އަލިފާނުގެ ހާދިސާއަށް ފަހު އެފްކޮންސްގެ މުވައްޒަފަކު ގެއްލިގެން ހޯދަނީ
އަލިފާނުގެ ހާދިސާއަށް ފަހު އެފްކޮންސްގެ މުވައްޒަފަކު ގެއްލިގެން ހޯދަނީ

ވިލިމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކްގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގެ މުވައްޒަފެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ޕްލޭނިން މިނިސްޓްރީން ހަދާފައިވާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ގުޅިފަޅުގައި ހުންނަ އެފްކޮންސް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކުގައި ރޯވި ހާދިސާއަށްފަހު ހުރިހާ އެންމެން ހަމައަށް ތިބިތޯ ގުނިއިރު އެކަކު މަދު ކަމަށެވެ.

އެހެންވެ، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖިނާން ވިދާޅުވި އެވެ.

ފުލުހުން ބުނީ އެކޮމޮޑޭޝަން ބްލޮކްގައި އުޅުނު އެކަކު އަލިފާނުގެ ހާދިސާއަށް ފަހު ނުފެންނަ ކަމަށް ބުނާތީ ހާދިސާ ހިނގި އިމާރާތާއި އެތަނުގެ ވަށައިގެން އޮތް ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރޯވި އެކޮމޮޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން އަލިފާނުގައި 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ދޭން ޖެހުނެވެ. ބައެއް މީހުން ސަލާމަތްވުމަށް އިމާރާތުން ފުންމާލުމުން ތަންތަން ވަނީ ބިންދައިގެން ގޮސްފައިވެ އެވެ.

އަލިފާނުގެ ހާދިސާގައި އަނިޔާވި 13 މީހަކަށް އައިޖީއެމްއެޗުގައި އަދި 60 އަށް ވުރެ ގިނަ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާދިނެވެ. ޓްރީޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ގިނައީ އަތްފައި ބިނދިފައިވާ މީހުންނެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބޮލަށް އަނިޔާވެގެން ފަރުވާދޭން ޖެހުނެވެ. އަދި އެކަކު އޮތީ އައިސީޔޫގަ އެވެ.

އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ މުވައްޒަފުންގެ ހުރިހާ އެއްޗެއް އަނދައި ހާލުގައި ޖެހުމުން މުވައްޒަފުން މިއަދު ގުޅިފަޅުގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ. އެކަމަކު އެ މީހުންނަށް ކުންފުނިން އެހީވާނެ ކަމުގެ ޔަގީންކަން ދިނުމުން އިހުތިޖާޖު ހުއްޓާލާފައިވާ ކަމަށް ބްރިޖް މަޝްރޫއުގެ އޮފީހުން ބުންޏެވެ. އެތަނުން ބުނި ގޮތުގައި އިހުތިޖާޖު ކޮށްފައިވަނީ އަލިފާނުގައި އެ މީހުންގެ ހުރިހާ އެއްޗެއް ހަލާކުވުމުންނެވެ.