14 ޖެނުއަރީ 2017 - 10:03

މިދިޔަ ސީޒަނުގައި ރާއްޖޭގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑުގެ ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފާއި ފޯވާޑް ކެރިކް އަންދްރޭ އާއި ކްލަބް އީގަލްސް އަށް ކުޅުނު އެޓޭކިން މިޑްފީލްޑަރު މުހައްމަދު ސެޑިކާއި ނިއު ރޭޑިއަންޓުގެ ޑިފެންޑަރު ބަލްގޭރިއާގެ ވެލިޗްކޯ ވިކްޓަރީ ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.
ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ މި ހަތަރު ކުޅުންތެރިން ގެންނަން ނިންމީ މި ކުޅުންތެރިން މިދިޔަ ސީޒަނުގައި ފެންވަރު ސާބިތުކޮށްދީފައިވާތީ ކަމަށާއި ދިވެހި ފުޓްބޯޅައިގެ ތަޖުރިބާރާ އެކު ކުޅުންތެރިންގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ވިސާ އާއި އެހެނިގެން ކަންކަން ހަމަޖެހުމާ އެކު ކުޅުންތެރިން ވިކްޓަރީއާ އެކު އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.
މީގެ ތެރެއިން މިދިޔަ ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ވިކްޓަރީއާ ގާތް ގުޅުމެއް އޮންނަ ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ކީޕަރު ޔޫސުފާއި ފޯވާޑް ކެރިކެވެ. ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމް ޔުނައިޓެޑް ވިކްޓަރީ ހޯދިއިރު މި ދެ ކުޅުންތެރިން މުހިއްމު ދައުރެއް އަދާކުރި އެވެ. ހާއްސަކޮށް ޔޫސުފަކީ ފަހަކަށް އައިސް ރާއްޖޭގައި ކުޅުނު އެންމެ މޮޅު އެއް ބިދޭސީ ގޯލްކީޕަރެވެ.
އީގަލްސް އިން ލީގުގެ ތިން މަގާމް ހޯދައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު ސެޑިކް ވަނީ މުހިއްމު ގޯލްތަކެއް ޖަހައިދީ ޓީމު ލައްވައި ކުޅުވުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އޭނާ ޖުމްލަ ނުވަ ގޯލް ޖެހި އެވެ. އީގަލްސް އިން އޭނާ ދޫކޮށްލީ މާޒިޔާގެ ވިންގާ އަހުމަދު ނާޝިދު (ނައްޓޭ) ގެނައުމަށް ފަހު އެވެ.
މިދިޔަ ސީޒަނުގައި ނިއު އާދައިގެކޮށް ފެނުނު ނަމަވެސް ވެލިޗްްކޯ ވަނީ އެ ޓީމުގެ ޑިފެންސް ލައިނުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ވަރަށް ބޮޑަށް ޓީމް ޕްލެޔަރެއްގެ ގޮތުގައި ފާހަގަކުރެވޭ ވެލިޗްކޯ ވަނީ ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީ އަތުން ނިއު ފަހު ވަގުތު މޮޅުވި މެޗުގައި ގޯލް ވެސް ޖަހައިފަ އެވެ. ނިއު އިން އޭނާ ދޫކޮށްލީ، ގައުމީ ޓީމުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އާއި ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ޑެނިއަލް ޕަޕޯ ގެނައުމަށް ފަހު އެވެ.
ވިކްޓަރީން ވަނީ އެ ކްލަބުގެ ރެކޯޑް އަގެއްގައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސާ ވެސް ގެނެސްފަ އެވެ. މީގެ އިތުރުން ވެލެންސިއާގެ ހަސަން އަދުހަމް (ސަޑޭ) އާއި ނިއުގެ ވައިސް ކެޕްޓަން އަހުމަދު ނިޔާޒާއި ބީޖީ ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު ސާގިބް ވެސް ވަނީ ވިކްޓަރީ އަށް ސޮއިކޮށްފަ އެވެ.
ވިކްޓަރީ އަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި އެހެން މުހިއްމު ބައެއް ކުޅުންތެރިން ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.
"އަޅުގަނޑު ކްލަބާ ހަވާލުވެ ވީ ފުރަތަމަ ވައުދަކީ ކްލަބް ގަދަބާރަކަށް ހެދުން. އެ ވައުދު ފުއްދުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. މި ކުޅުންތެރިންނާ އެކު ވިކްޓަރީ ވަރަށް ބޮޑަށް ވަރުގަދަވާނެ،" ނަޒީމް ވިދާޅުވި އެވެ. "ފާއިތުވި ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނުފެންވަރުގެ ވަރުގަދަ ސްކޮޑެއް ފެނިގެންދާނެ. އެކަމަކުގެ ޔަގީންކަން ކްލަބުގެ ސަޕޯޓަރުންނަށް އަރުވަން."