15 ޑިސެމްބަރ 2022 - 11:52

ރޭ ފްރާންސް އަތުން 2-0 އިން ބަލިވެ ވޯލްޑް ކަޕުގެ ފައިނަލުގެ ފުރުސަތު މޮރޮކޯ އަށް ގެއްލުނަސް މުބާރާތުގައި އެ ޓީމުން ދެއްކި ކުޅުމާއި ކުރި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ.

ބެލްޖިއަމް އާއި ކެނެޑާ ބަލިކޮށް، ކްރޮއޭޝިއާއާ އެއްވަރުކޮށް ގްރޫޕުގެ އެއް ވަނަ ހޯދައި ދެ ވަނަ ބުރަށް ދަތުރުކުރި މޮރޮކޯ ކުއާޓާ ފައިނަލުން ޖާގަ ހޯދީ 2010 ގެ ޗެމްޕިއަން ސްޕެއިން ޕެނަލްޓީން ބަލިކުރުމަށް ފަހު އެވެ. އަދި ކުއާޓާގައި ގަދަފަދަ ޕޯޗުގަލް 1-0 އިން ބަލިކޮށް ސެމީން ޖާގަ ހޯދީ އެވެ.
އެ މޮޅާ އެކު މޮރޮކޯ ވެފައިވަނީ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ފުރުސަތު ހޯދި އެފްރިކާގެ ފުރަޔަމަ ގައުމަށެވެ. އަދި އެ ޝަރަފް ހޯދި އަރަބި އިސްލާމީ ފުރަތަމަ ގައުމަކަށް ވެސް މޮރޮކޯ ވި އެވެ.
ސެމީގައި ރޭ ފްރާންސްއާ ދެކޮޅަށް ވެސް މޮރޮކޯ އިން، އަނިޔާގެ މައްސަލަތަކާ އެކު ވެސް ވަރުގަދަ ކުޅުމެއް ދެއްކި އެވެ. މެޗު ކޮންޓްރޯލް ވެސް ކުރި އެވެ. ފުރުސަތުތައް ވެސް ތަނަވަސްކުރި އެވެ. ހަމައެކަނި މައްސަލައަކަށްވީ ނިންމާލުމެވެ.
މުބާރާތުގައި މިހާތަނަށް އެންމެ މޮޅު ކުޅުން ދެއްކި ކުޅުންތެރިންގެ ތެރޭގައި މޮރޮކޯގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭކަމީ އެ ޓީމުން މުބާރާތުގައި ކުރިއަށް ދިޔައީ، ހައްގު ގޮތުގައި ކަން ސާބިތުވާ ކަމެކެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ޔާސީން ބޯނޫ އާއި މިޑްފީލްޑަރު ސޮފްޔަން އަމްރަބާތު އަދި ޔޫރަޕުގައި މިހާރު ވެސް ވިދަމުން އަންނަ ވިންގާ ހަކީމް ޒިޔެޝް އާއި ފުލްބެކް އަޝްރަފް ހަކީމީ ފާހަގަކުރެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޭގެ މެޗަށް ފަހު ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން ވަނީ މޮރޮކޯގެ ޗޭންޖިން ރޫމަށް ގޮސް ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެއްވައިފަ އެވެ. އަދި އަމްރަބާތަކީ މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ބުނެ އޭނާ އަށް ތައުރީފު ކުރެއްވި ކަމަށް ވެސް ވެ އެވެ.
މޮރޮކޯ އަށް ތައުރީފު އޮހެނީ ހަމައެކަނި ދެއްކި ކުޅުމުން އެކަންޏެއް ނޫނެވެ. އެ ޓީމުގެ ކުޅުންތެރިން ވަނީ އިންސާނީ، އިސްލާމީ ރަނގަޅު އަހުލާގު ވެސް ދައްކައިފަ އެވެ. މެޗުން މޮޅުވުމުން ކުޅުންތެރިން އުފާފާޅުކުރީ މައިންނާ އެކު އެވެ. ހަކީމީ ކޮންމެ މެޗަކަށް ފަހު ގޮސް އޭނާގެ މަންމަގެ ނިތްކުރީގައި ބޮސްދެ އެވެ. ބައެއް ކުޅުންތެރިން މަންމައާ އެކު ދަނޑުމަތީގައި ނަށާލައި، އުފަލުގައި މަންމަ ބައިވެރިކުރި އެވެ. މި މަންޒަރުތަކުން އެތައް ބައެއްގެ ލޮލުން ކަރުނަ ފާއްދާލި އެވެ.
މެޗު ނިމުމާ އެކު މޮރޮކޯ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މާތްﷲ ޝުކުރު ކުރުމުގެ ގޮތުން ދަނޑުމަތީގައި ސަޖިދަ ޖަހަ އެވެ. ހަމައެކަނި މެޗުން މޮޅުވުމުން ނޫނެވެ. ރޭ ބަލިވުމުން ވެސް، ސަޖިދަ ޖެހި އެވެ.
"މިއީ އަހަރެެމެންގެ ކާމިޔާބެއް ނޫން. މިއީ ﷲ ދެއްވާ ކާމިޔާބީ،" ސްޕެއިން ބަލިކުރުމަށް ފަހު އެ ޓީމުގެ ކުޅުންތެރިޔަކު ސޯޝަލް މީޑިއާގައި ލިޔުނެވެ.
މީގެ އިތުރުން މޮރޮކޯ ކުޅުންތެރިންނާއި ސަޕޯޓަރުން މުބާރާތުގެ ތެރެއިން ފަލަސްތީނުގެ ދިދަ އުފުލުމަކީ އެތައް މުސްލިމުންގެ ހިތްތަކަށް ފިނިކަން ލިބުނު ކަމެކެވެ. ދުނިޔޭގެ އެންމެންގެ ލޯ އަމާޒުވި ބޮޑު ހަރަކާތެއްގެ ތެރެއިން ފަލަސްތީނުގެ ހުއްރިއްޔަތަށް މޮރޮކޯ ކުޅުންތެރިން ގޮވާލުންވީ، ފަލަސްތީން ނުކުޅުނު ނަމަވެސް އެ ގައުމަށް ވޯލްޑް ކަޕުގައި ލިބުނު ކާމިޔާބަކަށެވެ.
މިއީ މޮރޮކޯ އިން އެފްރިކާ ބައްރާއި އަރަބި އިސްލާމުން ފަހުރުވެރިކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕުގެ މެޗަކުން ޕޮއިންޓެއް ހޯދި ފުރަތަމަ އެފްރިކާގެ ޓީމު ވެސް މެ އެވެ. އެ ޝަރަފް ހޯދީ 1970 ގައި މެކްސިކޯގައި އޮތް މުބާރާތުގައި ބަލްގޭރިއާއާ 1-1 އިން އެއްވަރުކޮށްގެންނެވެ.
އަދި 1986 ގައި މެކްސިކޯގައި އޮތް މުބާރާތުގައި ދެ ވަނަ ބުރުން ފުރުސަތު ހޯދައި ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރުން ފުރުސަތު ހޯދި އެފްރިކާގެ ފުރަތަމަ ޓީމަށް ވެސް މޮރޮކޯ ވި އެވެ. އެ ކާމިޔާބީ ހާސިލްކުރީ އިންގްލެންޑާއި ޕޯޗުގަލް އާއި ޕޮލެންޑް ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ.
އޭގެ ފަހުން 1990 ގައި ކެމަރޫން، 2002 ގައި ސެނެގާލް އަދި 2010 ގައި ގާނާ އިން ކުއާޓާ ފައިނަލަށް ގޮސް، ވޯލްޑް ކަޕުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި އެފްރިކާގެ ގައުމުތަކުގެ ޝަރަފް ހޯދި އެވެ. ނަމަވެސް މޮރޮކޯ އިން މި އަހަރު ސެމީ އަށް ދިއުމާ އެކު އެ ޝަރަފް އަނެއްކާ ވެސް މިވަނީ މޮރޮކޯ އަށް ލިބިފަ އެވެ. ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ބަލިކޮށް މޮރޮކޯ އިން ވޯލްޑް ކަޕުގެ ތިން ވަނަ ހޯދައިފި ނަމަ އެ ގައުމުން ފުޓްބޯޅަ ތާރީހުގައި މުޅިން އާ ސަފުހާއެއް ލިޔާނެ އެވެ.
ސުވާލެއް ނެތް ގޮތެއްގައި މޮރޮކޯ އިން މިވަނީ ފުޓްބޯޅައިގައި އެ ގައުމުގެ ފެންވަރު ދުނިޔޭގެ އެންމެ މަތީ ސްޓޭޖުގައި ސާބިތުކޮށްދީފަ އެވެ. ދެން އޮތީ އެ ގައުމުން ވަރަށް ކުރީއްސުރެ ދެކެމުން އަންނަ ފުޓްބޯޅައިގެ އެހެން ހުވަފެނެއް ސީދާކުރުމެވެ. އެއީ ވޯލްޑް ކަޕް ބޭއްވުމުގެ ޝަރަފް ހޯދުމެވެ. މޮރޮކޯ އިން 1994، 1998، 2006، 2010 އަދި 2026 ގެ މުބާރާތް ބާއްވަން ބިޑުކުރި އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕް ބާއްވަން ބިޑުކޮށް އެންމެ ގިނައިން ނާކާމިޔާބުވި ގައުމެވެ.
މޮރޮކޯގެ މިހާރުގެ އަމާޒަކީ 2030 ގެ މުބާރާތް ބޭއްވުމަށެވެ. އެކަން ކާމިޔާބުވެއްޖެ ނަމަ މޮރޮކޯ ވާނީ އެފްރިކާގައި ވޯލްޑް ކަޕް ބާއްވާ ދެ ވަނަ ގައުމަށެވެ. އަދި އަރަބި އިސްލާމީ ގައުމުތަކުގެ ތެރެއިން އެ ފުރުސަތު ހޯދާ ދެ ވަނަ ގައުމަށެވެ. މީގެ އިތުރުން އެ ވޯލްޑް ކަޕް ވާނީ އެފްރިކާގެ ހުޅަނގު ބިތުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މޮރޮކޯ އިން ފަހަރުގައި ޓިއުނީޝިއާ އާއި އަލްޖީރިއާ ގުޅިގެން ނުވަތަ މިސްރާ ގުޅިގެން ވެސް ބިޑުކޮށްފާނެ އެވެ.
އެ މުބާރާތް ބާއްވަން އުރުގުއޭ، އާޖެންޓީނާ، ޕެރެގުއޭ އަދި ޗިލީ ގުޅިގެން ބިޑުކުރާނެ އެވެ. ސްޕެއިން، ޕޯޗުގަލް އަދި ޔޫކްރޭން ގުޅިގެންނާއި މިސްރު، ގްރީސް އަދި ސައޫދީ އަރަބިއްޔާ ގުޅިގެން ބިޑުކޮށްފާނެ ކަމަށް ލަފާކުރެވެ އެވެ. ޗައިނާ އާއި އޮސްޓްރޭލިއާ އިން ވެސް އެ ފުރުސަތު ހޯދަން ބޭނުންވެ އެވެ.
މޮރޮކޯ އަށް ދެން އޮތީ ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި އެ ގައުމުގެ ކުޅަދާނަކަން ސާބިތުކޮށްދިނުމެވެ. އެ ގައުމުގެ މެހެމާންދާރީ ދުނިޔެ އަށް ދެއްކުމެވެ. އަދި އެ ގައުމުގެ މުއްސަނދި ސަގާފަތާއި ގުދުރަތީ ރީތިކަމުގެ ތެރެއިން ލާފައި މުޅި ދުނިޔެ އަށް ފުޓްބޯޅައިން ހިތްހަމަޖެހުން ގެނެސްދިނެވެ. އެކަން ވާން އޮތީ ވޯލްޑް ކަޕް ބިޑު ކާމިޔާބުވެގެންނެވެ.