އަލިފާނުގައި ގެއްލުނު މީހާ ހޯދަނިކޮށް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ
އަލިފާނުގައި ގެއްލުނު މީހާ ހޯދަނިކޮށް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ގެއްލުނު މީހާ ހޯދަނިކޮށް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަނިކޮށް މިއަދު މެންދުރުހާއިރު، އެ ސަރަހައްދުން އިންސާނެއްގެ ކަށިގަނޑެއް ފެނިފައިވާ ކަމަށެވެ.

އެތަނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 78 މީހަކަށް އެކިވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް އަންނަނީ ފަރުވާދެމުންނެވެ.

ކުދިކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.

ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ޕްލޭނިން މިނިސްޓްރީން ހަދާފައިވާ ބްރިޖު އޮފީހުން ބުނެފައި ވަނީ އެފްކޮންސް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކުގައި ރޯވި ހާދިސާ އަށް ފަހު ހުރިހާ އެންމެން ހަމައަށް ތިބިތޯ ގުނިއިރު އެކަކު މަދު ކަމަށެވެ.

އެ މީހާ ގެއްލުނުތާ 48 ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާ ނަމަވެސް އެއްވެސް އިދާރާއަކުން އެ މީހާގެ ވަނަވަރު އާންމެއް ނުކުރެ އެވެ. އެ ކުންފުނިން ބުނީ އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަންނައުނާއި ސޫޓް ކޭހާއި މޮބައިލް ފޯނު އަދި މާލީގޮތުން ވެސް އެހީވާ ކަމަށް ބަޔާނުގައި ބުންޏެވެ.