12 މެއި 2017 - 07:16

ލަންޑަން (މެއި 11) - ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ކްލަބްތަކުން ފާރަލަމުން އަންނާތީ އޭނާ އަށް ބޮޑު މުސާރައަކާ އެކު އިތުރު އެއްބަސްވުމެއްދޭން ޗެލްސީން ނިންމައިފި އެވެ.
މި ސީޒަން ފެށުމުގެ ކުރިން ކޮންޓޭ ޗެލްސީއާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ފުރަތަމަ ސީޒަނުގައި ޗެލްސީން ލީގު ކަށަވަރުކުރުމާ ގާތުގައި އޮތްއިރު، އެފްއޭ ކަޕް ފައިނަލުން ވެސް އެ ޓީމު ވަނީ ޖާގަ ހޯދައިފަ އެވެ.
ކޮންޓޭ ހޯދުމަށް އިޓަލީގެ ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިންޓަ ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން އިންޓަ އިން ރަސްމީކޮށް ކޮންޓޭ އަށް ހުށަހަޅާނެ އެވެ.
މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޗެލްސީގެ ވެރިޔާ ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް ވަނީ ކޮންޓޭގެ އެއްބަސްވުން އިތުރުކޮށް އޭނާގެ މުސާރަ ވެސް ބޮޑު ކުރުމަށް ނިންމައިފަ އެވެ. އެގޮތުން އަބްރަމޮވިޗް ނިންމާފައިވަނީ އަހަރަކު 10 މިލިއަން ޔޫރޯ ލިބޭ ގޮތަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ކޮންޓޭ އަށް ދިނުމަށެވެ.
މިދިޔަ ސީޒަނުގައި ލީގުގެ 10 ވަނައިގައި ޗެލްސީން ނިންމާލިއިރު، މިއީ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭ އެ ޓީމުން އެންމެ ދަށްކޮށް ލީގެއް ނިންމާލި ފަހަރެވެ. މި ސީޒަނުގައި ޗެލްސީއާ ހަވާލުވެ ކޮންޓޭ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ކާމިޔާބުގެ މަގަށް އެ ޓީމު ގެނެސްފަ އެވެ.
މި ފަހަރުގެ ސީޒަނުގެ ކާމިޔާބުކޮށް ނިންމާލެވިއްޖެނަމަ ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނުގައި ޓީމު ވަރުގަދަ ކުރުމަށް ޗެލްސީން 150 މިލިއަން ޕައުންޑް ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.
ލީގުގައި މިރޭ ޗެލްސީ ރަށުންބޭރުގައި ނުކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ. މިރޭގެ މެޗުން މޮޅުވެއްޖެނަމަ ޗެލްސީ އަށް ލީގު ކަށަވަރުވާނެ އެވެ.