14 ޑިސެމްބަރ 2022 - 19:14

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކަވަރުކުރަނިކޮށް މިދިޔަ ހަފުތާގައި އެމެރިކާގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ގްރާންޓް ވާލް މަރުވީ ހިތުގެ މައި ލޭނާރު ފަޅައިގެން ގޮސްގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓާ ހަވާލާދީ އާއިލާ އިން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ މުބާރާތުގެ ކުއާޓާ ފައިނަލުގައި ނެދަލެންޑްސް އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން އާޖެންޓީނާ މޮޅުވި މެޗު ކަވަރުކުރަން ހުއްޓާ ވާލް އަނބުރައިގަނެގެން މީޑިއާ ބޮކްސް ތެރެއަށް ވެއްޓުނީ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ސްޓޭޑިއަމުގައި ފުރަތަމަ އެހީ ދީފަ އެވެ.
ވާލް އަށް ދިމާވި މައްސަލައަކީ ހިތުން، ހަށިގަނޑުގެ އެހެން ބައިތަކަށް ލޭ ފޮނުވައިދޭ މައި ލޭނާރު ބަލިކަށިވީ އެވެ. އޭގެ ސަބަބުން އެ ނާރުން ތަންގަނޑެއް ފުއްޕައި، އެތަން ފަޅައިގެން ދިޔައީ އެވެ. މިގޮތަށް ލޭނާރު ބަލިކަށިވުމުން ކެއްސައި، ނޭވާކުރުވެ، މެޔަށް ތަދުވެ އެވެ.
ވާލް ވަނީ އެ އަލާމާތްތައް ހުރެގެން، ދޯހާގެ މީޑިއާ ސެންޓަރުގައި ހުންނަ ކްލިނިކަށް ދައްކައިފަ އެވެ. ޑޮކްޓަރުން ބުނީ އޭނާގެ ފުއްޕާމޭގެ އިންފެކްޝަނެއް ހުރި ކަމަށެވެ. އެ ފަހަރު ޑޮކްޓަރު ދިން އެންޓި ބައޮޓިކާއި ކެއްސާބޭސް ބޭނުންކުރުމުން ލުއިވި ކަމަށް ވާލް ބުނެފައިވެ އެވެ.
ވާލް އޭރު އޭނާގެ ވެބްސައިޓުގައި ލިޔުނު ގޮތުގައި ވޯލްޑް ކަޕް ފެށިގެން ވީ ތިން ހަފުތާގައި ނިދުނީ ކުޑަކޮށް ކަމަށާއި ސްޓްރެސް ވެސް އެހާ ބޮޑު ކަމަށެވެ. އަދި ބުރަކޮށް މަސައްކަތްކުރުމުގެ ސަބަބުން ހަށިގަނޑު ބަލިވެފައިވާ ކަމަށެވެ.
"މެޔަށް އުނދަގޫވާކަމުގެ އިހުސާސްކުރެވޭ،" އޭނާ ލިޔެފައިވެ އެވެ.
ވާލްގެ މަރާ ގުޅުވައިގެން ތަފާތު ވާހަކަތައް އައީ ދެކެވެމުންނެވެ. އެއް ބަޔަކު ވަނީ އޭނާގެ މަރުގައި ގަތަރުގެ އަތެއްވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެއީ ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމްތައް ބިނާކުރުމުގެ މަސައްކަތްކުރި ބިދޭސީ މަސައްކަތްތެރިންނާ އެ ގައުމުން އަމަލުކުރި ދެރަ ގޮތްތަކާ ބެހޭގޮތުން ލިޔުނު ލިޔުމަކާ ގުޅިގެން ކުރެވުނު ތުހުމަތެކެވެ.
އެއް ބަޔަކު ވަނީ އޭނާގެ މަރުގެ ފަހަތުގައި ވަނީ ކޮވިޑް ވެކްސިން ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު ވާލްގެ އަންހެނުން، އެމެރިކާގެ މަޝްހޫރު އިންފެކްޝިއަސް ޑިޒީޒް ފިޝީޝިއަން ޑރ. ސެލިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ކޮވިޑުގެ ކަންކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ލަފާދެއްވާ ސެލިިން ވިދާޅުވީ، އޮޓޮޕްސީ ރިޕޯޓާ އެކު، ވާލްގެ މަރާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ނިމުން އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ވޯލްޑް ކަޕުގެ ތެރޭގައި ވާލް އަށް ސަމާލުކަން ލިބުނީ އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ރެއިންބޯ ޓީޝާޓެއް ލައިގެން ސްޓޭޑިއަމަށް ވަންނަން އުޅުމުން، ސެކިއުރިޓީން ދަނޑަށް ވަނަނުދީ ހިފެހެއްޓުމުންނެވެ.
ގަތަރުގައި އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމާ ގުޅޭ ޝިޔާރުތައް ފާޅުކުރުން މަނަލެވެ. އެހެންވެ ފީފާ އިން ވަނީ، އެކަން ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑް އެޅުން މަނާކޮށްފަ އެވެ. އަދި ސްޓޭޑިއަމުގައި ވެސް އެފަދަ ޝިޔާރެއް ފާޅުކުރުން މަނަލެވެ.
ވާލް ބުނި ގޮތުގައި ސްޓޭޑިއަމް ބޭރުގައި ހުރި ސެކިއުރިޓީ އޮފިސަރު ވަނީ އެ ޓީޝާޓް ނުލެވޭނެކަން އަންގައި، އަދި އެ ވާހަކަ އޭނާ ޓްވީޓްކުރަން އުޅުމުން ފޯނު ވެސް ގަދަކަމުން އަތުލާފައި ކަމަށެވެ.
އޭނާ 25 މިނެޓު ވަންދެން ހިފެހެއްޓި ކަމަށާއި އަދި ޓީޝާޓް ބޭލުމަށް އެންގި ކަމަށް ވާލް ބުންޏެވެ. އަދި ސްޓޭޑިއަމަށް ވަންނަން ދިޔަ ނިއުޔޯކް ޓައިމްސްގެ ނޫސްވެރިއެއް ގާތު އެ ވާހަކަ ބުނުމުން ސެކިއުރިޓީން އެ ނޫސްވެރިޔާ ވެސް ހިފެހެއްޓި ކަމަށާއި، ނަމަވެސް އެ ނޫސްވެރިޔާ އިރުކޮޅެއް ފަހުން ދޫކޮށްލި ކަމަށް ވާލް ބުންޏެވެ.
ފަހުން ސެކިއުރިޓީންގެ އިސް މީހަކު އައިސް ވާލް ދޫކޮށްލައި އޭނާގެ ކިބައިން މައާފަށް އެދުނެވެ.
ވާލް ނޫސްވެރިކަން ފެށީ 1996 ގައި، އެމެރިކާގެ އޭރު އެއް ވަނަ ކުޅިވަރު ނޫސް ސްޕޯޓްސް އިލަސްޓްރޭޓެޑް އިންނެވެ. ފަހުން 2020 ގައި ސީބީއެސް ސްޕޯޓްސްއާ ގުޅުނެވެ. އޭނާ އަކީ އެމެރިކާގައި ފުޓްބޯޅަ މަގުބޫލުކުރުމުގެ ބޮޑު ކްރެޑިޓެއް ހައްގުވާ ނޫސްވެރިޔެކެވެ.
ވާލް އެންމެ ބޮޑަށް މަޝްހޫރުވީ 2011 ވަނަ އަހަރު ފީފާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމި ހިސާބުންނެވެ. ނަމަވެސް އެކަށީގެންވާ ސަޕޯޓް ނުލިބުމުން، އޭނާ އެ ނިންމުން އަނބުރާ ގެންދިޔައީ އެވެ.
ވާލް ވަނީ އެމެރިކާގެ އެލްއޭ ގެލެކްސީ އަށް އިނގިރޭސި ތަރި ޑޭވިޑް ބެކަމް ބަދަލުވުމުން އެ ގައުމުގެ ފުޓްބޯޅަ އަށް އައި ބަދަލާ ބެހޭގޮތުން "ދަ ބެކަމް އެކްސްޕެރިމެންޓް" ގެ ނަމުގައި މަގުބޫލު ފޮތެއް ލިޔެފަ އެވެ.