17 ޑިސެމްބަރ 2022 - 17:53

ވޯލްޑް ކަޕުގައި ބަންގްލަދޭޝްގެ އެތައް މިލިއަން ބަޔަކު އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓްކުރާތީ ފަހުރުވެރިވާ ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށް މުބާރާތުގެ ފައިނަލުގައި މާދަމާރޭ ފްރާންސާ ދެކޮޅަށް ނުކުންނަ އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތުން އާޖެންޓީނާ ޓީމަށް މަރުދޭތީ އެކަން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީ އަށް ވަނީ އަރައިފަ އެވެ. ޖޯގްރަފިކަލީ އަދި ނަސްލީ ގޮތުން ވެސް އާޖެންޓީނާއާ އެއްވެސް ގުޅުމެއް ނެތް ގައުމެއްގެ ރައްޔިތުން އެ ޓީމަށް ސަޕޯޓްކުރާތީ އެތައް ބަޔަކަށް ހައިރާންކަން ވެސް ވަނީ ލިބިފަ އެވެ.
ބަންގްލަދޭޝް ރައްޔިތުންގެ ހިތުގައި އާޖެންޓީނާ އަށް ލޯބި ޖެހުނީ، އެ ގައުމުގައި ލައިވްކޮށް ޓީވީން ދެއްކި ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާ 1986 ގެ މުބާރާތުން ޑިއޭގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ ތަށި ހޯދުމުންނެވެ.
ބަންގްލަދޭޝް އިން ވޯލްޑް ކަޕުގައި ކުޅޭ ނަމަ އެ ގައުމުގެ ރައްޔިތުން އެ ޓީމަށް ދޭނެ ސަޕޯޓް، އާޖެންޓީނާ އަށް ދެ އެވެ. މެޗުތައް ބަލަން ބޮޑު ސްކްރީން ދޮށަށް މީހުން އެއްވެ އެވެ. އަދި ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅޭ އެހެން ގައުމުތަކުގައި ވެސް، މެޗު ބަލަން ޖަމާވެ އެވެ. އެގޮތުން ބަންގްލަދޭޝްގެ ގިނަ ބަޔަކު ދިރިއުޅޭ ރާއްޖޭގައި ވެސް ފޯރި ބޮޑެވެ.
ހަމައެކަނި މެޗު ބަލަން އެއްވަނީއެއް ވެސް ނޫނެވެ. އާޖެންޓީނާ މޮޅުވެއްޖެ ނަމަ ވަރަށް ބޮޑަށް އުފާފާޅު ވެސް ކުރެ އެވެ. ގިނަ މެޗުތައް ނިމެނީ ދަންވަރު ކަމަށް ވިޔަސް، ފޯރިއަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ.
އެ ސަޕޯޓާ ބެހޭގޮތުން އާޖެންޓީނާ ކޯޗާ ނޫސްވެރިން ސުވާލުކުރުމުން ސްކަލޯނީ ބުނީ އެކަން އޭނާ އަށް ވެސް އެނގޭ ކަމަށާއި މިހާ ބޮޑު ލޯތްބަކާ އެކު އާޖެންޓީނާ އަށް ސަޕޯޓްކުރާތީ ހިތުގެ ފުންމިނުން އެކަން ބަލައިގަންނަ ކަމަށެވެ.
ސްކަލޯނީ ބުނީ ކުރިން މަރަޑޯނާގެ ސަބަބުން އަދި މިހާރު ލިއޮޮނަލް މެސީގެ ސަބަބުން އާޖެންޓީނާ ފުޓްބޯޅަ ޓީމަށް އެތައް ބަޔަކު ލޯބި ލިބޭ ކަމަށާއި އެއީ އުފާވާ ކަމެއް ކަމަށެވެ.
"ބަންގްލަދޭޝްގެ ރައްޔިތުން ދޭ ސަޕޯޓަށް ޝުކުރުއަދާކުރަން،" ސްކަލޯނީ ބުންޏެވެ.
ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މަރަޑޯނާ ޑްރަގް ޓެސްޓުން ފެއިލްވެ ގެޔަށް ފޮނުވާލުމުން ފީފާގެ އޭރުގެ ރައީސް ޔޮއާ ހަވެލޯންޖްގެ ސޫރަ ފޮތިން ހަދައި މަގުމަތީގައި އަންދާފަ އެވެ.
އާޖެންޓީނާ އަށް ބަންގްލަދޭޝްގައި އޮންނަ ސަޕޯޓުގެ ސަބަބުން އެ ގައުމުގައި، 2019 ވަނަ އަހަރު އާޖެންޓީނާ އިން ޕެރެގުއޭއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ވެސް ކުޅުނެވެ.
އިންޑިއާ އާއި ޕާކިސްތާން ދެބައިވެ، އިރުމަތީ ޕާކިސްތާނުގެ ގޮތުގައި ކުރިން އޮތް ބަންގްލަދޭޝް 1971 ގައި މިނިވަންވި ހިސާބުން އެ ގައުމުގައި ފުޓްބޯޅައިގެ ފޯރި ވަރަށް ބޮޑަށް އާލާވި އެވެ. އެގޮތުން 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެންމެ ފޯރިގަދަ ފުޓްބޯޅަ ލީގު އޮތީ ބަންގްލަދޭޝްގަ އެވެ. އެކަމަކު މިހާރު އެ ގައުމުގެ ކްރިކެޓް ޓީމު ވަރުގަދަކަމުން، ފޯރި އޮތީ އެ ކުޅިވަރުގަ އެވެ. އެހެންވިޔަސް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ފޯރި ކުޑައެއް ނުވެ އެވެ.
ބަންގްލަދޭޝް ނަސްލުގެ މީހުން ދިރިއުޅޭ އިންޑިއާގެ ވެސްޓް ބެންގާލަކީ ކްރިކެޓަށް މަރުދޭ އެ ގައުމުގައި ވެސް ފުޓްބޯޅައިގައި އެންމެ ސަޕޯޓް ބޮޑު ސްޓޭޓެވެ.