16 ޑިސެމްބަރ 2022 - 17:19

ކެންބެރާ (ޑިސެމްބަރު 16) އޮސްޓްރޭލިއާގެ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް ޝެރޯން ކްލޭޑަން އަށް "ފިރިހެނުންގެ ލަގަބު" ބޭނުންކޮށްގެން އިދިކޮޅު ޕާޓީގެ ލީޑަރު ވާހަކަ ދެއްކެވި މައްސަލަ ހޫނުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މިލްޓަން ޑިކް، ރިޔާސަތުގައި ނެތް ވަގުތެއްގައި ކްލޭޑަން މަޖިލީހުގެ ރިޔާސތު ބަލަހައްޓަވައި، އިއްޔެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ހަކަތައިގެ ބިލަށް ބަހުސް ކުރައްވަމުން، އޮސްޓްރޭލިއާގެ އިދިކޮޅު ލިބަރަލް ޕާޓީގެ ލީޑަރު ޕީޓާ ޑަޓަން ވަނީ "މިސްޓަ ސްޕީކާއޭ" މުހާތަބު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެ ލަގަބު ބޭނުންކޮށްގެން އޭނާ ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން "މެޑަމް ސްޕީކާ" އޭ ވިދާޅުވުމަށް އޭނާ އަށް ކްލޭޑަން ހަނދާން ކޮށްދެއްވި އެވެ.
"އަހަރެން މާފަށް އެދެން މެޑަމް ސްޕީކާ،" މިސްޓަ ސްޕީކާއޭ ވިދާޅުވުމުން ކްލޭޑަން އެކަން ރަނގަޅުކޮށް ދެއްވުމުން، ޑަޓަން އެއްފަހަރު ވިދާޅުވި އެވެ. އެކަމަކު މާފަށް އެދިވަޑައިިގެން ފަހު ވެސް އޭނާ ގެންދެވީ "މިސްޓަ" ގެ ލަގަބު ބޭނުން ކުރައްވައިގެން ކްލޭޑަން އާ މުހާތަބު ކުރައްވަމުންނެވެ.
"އަހަރެން މި ހަނދާންކޮށް ދެނީ އަހަރެންގެ ޝަރަފުވެރި ލަގަބުން އަހަންނާ މުހާތަބު ކުރުމަށް،" ޑަޓަންގެ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ދެވަނަ ފަހަރަށް ހަނދާންކޮށް ދެއްވުމުގެ ގޮތުން ކްލޭޑަން ވިދާޅުވި އެވެ.
އެކަމަކު އޭނާ އެކަމަށް އިޖާބަ ނުދެއްވައި ވާހަކަ ގެންދެވީ ކުރިއަށެވެ. އޭނާގެ ވާހަކައިގައި 18 ފަހަރު "މިސްޓަ ސްޕީކާ" އޭ ވިދާޅުވެ ކްލޭޑަން އާ މުހާތަބު ކުރެއްވި އެވެ.