13 ޑިސެމްބަރ 2022 - 21:53

އެމްޑީޕީން މަސައްކަތްކުރަމުން ދަނީ ނުފުއްދޭ ވައުދުތައް ވެފައި އެހެން އެޖެންޑާއެއް ފަތުރަން ކަމަށް ވިދާޅުވެ، މި ސަރުކާރަށް ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ރޭ ފާޑު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޣައްސާން ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެންނަނީ ނުފުއްދޭ ވަރުގެ ނުވަތަ އެ މީހުންގެ އަމިއްލަ ނަފްސުން ވެސް ފުއްދައިނުދޭނެ ކަމަށް ނިންމައިގެން ތިބޭ ވައުދުތަކެއް ވާތަން ކަމަށެވެ.
އެކަމަކު، ވެރިކަމަށް އާދެވޭ ހިސާބުން މުޅިން އެހެން ގޮތަކަށް އަނބުރާލައި، އެހެން އެޖެންޑާއެއް ހާސިލްކުރަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނެއް ދެނެއް، އަނބޮއްފުޅަކަށް ވެސް ދަނބޮއްފުޅަކަށް ވެސް ބަލާނެ ކަމެއް ނެތް، ދެ މީހުން ވެސް ކުރަނީ އެއްގޮތަކަށް." ގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޣައްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ކެމްޕެއިންގައި ދެއްކި ވާހަކަތަކާއި ކުރި ހުވާ އަދި މިހާރު ކަން ހިނގާ ގޮތާއި ފެންނަ މަންޒަރު ވަރަށް ތަފާތު ކަމަށެވެ. މަސްވެރިންނަށް ވީ ވައުދުތަކުގެ ވާހަކަދައްކާ ހުސް ނުވާނެ ކަމަށާއި އެކަން ފެންނަނީ މަސްވެރިންނަށް ކުރި މަލާމާތެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނުވި ކަމެއް 340 ދުވަހުން ކުރާނަމޭ ބުންޏަސް އެކަން ގަބޫލެއް ނުކުރާނެ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.
"މިއަދަކީ ގައުމުގެ ނަޒަރުން ބަލާއިރު، ކުރިއަށް ފިޔަވަޅެއް އަޅާނަމޭ ބުނެ، ފަހަތަށް ދެ ފިޔަވަޅު އަޅާ މި ސަރުކާރަށް 1،486 ދުވަސް. ކިތަންމެ އޮމާންކަމަށް ދައްކަން އުޅުނަސް ރައްޔިތުންނަށް އުނބަށޭމަކީ ރަނޑަފިޔޮކެއްކަން އެނގިއްޖެ." އޭނާ ވިދާޅުވި އެވެ.
ދިވެހިންނަކީ ފަހުރުވެރި މާޒީއަކާއި ރީތި އާދަތަކުގެ މައްޗަށް ދިރިއުޅެމުން އައި އަދި މުއްސަނދި ބަހެއް އޮތް، އެކި ބަހުރުވަތަކުން ވާހަކަދެއްކި ބަޔަކަށް ވިޔަސް، މި ފަހުން ވެރިކަމުގައި ތިބި މީހުންނަށް ރާއްޖޭގެ ސަރަހައްދު އޮޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން ނެންގެވީ މޮރިޝަސް އާއި ރާއްޖޭގެ އިން ފުށުއަރާ މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތެވެ.
ޣައްސާން ވިދާޅުވީ ރާއްޖޭގެ ބިމާއި ކަނޑާ ވައިގެ ސަރަހައްދަކީ ކޮބައިކަން ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ ކަމަށެވެ. އެ ސަރަހައްދަށް އުނި އިތުރެއް ގެނެވޭނެ ގޮތްތައް ބަޔާންކޮށްފައި އޮތަސް، ފެންނަނީ ގާނޫނުއަސާސީން ނުލިބޭ ބާރަކުން، ސިއްރު ސިޓީއަކުން ރާއްޖޭގެ ބައެއް ވިއްކާލާތަން ކަމަށް ވިދާޅުވި އެވެ.
ޣައްސާން އިޝާރާތްކުރެއްވީ އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަށެވެ.
އިންސާފު ހޯދައިދިނުމަށް އިންސާފުގެ ދަތުރޭ ބުންޏަސް ފެންނަނީ ހިތް ރުހޭ މީހާއަށް ވަކި ގޮތެއް އަދި ނަފްރަތުކުރާ މީހާ ޖަލަށް ލާ ތަނާއި މަޖިލީހުގެ ސުޕަމެޖޯރިޓީ އާއި ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން މީހުންނަށް އަނިޔާ ދޭ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީރޯ ޓޮލެރެންސޭ ވެސް ބުނި ކަމަށާއި އެކަމަކު ފެންނަނީ ޖިންސީ ފުރައްސާރައާ އަނިޔާކޮށްފައި ވިޔަސް ހިޔާނަތްތެރިވެ، ވައްކަންކުރިއަސް ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ސަލާމަތްވެވޭނެ ޖާގަ ހޯދައިދޭތަން ކަމަށް ވެސް ވިދާޅުވި އެވެ.
ދަރަނި ނުނަގާނެ ކަމަށް ވެސް ބުނި ކަމަށާއި އެކަމަކު ފާއިތުވި ހަތަރު އަހަރު ފެނުނީ ރައްޔިތުން ދަރަނި ކުރުވި ތަން ކަމަށް ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ގައުމު ސަލާމަތްކުރަން ބޭނުން ނަމަ މިސްރާބު ބަދަލުކުރަންޖެހޭ ކަމަށެެވެ. މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދިވެހިންގެ އަތްމައްޗަށް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ޔާމީނަށް ވޯޓު ދީގެންނެވެ.