08 ޖޫން 2016 - 22:21

މިނިސްޓްރީތަކުގައި މަސައްކަތް ކުރައްވާ ޕާމަނަންޓް ސެކެޓްރީންގެ ތެރޭގައި ސަރުކާރަށް އުނދަގޫ ކުރާ ބަޔަކު ވެސް ތިބި ކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރަކު މިއަދު އިންޒާރު ދެއްވައިފި އެވެ.
ޕާމަނަންޓް ސެކްރެޓަރީން އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފަޔާ އެކު އައްޔަން ކުރާ ގޮތަށް ހަމަޖެއްސުމަށް ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި މިހާރުވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. މި އިސްލާހު ފާސްވެއްޖެ ނަމަ މިނިސްޓްރީތަކުގައި މިހާރު ތިއްބެވި ޕާމަނަންޓް ސެކެޓްރީން ވަކި ކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެން ދާނެ އެވެ.
އަބްދުއްލަތީފް މިއަދު ވިދާޅުވީ ބައެއް ޕާމަނަންޓް ސެކެޓްރީންގެ ފަރާތުން މިނިސްޓަރަށް އުނދަގޫވާ ކަންކަން ފާހަގަވެފައި އެބަހުރި ކަމަށެވެ. އެހެންކަމުން ޕާމަނަންޓް ސެކެޓްރީންނާ މެދު ފިޔަވަޅު އަޅައި މިނިސްޓްރީތައް ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބައެއް ޕާމަނަންޓް ސެކެޓްރީން ފަސް ޖެހެމުން ދާތީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން ކުރާ އަމުރުތަކެއް ކަމަށް ބަލާފައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެ ބޭފުޅުންނަށް (ޕާމަނަންޓް ސެކެޓްރީން) ވަރަށް އުނދަގޫވޭ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން،" އަބްދުއްލަތީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޕާމަނަންޓް ސެކެޓްރީންނާއި މިނިސްޓަރާ ގުޅުން ނޯންނަ ނަމަ މިނިސްޓްރީތައް ހިންގަން ފަސޭހަ ނުވާނެ ކަމަށް ވިދާޅުވެ އަބްދުއްލަތީފް ވަނީ އޭނާ ހުށަހެޅުއްވި އިސްލާހު ދިފާއު ކުރައްވާފަ އެވެ.
"އެއީ ވަރަށް ބޮޑު ހިޔާލު ތަފާތުވުންތަކެއް، ދެބަސްވުންތަކެއް، ހަމަނުޖެހުންތަކެއް އެބަ ދިމާވޭ. އެހެންވީމަ މި އިސްލާހުގެ ސަބަބުން އެކަން ހައްލުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އަބްދުއްލަތީފް ވިދާޅުވި އެވެ.
ޕާމަނަންޓް ސެކެޓްރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފާ އާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގުމާއި ބެލެހެއްޓުމެވެ. އެ ތަނެއްގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންގެ އެންމެ އިސް ފަރާތަކީ ޕާމަނަންޓް ސެކެޓްރީ އެވެ.