އާޖެންޓީނާ ފައިނަލުގައި ބޭނުންކުރާނީ ނަސީބާ ގުޅިފައިވާ ހޯމް ޖާޒީ
އާޖެންޓީނާ ފައިނަލުގައި ބޭނުންކުރާނީ ނަސީބާ ގުޅިފައިވާ ހޯމް ޖާޒީ

ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ ފްރާންސް އާއި އާޖެންޓީނާ ކުޅޭ މެޗުގައި އާޖެންޓީނާ އިން ބޭނުންކުރަނީ އެ ޓީމުގެ ސަގާފީ ނުލާއި ހުދު ރޮނގު ދެމި ހޯމް ޖާޒީ އެވެ.

އާޖެންޓީނާ މިހާތަނާށް ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ފަހަރު ވެސް ބޭނުންކުރީ މި ޖާޒީ އެވެ. އެންމެ ފަހުން ބަލިވި ދެ ފަހަރު ވެސް ބޭނުންކުރީ ގަދަ ނޫކުލައިގެ އަވޭ ޖާޒީ އެވެ.

އެހެންވެ މި ފަހަރުގެ ފައިނަލުގައި ހޯމް ޖާޒީ ލާން ފުރުސަތު ލިބުމަކީ އާޖެންޓީނާގެ ނަސީބާ ގުޅިފައިވާ ކަމެއް ކަމަށް އެ ޓީމުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

ގަތަރުގެ ލުސެއިލް އައިކޮނިކް ސްޓޭޑިއަމުގައި މިރޭ ކުޅޭ މެޗުގެ ހޯމް ޓީމަކީ އާޖެންޓީނާ އެވެ. އެ ޓީމަށް ހޯމް ޖާޒީ ބޭނުންކުރަން ފުރުސަތު ލިބުނީ އެހެންވެ އެވެ. އެކަމަކު ފްރާންސްގެ ހޯމް ޖާޒީއާ، އާޖެންޓީނާގެ ހޯމް ޖާޒީއާ ކުލައިގެ ގޮތުން ފުށުއެރުމެއް ނެތުމުން، ފްރާންސަށް ހޯމް ޓީމުކަން ލިބުނު ނަމަވެސް އާޖެންޓީނާ އަށް އެ ޓީމުގެ ހޯމް ޖާޒީ ލާން ފުރުސަތު އޮންނާނެ އެވެ.

އާޖެންޓީނާ އިން ނުލާއި ހުދު ރޮނގު ދެމި ޖާޒީގައި 1978 ގައި ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނެދަލެންޑްސް އަތުން 3-1 އިން މޮޅުވެގެންނެވެ. އެ ފަހަރު ތަރިއަކަށްވީ ފައިނަލުގައި ދެ ގޯލް ޖެހި ކެޕްޓަން މާރިއޯ ކެމްޕެސް އެވެ.

އާޖެންޓީނާ ހަމަ އެ ޖާޒީގައި، ދެ ވަނަ ފަހަރަށް ތަށި ހޯދީ 1986 ގެ ފައިނަލުގައި ހުޅަނގު ޖަރުމަން އަތުން 3-2 އިން މޮޅުވެގެންނެވެ. އެ މެޗުގެ ތަރިއަކީ ކެޕްޓަން ޑިއޭގޯ މަރަޑޯނާ އެވެ.

އާޖެންޓީނާ އިން 1990 ވަނަ އަހަރު ވެސް ފައިނަލަށް ގޮސް ތަށި ދިފާއުކުރަން ފުރުސަތު ހޯދި އެވެ. މި ފަހަރު ވެސް ވާދަކުރަން ޖެހުނީ ހުޅަނގު ޖަރުމަނާ އެވެ. އެ ޓީމަކީ އެ ފަހަރު ހޯމް ޓީމަށް ވުމުން ބޭނުންކުރީ ހުދު ޖާޒީ އެވެ. އެއާ އެކު އާޖެންޓީނާ އަށް މަޖުބޫރުވީ ގަދަ ނޫކުލައިގެ އަވޭ ޖާޒީގައި ކުޅޭށެވެ. މަރަޑޯނާގެ ކެޕްޓަންކަމުގައި އާޖެންޓީނާ އެ ފަހަރު ބަލިވީ 1-0 އިންނެވެ.

އޭގެ 24 އަހަރު ފަހުން 2014 ގައި ލިއޮނަލް މެސީއާ އެކު އާޖެންޓީނާ ފައިނަލަށް ދިޔައިރު ވެސް ލައްވާލީ ޖަރުމަނާ އެވެ. މި ފަހަރު ވެސް ހޯމް ޓީމަކަށްވީ ޖަރުމަނެވެ. އޭގެ ސަބަބުން އާޖެންޓީނާ އަށް ލާން ޖެހުނީ ގަދަ ނޫ ކުލައިގެ އަވޭ ޖާޒީ އެވެ. އާޖެންޓީނާ ބަލިވީ އިތުރު ވަގުތު ޖަރުމަނުން ޖެހި ގޯލުން 1-0 އިންނެވެ.

މިރޭ ފްރާންސުން ބޭނުންކުރާނީ ގަދަ ނޫކުލައިގެ ޖާޒީ އާއި ހުދު ސޯޓާއި ރަތް އިސްޓާކީނެވެ. މިއީ 1998 ގެ ފައިނަލުން ބްރެޒިލް 3-0 އިން ބަލިކުރިއިރު ވެސް ބޭނުންކުރި ކުލަތަކެވެ. އެކަމަކު އެ ޓީމުން 2018 ގެ ފައިނަލުގައި ކްރޮއޭޝިއާ 4-2 އިން ބަލިކޮށް ތަށި ހޯދިއިރު ބޭނުންކުރީ ގަދަ ނޫކުލައިގެ ޖާޒީ އާއި ސޯޓާއި އިސްޓާކީން ހިމެނޭ ކިޓެކެވެ. އަދި 2006 ގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން 5-3 އިން އިޓަލީ އަތުން ފްރާންސް ބަލިވިއިރު ލައިގެން ތިބީ ފުލް ހުދު ކިޓެވެ.