށް ބަޔަކާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެއްކަން އެނގޭ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންްގެ ސަރުކާރު ބަދަލުވުމުން ޕީއެސްއެމްގެ މެނޭޖްމަންޓް ބަދަލުކުރުމާ އެކު އޭރުގެ މެނޭޖްމަންޓާ ގުޅޭ މައްސަލަތައް ފެންމަތިވި އެވެ. އެކަށީގެން ނުވާ ބޮޑު އަގަކަށް ބިއުރޯ ހެދުމުގެ އިތުރުން، އިތުރު ކަންކަމުގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އަދި ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ވަނީ ޕީއެސްއެމްއާ ދެކޮޅަށް އެކި މައްސަލަތަކުގައި ދައުވާކޮށްފަ އެވެ.