ކޮންގޯގައި ފެންބޮޑުވެ 140 މަރު
ކޮންގޯގައި ފެންބޮޑުވެ 140 މަރު

އެފްރިކާ ބައްރުގެ މެދުތެރޭގެ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވެރިރަށް ކިންޝާސާ އަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހި ގިނަ އަވަށްތަކެއްގައި ފެންބޮޑުވުމާ ގުޅިގެން، މަދުވެގެން 140 މީހަކު މަރުވެ ބައެއް މީހުން ގެއްލިއްޖެ އެވެ.

ކިންޝާސާގެ ހުރިހާ އަވަށެއްހެން މިހާރު އޮތީ ކިސަޑު ފެނުގެ އަޑީގަ އެވެ. މީހުން ދިރިއުޅޭ ގެތައް ހުރި ސަރަހައްދުތަކުގައި ވެސް ފެންބޮޑުވެފައިވާ އިރު، މަތިން ތިރިއަށް ފައިބައިގެންދާ ފެންގަނޑުގެ އޮއިވަރުގައި ބައެއް ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮސް، ބައެއް ގެތައް ވަނީ ވެއްޓިފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ބިންގަނޑުގައި ބޮޑެތި ވަޅުގަނޑުތައް ހެދި، ބައެއް ގެތައް ވަނީ އެ ވަޅުގަނޑުތަކުގެ ތެރެއަށް ވެސް ދަމައިގެންފަ އެވެ.

ވެރިރަށް ކިންޝާސާ އާއި ހުޅަނގު ފަރާތު ބަނދަރުމަތީ ސަހަރެއް ކަމަށްވާ މަޓާޑީ ގުޅުވައިދޭ، އެން1 ހައިވޭގައި ވެސް ފެންބޮޑުވެ، ވަޅުގަނޑުތައް ހެދިފައިވާތީ، އެއްގަމު ދަތުރުތައް ވަނީ މެދުކެނޑިފަ އެވެ. ކޮންގޯގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި އެ ސަރަހައްދުން ފެންގަނޑު ހިނދުމަށް ފަހު ހަތަރު ދުވަހަށް މަގު ބަންދުކޮށް ބޮޑެތި މަރާމާތުތަކެއް ކޮށްގެން ނޫނީ އެ މަގުގެ ބޭނުންކުރެވޭކަށް ނެތެވެ.

ކޮންގޯގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ އިރު، ސިއްހަތާ ބެހޭ އިދާރާތަކުން މިހާރު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ، އެ ގައުމުގައި ކޮލެރާ އާއި ޝިގެއްލާ ފަދަ ނުރައްކާތެރި ބޭރަށްހިންގުންތައް ފެތުރިދާނެތީ އެވެ. ކިންޝާސާގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި މަދުވެގެން 12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު، އެ ސަރަހައްދަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންގޯ ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

ކިންޝާސާގެ 24 އަވަށުގައި ފެންބޮޑުވެ 140 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ގިނަ ގެތަކެއް ވެއްޓި މަގުތައް ހަލާކުވެފައިވާތީ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. ބައެއް ސަރަހައްދުތަކުން އަދިވެސް ފެންގަނޑު ހިނދެން ނުފަށާތީ، މިހާރު ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު މިހާރު ލަފާކުރެވޭ ވަރަށް ވުރެ މާ ބޮޑަށް އިތުރުވުން އެކަށީގެންވެ އެވެ.

ފެން ބޮޑުވެފައިވާ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ އެމީހުންގެ ހަޔާތުގައި މިހާތަނަށް ތަޖުރިބާ ނުކުރާ ވަރުގެ، ގެއްލުން ބޮޑު ވިއްސާރައެކެވެ. އެންމެ ބޯކޮށް ވާރޭ ވެހުނީ މިދިޔަ އަންގާރަ ވިލޭރޭ އެންމެން ނިދާފައި ތިއްބާ ކަމަށާއި، ހޭލެވުނީ ގޭތެރޭގައި ފެންބޮޑުވެ އެނދުން މައްޗަށް ފެންގަނޑު އެރުމުން ކަމަށް ބައެއް މީހުން ބުންޏެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ކިންޝާސާ އިން މަރުވީ 39 މީހުންނެވެ. އެ ފަހަރު ވެސް ބައެއް އިމާރާތްތައް ވެއްޓި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވި އެވެ.