16 ޑިސެމްބަރ 2022 - 11:21

ލިޒްބަން (ޑިސެމްބަރު 16) - ވޯލްޑް ކަޕުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު ޕޯޗުގަލްގެ ކޯޗުކަމުން ފެނާޑޯ ސަންޓޯސް ވަކިކޮށްފި އެވެ.
އޭއެފްޕީން ބުނި ގޮތުގައި ގައުމީ ޓީމު ކޯޗަކަށް އޭއެސް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ ގެންދަން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްޕީއެފް) އިން ދަނީ މަސައްކަތް ކުރަމުންނެވެ.
ސެޕްޓެމްބަރު 2014 ގައި ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވި ސަންޓްސް ވަނީ ޕޯޗުގަލްގެ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔޫއެފާ ނޭޝަން ލީގު ކާމިޔާބުކޮށް ދީފަ އެވެ.
"އަށް އަހަރު ވަންދެން އަހަރެމެންނާ އެކު ސަންޓޯސް ފެށި ކާމިޔާބު ދަތުރު ނިންމާލަން އަހަރެމެން ދެ ފަރާތް އެއްބަސްވަމެވެ.،" ސަންޓޯ، 68، މަގާމުން ދުރުކޮށްފައިވާކަން ހާމަކުރުމުގެ ގޮތުން އެފްޕީއެފުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޕޯޗުގަލްގެ ކުޅިވަރު ނޫސް "ރެކޯޑް" އިން ބުނި ގޮތުގައި މޮރީނިއޯ މަގާމަށް ހަމަޖައްސަން އެފްޕީއެފް އިން މަސައްކަތް ކުރަނީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އޭރުން ރޯމާގެ މަސައްކަތުގައި އުޅެފައި އިންޓަނޭޝަނަލް ބްރޭކުގައި ގައުމީ ޓީމަށް އޭނާ އަށް ހުސްވެ ހުރުމުގައި ހުރަހެއް ނޯންނާނެ އެވެ.
ރޯމާގެ ޓީމާއެކު މޮރީނިއޯ މިވަގަުތު ހުރީ ޓްރޭނިން ކޭމްޕުގައި ޕޯޗުގަލްގަ އެވެ. އިއްޔެ އެ ގައުމުގެ ގައުމީ ޓީމުގެ ވަޒީފާ އާ ބެހޭގޮތުން ނޫސްވެރިޔަކު އޭނާ ސުވާލު ކުރުމުން ޖަވާބެއް ނުދެ އެވެ.
މޮރީނިއޯ، 59، މިހާތަނަށް ގައުމީ ޓީމަކަށް ކޯޗުކޮށް ދީފައެއް ނުވެ އެވެ. ނަމަވެސް އޭނާ އަކީ ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗެވެ.
ޕޯޓޯ އަށް 2004 ގެ ޗެމްޕިއަންސް ލީގު ހޯދައިން މޮރީނިއޯ ނުގެންދެވިއްޖެނަމަ ޕޯޗުގަލްގެ ޓާގެޓްގެ ގޮތުގައި އެ ގައުމަށް ނިސްބަތްވާ ފަސް ކޯޗުން އެބަ ތިއްބެވެ.
އެއީ އެ ގައުމުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ރުއީ ޖޯޖް، ބްރެޒިލްގެ ޕަލަމޭރަސްގެ ކޯޗު އަބެލް ފެރޭރާ، ލިލްގެ ކޯޗު ޕައުލޯ ފޮންސެކާ، މިސްރުގެ ގައުމީ ޓީމުގެ ކޯޗު ރުއީ ވިޓޯރިއާ އަދި ފެނަބާޗޭގެ ކޯޗު ޖޯޖް ޖީސަސް އެވެ.
އަންނަ އަހަރު މާޗް މަހު ޔޫރޯ 2024 ގެ ކޮލިފައިން ފަށާނެ އެވެ. އާ ކޯޗަށް އޮންނާނީ ޔޫރޯ އަށް ޓީމު ކޮލިފައިކޮށް ދީ އެ މުބާރާތް ކާމިޔާބު ކުރުމެވެ.