18 ޑިސެމްބަރ 2022 - 09:39

ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ އާޖެންޓީނާ އަތުން މޮޅުވެގެން ފްރާންސަށް މުބާރާތުގެ ހާއްސަ ރެކޯޑަކާ އެއްވަރުކުރެވޭނެ އެވެ.
އެއީ ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންކަން ހޯދައި ތަށި ދިފާއުކޮށްގެން އިޓަލީ އާއި ބްރެޒިލުން ހަދާފައިވާ ރެކޯޑެވެ.
ވޯލްޑް ކަޕުގެ ތާރީހުގައި، މުބާރާތުގެ ތަށި ވިދިވިދިގެން ދެ ފަހަރު ފުރަތަމަ ހޯދީ އިޓަލީންނެވެ. އެއީ 1934 އާއި 1938 ގަ އެވެ. އަމިއްލަ ގައުމުގައި 1934 ގައި ބޭއްވި މުބާރާތް އިޓަލީ ކާމިޔާބުކުރީ ޗެކްސްލޮވާކިއާ އަތުން 2-1 އިން މޮޅުވެގެންނެވެ. އޭގެ ހަތަރު އަހަރު ފަހުން ފްރާންސްގައި އޮތް މުބާރާތް އިޓަލީ ކާމިޔާބުކުރީ ހަންގޭރީއާ ވާދަކޮށް 4-2 އިން މޮޅުވެގެންނެވެ.
އެ ޝަރަފް ދެން ހޯދީ 1958 އާއި 1962 ގައި ތަށި ހޯދައިގެން ބްރެޒިލެވެ. ސްވިޑަންގެ ބޭއްވި 1958 ގެ ވޯލްޑް ކަޕް ބްރެޒިލް ކާމިޔާބުކުރީ ފައިނަލުގައި ސްވިޑަން އަތުން 5-2 އިންނެވެ. އަދި 1962 ގައި ޗިލީގައި އޮތް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޗެކްސްލޮވާކިއާ އަތުން 3-1 އިން މޮޅުވެގެންނެވެ.
ފްރާންސުން ވިދިވިދިގެން ދެ ވަނަ ފަހަރަށް ތަށި ހޯދުމުގެ ފުރުސަތު ތަނަވަސްކުރީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ކްރޮއޭޝިއާ އަތުން 4-2 އިން މޮޅުވެ ތަށި ހޯދައިގެންނެވެ.
މީގެ ކުރިން ފްރާންސުން ތަށި ދިފާއުކުރަން ނުކުތް ފަހަރު ކުރިމަތިވީ ބޮޑު ނާކާމިޔާބަކާ އެވެ. އެގޮތުން އަމިއްލަ ގައުމުގައި 1998 ގައި އޮތް މުބާރާތް ކާމިޔާބުކުރުމަށް ފަހު 2002 ގައި ކޮރެއާ/ޖަޕާން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.
މީގެ ކުރިން ތަށި ދިފާއުކުރަން ނުކުތް ދެ ޓީމަކަށް ފައިނަލުގައި ނާކާމިޔާބުވެފައިވެ އެވެ. އެގޮތުން 1986 ގެ މެކްސިކޯ ވޯލްޑް ކަޕުން ހުޅަނގު ޖަރުމަން އަތުން 3-2 އިން މޮޅުވެ ތަށި ހޯދި އާޖެންޓީނާ އަށް ދިފާއުކުރުމުގެ ފުރުސަތު ގެއްލުނީ 1990 ގެ އިޓަލީ ވޯލްޑް ކަޕުގެ ފައިނަލުން ޖަރުމަން އަތުން 1-0 އިން ބަލިވުމުންނެވެ.
އެމެރިކާގައި 1994 ގައި އޮތް ވޯލްޑް ކަޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 3-2 އިން އިޓަލީ އަތުން މޮޅުވެ ތަށި ހޯދި ބްރެޒިލް އެ ތަށި ދިފާއުކުރަން 1998 ގައި ނުކުތެވެ. އެކަމަކު ފައިނަލުން ފްރާންސް އަތުން 3-0 އިން ބަލިވެ އެ ފުރުސަތު ގެއްލުނީ އެވެ.