17 ޑިސެމްބަރ 2022 - 22:58

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މަލާމާތުގެ ބަސްތަކެއް ރައްދުކުރި މޮރޮކޯގެ އުމުރުން 9 އަހަރުގެ އަންހެން ކުއްޖާއާ، ރޮނާލްޑޯގެ ސަޕޯޓަރުން ދިމާކޮށްލުމުން އޭނާގެ މަންމަ އަށް މާފަށް އެދެން މަޖުބޫރުވެއްޖެ އެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޕޯޗުގަލް އަތުން 1-0 އިން މޮރޮކޯ މޮޅުވި މެޗަށް ފަހު ސްޓޭޑިއަމްގެ ބޭރުގައި ޓީވީ ފްލޭޝް އިންޓަވިއުއެއްގައި އެ ކުއްޖާ ވަނީ "ރޮނާލްޑޯ ކޮބާހޭ؟"، "އޭނާ ކާރުގައި ރޮނީހޭ؟" އަދި "އެއާޕޯޓަށް ދާންވީ މިހެންނޭ!" ބުނެ ރޮނާލްޑޯ އާއި ޕޯޗުގަލަށް މަލާމާތުގެ ބަސްތަކެއް ރައްދު ކޮށްފަ އެވެ.
އޭގެ ފަހުން ސެމީ ފައިނަލުން ފްރާންސް އަތުން 2-0 އިން މޮރޮކޯ ބަލިވުމާ އެކު ރޮނާލްޑޯގެ ސަޕޯޓަރުން ވަނީ އެ ކުއްޖާއާ ދިމާކޮށްލައިފަ އެވެ. ސޯޝަލް މީޑިއާގައި އެ ކުއްޖާ އަށް މީމް ހަދައި ވަރަށް ބޮޑަށް ފުރައްސާރަކުރި އެވެ.
އެ ކުއްޖާއާ ދިމާކޮށްލި މީހުންގެ ތެރޭގައި ރޮނާލްޑޯ އަށް މަރުދޭ ޔޫޓިއުބާ "އައިޝޯސްޕީޑް" ވެސް ހިމެނެ އެވެ.
އެ ކުއްޖާގެ މަންމަ ބުނީ އެ ފުރައްސާރައިގެ ސަބަބުން އޭނާ ހުރީ ނަފުސާނީ ގޮތުން ބަލިކަށިވެފައި ކަމަށާއި ކާން ވެސް، ވާހަކަ ދައްކަން ވެސް އޭނާ ދެކޮޅު ހަދާ ކަމަށެވެ.
"އަހަރެން ޔަގީންކަން ދެން އަހަރެންގެ ދަރިފުޅު އެގޮތަށް ވާހަކަ ދެއްކީ މީހަކަށް ކުޑައިމީސް ބަހެއް ބުނުމުގެ ނިޔަތަކު ނޫންކަން. އެ ކުއްޖާ އަށް ފުޓްބޯޅައިގެ އެއްވެސް ކަމެއް ނޭނގޭ. އޭނާ އަށް ދަނޑު ބޭރުން އިވުނު އެއްޗެހިތަކެއް މައިކް ދިއްކުރުމުން ކީ. މޮޅުވުމުން ފޯރީގައި ބުނެވުނު އެއްޗެހިތަކެއް އެއީ،" މަންމަ ބުންޏެވެ.
އޭނާ ބުނިގޮތުގައި ސޯޝަލް މީޑިއާގެ ބުލީންގެ ވިކްޓިމަކަށް ދަރިފުޅު ވުމުން ވަނީ ދެރަވެ މާޔޫސްވެފަ އެވެ. އަދި ރޮނާލްޑޯގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށް ބުންޏެވެ.