ސެމީއާ ހަމައިން ނުފުދޭ، ބޭނުންވަނީ ފްރާންސް ބަލިކުރަން: މޮރޮކޯ ކޯޗު
ސެމީއާ ހަމައިން ނުފުދޭ، ބޭނުންވަނީ ފްރާންސް ބަލިކުރަން: މޮރޮކޯ ކޯޗު

އަލް ކޯރު (ޑިސެމްބަރު 14) - ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރުމުން ނުފުދޭ ކަމަށާއި، ބޭނުން ވަނީ ތަށި ދިފާއު ކުރަން ކުނުންނަ ފްރާންސް ބަލިކޮށް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރުން ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެރްރަގީ ބުނެފި އެވެ.

ސެމީއާ ހަމައިން ނުފުދޭ، ބޭނުންވަނީ ފްރާންސް ބަލިކުރަން: މޮރޮކޯ ކޯޗު
ސެމީއާ ހަމައިން ނުފުދޭ، ބޭނުންވަނީ ފްރާންސް ބަލިކުރަން: މޮރޮކޯ ކޯޗު

މިއީ ވޯލްޑް ކަޕްގެ 92 އަހަރުވީ ތާރީހުގައި އަރަބި/ އެފްރިކާގެ ގައުމެއް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ރެގްރަގީ އަކީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ޓީމެއް ގެންގޮސްދިން ފުރަތަމަ އެފްރިކާގެ ކޯޗު ވެސް މެ އެވެ.

"އަހަރެމެން މި ކުޅެނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް، ވޯލްޑް ކްލާސް ކުޅުންތެރިންނާއި ވަރަށް މޮޅު ކޯޗަކާ ދެކޮޅަށް. އެޓީމު މާޔޫސް ކޮށްލަން އަހަރެމެން ބޭނުން ވެފައި ހުރި މިންވަރު ދައްކައިދޭނަން،" ކުރިން މޮރޮކޯގެ ގައުމީ ޓީމަށް ވެސް ކުޅުނު ރެގްރަގީ ބުންޏެވެ.

"ވޯލްޑް ކަޕްގެ ފައިނަލާ ހަމައަށް ނުދެވޭންވީ ކީއްވެ؟ އަހަރެމެންނަށް ވެސް ހުވަފެން ދެކި، އުއްމީދު ކުރެވޭނެ. އުންމީދު ކުރުމަކީ ހަރަދުތަކެއް ދާ ކަމެއް ނޫން."

ގައުމީ ޓީމާއި ފްރާންސްގެ ކްލަބް ތޫލޫސް އަށް ކުރިން ޑިފެންޑަރެއްގެ މަގާމަށް ކުޅުނު ކޯޗު ބުނީ، ޓީމު ތިބީ މުބާރާތުގެ ފޭވަރިޓުންނަށް ނުވި ކަމުގައި ވިއަސް އިތުރު ކާމިޔާބީ ހޯދަން ކެތްމަދު ވެފައިވާ ކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ މިހާވަރުން ފުދޭނެ ކަމެއް. އެނގޭ ކަމަކީ އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން ކަން، އެކަމަކު އަހަރެމެންނަށް އިތުބާރު އެބަ އޮތް. އިތުރަށް ކުރިއަށް ދާން އަހަރެމެން ހިތްވަރު ކުރާނަން، އެފްރިކާ އާއި އަރަބި ގައުމުތަކުގެ ހައްގުގައި،" ރެގްރަގީ ބުންޏެވެ.

މޮރޮކޯ ވަނީ ސެމީ އަށް ކުރި ދަތުރުގައި ޔޫރަޕުގެ ގަދަ ބާރުތަކެއް ކަމުގައިވާ ބެލްޖިއަމް އާއި ސްޕެއިން އަދި ޕޯޗުގަލް ބަލި ކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގައި ވަނީ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ އެއްވަރު ކޮށްފަ އެވެ. މިހާތަނަށް މޮރޮކޯ ކޮޅަށް ވަން ހަމައެކަނި ގޯލަކީ ވެސް ޓީމު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އުމުރުް 47 އަހަރުގެ ކޯޗު ބުނީ ޓީމުގެ ރޫހާއި ސަޕޯޓަރުންގެ ތަރުހީބަކީ، ސެމީ ފައިނަލް މެޗަށް ޓީމު ޓެކްނިކަލީ އަދި މެންޓަލީ ތައްޔާރުވާން ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.

"އެންމެން ވެސް އެމީހުންގެ ބެސްޓު ދައްކަން ބޭނުން ވޭ. އަހަރެމެން ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅު ރޫހެއްގައި މެޗުތައް ކުޅެނީ، އެއީ އަހަރެން ދެކޭ ގޮތުގައި ފުޓުބޯޅައިގައި އެންމެ މުހިއްމު ކަންތައް،" މޮރޮކޯގެ ކޯޗު ބުންޏެވެ.

"އަހަރެމެންގެ އެބަތިބި ދުނިޔޭގެ އެންމެ ވަރުގަދަ ސަޕޯޓަރުން. ފަހަރުގައި އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން ވެސް ތިބީ އަހަރެމެންނާ އެކު ކަމަށް ވެދާނެ. ހޯމްގައި ކުޅޭ އިހުސާސް އަހަރެމެންނަށް ކުރެވޭ، އެއީ ފުޓްބޯލައިގައި ވަރަށް މުހިއްމު ކަމެއް."

މޮރޮކޯގެ ކެޕްޓަން އަދި ޑިފެންޑަރު ރޯމަން ސައިސް އަށް ވަނީ ޕޯޗުގަލް މެޗުގައި އަނިޔާ ވެފަ އެވެ. އެކަމަކު އޭނާ މެޗަށް ފިޓްކުރަން މެޑިކަލް ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ވެސް ކުޅުނު އަލް ބަޔަތު ސްޓޭޑިއަމް ގައި ފްރާންސާ ދެކޮޅަށް މޮރޮކޯ ކުޅޭ ސެމީ ފައިނަލް މެޗު އޮތީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.