13 ޑިސެމްބަރ 2022 - 22:12

ޓްވިޓާ ގަންނަން 44 ބިލިއަން ޑޮލަރު ހޭދަކުރުމާ އެކު މަހުޖަނު އީލޮން މަސްކަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ގެއްލިއްޖެ އެވެ.
މަސްކް މީގެ ކުރިން އެންމެ މުއްސަނދި މީހާގެ މަގާމުގައި އޮތީ 340 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާ އެކުގަ އެވެ.
މަސްކުގެ މިލްކިއްޔާތު ދަށްވުމާ އެކު މިހާރު އެންމެ މުއްސަނދި މީހަކީ މަޝްހޫރު ލަގްޒަރީ ބްރޭންޑް ލުއީވުޓޯންގެ ވެރިޔާ ބާނާޑް އާނޯލްޓް އެވެ. އޭނާގެ މިލްކިއްޔާތަކީ 172 ބިލިއަން ޑޮލަރެވެ.
ސްޕޭސްއެކްސް އާއި ޓެސްލާގެ ވެސް ސީއީއޯ ކަމަށްވާ މަސްކްގެ މިލްކިއްޔާތު މިހާރު ވަނީ 168.5 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
މިއީ 2021 ވަނަ އަހަރު، އެންމެ މުއްސަނދި މީހާގެ މަގާމު މަސްކަށް ލިބުނު ފަހުން އޭނާއަށް މި މަގާމު ގެއްލުނު ފުރަތަމަ ފަހަރެވެ.
މަސްކް ޓްވިޓާ ގަންނަން އުޅޭކަން އޮކްޓޫބަރު މަހު ކަށަވަރުކޮށްދިނުމާ އެކު ވެސް މަކްސްގެ މިލްކިއްޔާތުން 10 ބިލިއަން ޑޮލަރު ގެއްލުނެވެ.