14 ޖެނުއަރީ 2017 - 08:35

ލަންޑަން (ޖެނުއަރީ 14) - ޗެލްސީ އާއި އެ ޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ މައްސަލަ ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ލީގުގައި މިރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ކޮސްޓާއާ މެދު ވަނީ ދެބަސްވުމެއް ހިގައިފަ އެވެ.
ކޮންޓޭ އާއި ކޮސްޓާއާ ދެބަސްވުމަކަށް ދާން ޖެހުނީ ޓީމުގެ ދެ މެޑިކަލް ސްޓާފުން ކޮސްޓާގެ އަނިޔާއެއް ނެތްކަމަށް ބުނެފައިވަނިކޮށް އަނިޔާވެފައިވާ ކަމަށް ބުނެ އޭނާ ކުޅުމަށް އިންކާރުކުރާތީ އެވެ. މި މައްސަލަ ޖެހުމާ އެކު މިރޭ ލެސްޓާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ޗެލްސީ ސްކޮޑުން ކޮސްޓާ ވަނީ ބާކީކޮށްފަ އެވެ.
ޗެލްސީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތްއިރު އެ މަގާމަށް އެ ޓީމު އައުމުގައި ކޮސްޓާގެ ދައުރު ބޮޑެވެ. ކޮސްޓާ ވަނީ ލީގުގައި މިހާތަނަށް 14 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.
ކޮސްޓާ އާއި ޗެލްސީއާ ދެމެދު މި ހިތްހަމަ ނުޖެހުން އުފެދުނުއިރު ދާދި ފަހުން ޗައިނާ ލީގުގެ ކްލަބަކުން ކޮސްޓާ އަށް ވަނީ އަހަރަކު 30 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 28 އަހަރުގެ ކޮސްޓާ ވަނީ ޗައިނާ ކްލަބްގެ އޮފިޝަލުންނާ މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް ވަކިގޮތެއް ނިންމިކަން ހާމަކޮށްފައެއް ނުވެ އެވެ.
ޗެލްސީއާ އެކު ކޮސްޓާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު ބައި އޮތްއިރު، އެ ކްލަބުން އަންނަނީ އެއްބަސްވުން އާ ކުރަން މަޝްވަރާ ކުރަމުންނެވެ. ކޮސްޓާ ވަނީ މި ސީޒަން ފެށުމުގެ ކުރިން ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ދާން އެ ޓީމާ އެކު ވެސް ވާހަކަ ދައްކައިފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޓޮޓެންހަމް އަތުން ބަލިވުމުން ކުރީގެ ފޯމަށް އެނބުރި އަންނަން މިރޭ ލެސްޓާ ބަލިކުރުން ޗެލްސީ އޮތީ ކެތްމަދުވެފަ އެވެ. މިރޭ ލެސްޓާ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.