ގުޅޭނެ ޝޯޓް ކޯޑެއް ތައާރަފުކޮށް، މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް
ގުޅޭނެ ޝޯޓް ކޯޑެއް ތައާރަފުކޮށް، މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް

ގައުމީ އެއާލައިން މޯލްޑިވިއަން އިން މާލޭގައި ހިންގަމުން ދިޔަ ކޯލް ސެންޓަރު ފުވަމުލަކަށް ބަދަލުކޮށް، މިއަދު އެ ތަން ރަސްމީކޮށް ހުޅުވައިފި އެވެ.

ގުޅޭނެ ޝޯޓް ކޯޑެއް ތައާރަފުކޮށް، މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް
ގުޅޭނެ ޝޯޓް ކޯޑެއް ތައާރަފުކޮށް، މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް

އެ ތަން ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ތަން ހުޅުވުމަށް ފަހު މޯލްޑިވިއަން އިން ވަނީ ރިޒަވޭޝަން އާއި ޓިކެޓިންގެ ހިދުމަތް ހޯދަން ގުޅާނެ ޝޯޓް ކޯޑު ނަމްބަރު 1671 ތައާރަފުކޮށްފަ އެވެ.

ކޯލް ސެންޓަރު ފުވަމުލަކަށް ބަދަލުކުރުމާ ގުޅޭގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އެ ސިޓީއަށް އެ ތަން ބަދަލުކުރީ ސަރުކާރުން ގެންގުޅޭ ލާމަރިކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން، ހިދުމަތްތައް ލާމަރުކަޒު ކުރުމަށް ކަމަށެވެ.

އެއީ މާލެއިން ބޭރުގައި މޯލްޑިވިއަން އެއާލައިނުން ހުޅުވި ފުރަތަމަ ކޯލް ސެންޓަރު ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ޖެނިފާ ވިދާޅުވިގޮތުގައި އެ ކޯލް ސެންޓަރުގެ ވަޒީފާތަކަށް ނަގާނީ ފުވައްމުލަކުގެ މީހުންނެވެ. މިހާތަނަށް 13 މުވައްޒަފުން ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަލަށް މި ފަދަ ހިދުމަތެއް ދޭ ތަނެއް މާލެ އިން ބޭރަށް މި ބަދަލު ކުރީ. މިއީ ހެޔޮ ބަދަލެއް. އެ ރަށުގެ ގިނަ ބަޔަކަށް ގިނަ ވަޒީފާތަކެއް ތަނަވަސް ވާނެ ފުރުސަތެއް. އަޅުގަނޑުމެން އެ ތަނުން ފުރުސަތު ދޭނީ އެ ރަށުގެ ރައްޔިތުންނަށް. ރަށަށް އިގުތިސާދީ ހެޔޮ ބަދަލެއް ވެސް އެކަމުގެ ސަބަބުން އަންނާނެ،" ޖެނިފާ ވިދާޅުވި އެވެ.

މޯލްޑިވިއަން އެއާލައިނުން ބުނިގޮތުގައި ކޯލް ސެންޓަރަށް އޮފް ސީޒަނުގައި މަހެއްގެ މައްޗަށް އެވްރެޖުކޮށް 8،000 ކޯލު ލިބެ އެވެ. ޕީކް ސީޒަނުގައި 12،000 އެއްހާ ކޯލު ލިބެ އެވެ.

މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނީ ހޮނިހިރުން ބުރާސްފަތި ދުވަހަށް ހެނދުނު 9 އިން ރޭގަނޑު 8 އަށެވެ. ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރު 2 އިން ރޭގަނޑު 8 އަށެވެ.