14 ޑިސެމްބަރ 2022 - 14:07

މި ސަރުކާރުން ދެކޭ އިގްތިސާދީ ތަސައްވުރަށް ވާސިލުވުމަށް ޕްރައިވެޓް އެންޓްރޮނާޝިޕާއި އިންވެސްޓުމަންޓުތައް ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް "ބެލްޓް އެންޑް ރޯޑް" އެއްބަސްވުމުގެ ދަށުން ފެށި ބިޒްނަސް ފޯރަމްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ ނެޝެނަލް ރިޒެލިއެންސް އެންޑް ރިކަވަރީ ޕްލޭނާ އެކު އެކަމުގައި ހިމެނޭ ދާއިރާތަކަށް އިންވެސްމަންޓުތައް ވެސް ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްލޭނުގައި ހިމެނެނީ ސްޓްރެޓީޖިކް އިންފްރާސްޓްރަކްޗާ އެސެޓުތައް ގާއިމުކުރުމާއި، ޑީސެންޓްރަލައިޒް ކުރުމާއި، ޑައިވަސިފިކޭޝަން، ޓޫރިޒަމް ފުޅާކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި އެސްއެމްއީގެ ދައުރު އިތުރު ކުރުމާއި، މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް އިތުރު ކުރުމެވެ. އަދި އެ ދާއިރާތަކަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިންވެސްޓްމަންޓަށް ފަހި ފުރުސަތުތަކެއް ހުރި ދާއިރާތަކެއް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން އެކުލަވާލާފައިވާ ރިކަވަރީ އެންޑް ރެޒިލެއެންސް ޕްލޭންގައި ހުރި ކަންތައްތަކާ އެއްވަރަށް ބޭރުގެ އިންވަސްޓުމަންޓުތައް މުހިންމު. ސަރުކާރުން މި އެދޭ އިގްތިސާދީ ތަރައްގީ އާއި ތަސައްވުރަށް ވާސިލުވުމަށް ބޭރުގެ އިންވެސްޓުމަންޓުތައް ވަރަށް މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެކްސްޕޯޓުކުރާ މުދާ އުފައްދާ ސިނާއަތަށް ވާއިރު، ޗައިނާއަށް މަސް އެކްސްޕޯޓު ކުރާ މިންވަރު ނިސްބަތުން މަދު ކަމަށެވެ. އެ ފޯރަމްގައި އެ ދާއިރާއިން އެކްސްޕޯޓް އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ހުރިހާކަމެއް ނިމެންދެން އެހީތެރިވެދޭނެ "ވަން ސްޓޮޕް ޝޮޕެއް" ގާއިމުކޮށްފައިވާ ކަަމަށެވެ. އަދި އެ ފަރާތްތަކަށް ލުއިސަފޭހަ ކޮށްދިނުމުގެ ގޮތުން ހިދުމަތްތައް ޑިޖިޓައިޒްކޮށް، 90 ޕަސެންޓު ބިޒްނަސް ރަޖިސްޓްރޭޝަން މިހާރު އޮންލައިންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިިދާޅުވީ، ސަރުކާރުގެ އިންވެސްމަންޓް ފްރޭމްވޯކުގެ ސަބަބުން ދެ ފުށް ފެންނަ، މިނިވަން މާހައުލެއްގައި ކޮމާޝަލް ޓްރެއިނިންތަކަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އިންވެސްޓުމަންޓް ފުރުސަތުތައް އިތުރުކުރުމަށް ފޮރިން އިންވެސްޓުމަންޓް ގާނޫނާއި ކޮމްޕެނީ ގާނޫނާއި، އެ ދާއިރާއާ ގުޅުން ހުރި ގިނަ ގާނޫނުތަކަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދޭ އެއްބާރުލުން ފާހަގަކުރައްވައިފަ އެވެ. އަދި މިހާރު ލިބެމުން އަންނަ އެއްބާރުލުމުގެ އިތުރުން، ޗައިނާގެ އިންވެސްމަންޓުތަކަކަށް އެ ފޯރަމުން އިތުރު ފަހިކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މިއަދު ފެށި ބިޒްނަސް ފޯރަމްގައި ރާއްޖެ އާއި ޗައިނާގެ އިގްތިސާދީ މުހިންމު އެކި ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ. އަދި ޗައިނާއަށް ރާއްޖޭގައި ހުރި އިގްތިސާދީ ގިނަ ފުރުސަތުތަކުގެ މައުލޫމާތު ވެސް ލިބޭނެ އެވެ.