14 ޑިސެމްބަރ 2022 - 11:32

އަލް ކޯރު (ޑިސެމްބަރު 14) - ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާ ފުރަތަމަ ގައުމުގެ ޝަރަފާ އެކު މޮރޮކޯ އިން ހޯދަމުން އަންނަ ކާމިޔާބީތަކުގައި އެންމެ ގިނަ ބަޔަކަށް ފާހަގަވީ އެ ކުޅުންތެރިންގެ މައިންނާއެކު އުފާފާޅުކުރާ ހިތްގައިމު މަންޒަރެވެ.
ކޮންމެ ކާމިޔާބީއެއްގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ މަންމަ ކަމަށް، މޮރޮކޯގެ ކޯޗު ވަލީދު ރެގްރަގީ އާއި ޓީމުގެ ކުޅުންތެރިން ބުނަނީ ފަހުރުވެރި ކަމާއެކު އެވެ.
މޮރޮކޯ ކުޅުންތެރިން މެޗުން މޮޅުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެނީ މަންމަ މެންނާ އެކު އުފާފާޅުކުރާށެވެ. މަންމައިންގެ ބޮލުގައި ބޮސްދީ، އުފާފާޅުކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑީއާގައި ވައިރަލްވެ، ތައުރީފް އަންނަނީ އޮހެމުންނެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި މިއީ މި އަހަރުގެ ވޯލްޑް ކަޕް ގައި ފެންނަ އެންމެ އުފާވެރި އަދި އެންމެ ހިތްގައިމު މަންޒަރުތަކެވެ.
ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބަލިކުރުމަށް ސޮފްޔާން ބޫފާލް، އޭނާގެ މަންމައާއެކު ދަނޑުމަތީގައި އުފާފާޅު ކުރި އެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނެޑާ ބަލިކޮށް، ކްރޮއޭޝިއާ އާއި ބެލްޖިއަމް ވާދަކުރި ގުރޫޕުގެ އެއް ވަނަ ހޯދުމަށް ފަހު އޭނާ ގޮސް މަންމަގެ ބޮލުގައި ބޮސްދީ، އޭނާ މެޗުގައި ލީ ޖޯޒީ މަންމަ އަށް ހަދިޔާ ކުރި މަންޒަރު ވެސް ފެނިގެންދިޔަ އެވެ.
މޮރޮކޯ ޓީމުގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ އަޝްރަފް ހަކީމީ ވަނީ އެތައް ފަހަރަކު އޭނާގެ މަންމައަށް އޮތް ލޯބި ހާމަ ކޮށްދީފަ އެވެ. ގުރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ދުނިޔޭގެ ރޭންކިންގެ ދެ ވަނަ، ބެލްޖިއަމް ބަލި ކުރުމަށް ފަހު އޭނާގެ ސޯޝަލް މީޑިއާގައި އެކަން ހާމަ ކުރި ޕޯސްޓުގައި އޭނާ ވަނީ، މަންމަ ދެކެ ވަރަށް ލޯބިވާ ކަމަށް ލިޔެފަ އެވެ. ސްޕެއިން އަށް އުފަން ހަކީމީ ވަނީ އޭނާގެ ކުރިއެރުމަށް، ގޭގޭގައި ނޯކިރީ ކޮށްގެން މަންމަ ވީ ގުރުބާނީ އަށް ޝުކުރުވެރިވާކަން ހާމަކޮށްފަ އެވެ.
ކުޅުންތެރިންނެކޭ އެއްގޮތަށް ކޯޗު ވަލީދު ރެގްރަގީ ވެސް ވަނީ ސްޕެއިން އާއި ޕޯޗުގަލް ބަލިކުރުމަށް ފަހުު ދަނޑުގައި މެޗު ބަލަން އިން އޭނާގެ މަންމަ ކައިރިއަށް ގޮސް، މަންމަގެ ބޮލުގައި ބޮސްދީފަ އެވެ. ކުރީގެ ކުޅުންތެރިޔާ ވަނީ އޭނާ އަށް ކުޅުމުގެ ފުރުސަތު ހޯދައިދޭން ފްރާންސްގެ އެއާޕޯޓުގައި ސާފުކުރާ މީހެއްގެ ވަޒީފާ މަންމަ އަދާކުރިކަން ހާމަކޮށްފަ އެވެ.
ގިނަ ބަޔެއްގެ އުއްމީދުތަކާ ދިމާ އިދިކޮޅަށް، މޮރޮކޯ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރީ އެ ޓީމުގެ ގޯލަށް އިދިކޮޅު ކުޅުންތެރިއަކު ގޯލެއް ޖެހިޔަނުދީ އެވެ. ގުރޫޕް ސްޓޭޖުގައި ކެނެޑާއާ ދެކޮޅަށް ކުޅެނިކޮށް ވަން ހަމައެކަނި ގޯލަކީ ވެސް ބައިކޮޅަށް ވަން ގޯލެކެވެ. އަދި ދެ ވަނަ ބުރުގައި ސްޕެއިން އާ ދެކޮޅަށް ދިޔަ ޕެނަލްޓީ ޝޫޓައުޓް ގައި ވެސް އެ ޓީމު ކޮޅަށް އެންމެ ޕެނަލްޓީއެއް ވެސް ނުވަދެ އެވެ.
ފަހުރުވެރި މައިންގެ ލޯތްބާ އެކު ސެމީ ފައިނަލް ގައި މޮރޮކޯ ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ.
މިއީ މި ދެ ޓީމު ވާދަވެރި މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ޓީމު ކުޅެފައި ވަނީ މުޅިން ވެސް ރަހުމަތްތެރިކަމުގެ މެޗުތަކެވެ. މިހާތަނަށް ކުޅުނު ފަސް މެޗުގައި ވެސް މޮރޮކޯ އަށް ފްރާންސް ބަލި ކުރެވިފައެއް ނުވެ އެވެ. ދެ މެޗު އެއްވަރުވެފައި ވާއިރު، އެންމެ ފަހުން 2007 ވަނަ އަހަރު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފްރާންސް ވަނީ މުސްލިމް އެފްރިކާ ގައުމެއް ކަމަށްވާ ޓިއުނީޝީއާ އަތުން ބަލި ވެފަ އެވެ. ނަމަވެސް ގުރޫޕްގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރަށް ގޮސް، ފްރާންސްގެ ހަތް ވަނަ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދަތުރުު ކުރީ، ޕޮލެންޑާއި އިންގްލެންޑް ބަލިކޮށްފަ އެވެ.
މޮރޮކޯ އާއި ފްރާންސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭމީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.