ޑޮކްޓަރު އިބުރާހީމު: ބާބިލް ޓަވަރުގެ ތަނބެއް! (4)
ޑޮކްޓަރު އިބުރާހީމު: ބާބިލް ޓަވަރުގެ ތަނބެއް! (4)

(ޖެނުއަރީ 19ގެ އަދަދާ ގުޅޭ)

ގޮތް ދޫނުކުރާ މި މޮޔަ ޒުވާނާޔާ ހެދި ޑރ. އިބުރާހިމާއި ބޮޑު ބޭފުޅަކާ ދެމެދު އޮތް ގާތް ގުޅުން ކެނޑިދާނެތީ ޑޮކްޓަރ ވަރަށް ކޯފާވެލެއްވި އެވެ. އަދި އެހެންވެ އިތުރުފުޅެއް ހައްދަވަން ކުޑަކޮށްވެސް ޖެހުލުންވެ ވަޑައިނުގަންނަވައި، އެބޮޑުބޭފުޅާ އަރިހުގައި ޑޮކްޓަރ ދެންނެވިއެވެ. "ތިނޫން ކަމަކާގެން، ނުވަތަ ތިއަށްވުރެ ބޮޑު ކަމަކާއިގެން، އަޅުގަނޑު ގާތަށް މަނިކުފާނު ވަޑައިގެންނެވި ނަމަ އެކަން ކޮށްދޭކަށް އަޅުގަނޑު ފަހެއް ނުޖެހުނީމުހެވެ. ނަމަވެސް މި ޒުވާނާއަކީ ދީން ގަބޫލު ނުކުރާ ކޮމިޔުނިސްޓެކެވެ. އޭނާގެ މަގުސަދަކީ ދަނޑުވެރިންނާ ގުޅުން އުފައްދައި ކޮމިޔުނިސްޓު ޚިޔާލު އެމީހުންގެ މެދުގައި ފެތުރުމެވެ. ޒިރާއީ ވުޒާރައިގައި ވަޒީފާއެއް އޭނާ ހޯދުމުގައި މިކަމަށް މަގުފަހިކޮށް އެގޮތުން ވަރުގަދަ ހަތިޔާރެއް ހޯދުން ނޫން ދެވަނަ އެހެން ބޭނުމެއް އޭނާގެ ނެތެވެ."

މި ވާހަކަ އިން ޑޮކްޓަރުގެ މަގުސަދު ހާސިލުވި އެވެ. މިދެންނެވި ބޮޑު ބޭފުޅަކީ ކޮމިއުނިސްޓު، މިލަފުޒާ އަދި އެލަފުޒާ ގުޅުން ހުރި ކޮންމެ ކަމެއް ދެކެ، އިންތިހާ އަށް ނަފުރަތު ކުރައްވާ ބޭފުޅެކެވެ. އަދި ޑޮކްޓަރުގެ ވާހަކަ އެއްސެވުމަށް ފަހު، ކޯފާވެވަޑައިގެން، މިޒުވާނާ އަށް ވަޒީފާ ހޯދައިދިނުމަށް މެދުވެރިއަކަށްވެ ވަޑައިގަތުމަށް އެދުނު މީހާ، ހުތުރު ގޮތަކަށް ބޭރުކޮށްލައްވައި ފައްސަވާލައްވާނޭކަމަށް ހުވާކުރައްވައި ޑރ. އިބްރާހިމު އޮފީހުން ނިކުމެވަޑައިގެން ވަޑައިގަތެވެ.

ދެން އެޒުވާނާއަށް އަނެއްކާވެސް މަޖުބޫރުވީ ކުރީގެ ޒައީމަށް ކާމިޔާބު ނުކުރެއްވުނު މަސައްކަތް ކުރުމަށްޓަކައި އެހެން މެދުވެރިޔަކު ހޯދާށެވެ. އޭނާއަށް އެހާ ފަސޭހައިން އޮޅުވާނުލެވޭނޭ އަދި އޭނާގެ ކުރިމަތީ ދޮގުހަދައި މަތިއޮމާންކޮށް ނުލެވޭ ފަދަ މެދުވެރިޔަކު ހޯދާށެވެ. މިކަން ކުރުމަށް ޒުވާނާގެ ރަހުމަތްތެރިއެއްގެ އެހީތެރިކަން ހޯދި އެވެ. ދެން އެރަހުމަތްތެރިޔާ އޭނާގެ ރަހުމަތްތެރިއެއްގެ އެހީތެރިކަން ހޯދިއެވެ. އަދި މިރަހުމަތްތެރިޔާ އޭނާގެ ރަހުމަތްތެރިޔެއް މެދުވެރިކޮށް ކަމުވޮށިވެގެންވާ ނުފޫޒުގަދަ އާއިލާއެއްގެ މެމްބަރަކު މެދުވެރިކުރުވައި އެމެމްބަރުގެ ބައްޕަ އަރިހުގައި މިޒުވާނާއަށް ވަޒީފާއެއް ހޯދައިދިނުމަށް އެހީވެ ދެއްވުމަށް ދެންނެވި އެވެ. އަދި ބައްޕާފުޅު އެއީ މާބޮޑު މައްސަލައެއްނޫން ކަމަށް ވިދާޅުވެ އެކަން ކޮށްދެއްވުމަށް އެއްބަސްވެ ވަޑައިގަތެވެ.

ދެން އަޅުގަޑުމެންގެ ޑރ. އިބުރާހިމު އަރިހަށް ޒިޔާރަތް ކުރައްވައި، ވިސްނުން ތޫނު މޮޅު ޒުވާނާ އަށް ވަޒީފާއެއް ދެއްވުމަށް ބައްޕާފުޅު އެދިލެއްވި އެވެ. އެހިނދު ޑރ. އިންތިހާއަށް ކޯފާ އިސްކުރައްވައި، ހިތާހިތުން އެޒުވާނާ ދުނިޔެއަށް ފޮނުއްވީތީ ލައުނަތް ދެއްވައި ހަމަ ވަގުތުން އޭނާގެ ކައިރިއަށް ވަޑައިގެން އިންނެވި މެހެމާނު، އާދެ، ބައްޕާފުޅު، އަރިހުގައި ދެންނެވި އެވެ. "މިޝައިތޯނާގެ ދަލުގައި މަނިކުފާނު ޖެހިވަޑައިގަތީ ކިހިނެއްތޯ އެވެ؟ އޭނާއަކީ ވަކިވެގަންނަން އުޅޭ ޝީއީންގެ ޖަމާއަތަކަށް ނިސްބަތްވާ މަކަރުވެރި ހީލަތްތެރިއެކެވެ. އެމީހުންގެ މަގުސަދަކީ އިރާގުގެ ދެކުނާއި އުތުރު ވަކިކޮށް ދެކުނުގެ ސަރަހައްދު އަޖަމީ ފާރިސުންނަށް ދިނުމެވެ. މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑު މިޝައިތޯނަށް އޭނާގެ ވިހަ ފަތުރާލުމުގެ ފުރުސަތުދޭން ތޯއެވެ؟"

މިދެންނެވި ބައްޕާފުޅަކީ ސުންނީންގެ ކޮޅަށް އިންތިހާ އަށް ބުރަވެވަޑައިގަންނަވާ، ޝީއީ މީހުންގެ މަޒުހަބު ކަމުގައިވާ ޖައުފަރީ މަޒުހަބަށް ނަފުރަތު ކުރައްވާ ބޭފުޅެކެވެ. އަދި ފަހުން ގައުމިއްޔަތުގެ ފޯރީގައި ޖެހިވަޑައިގެން ގައުމީ ބޭފުޅަކަށް ވެވަޑައިގެން ހުންނެވި އެވެ. މުސްތަގުބަލުގައި، ބައްޕާފުޅު ފުރޮޅިގެންދާނީ ކޮންކަހަލަ ބޭފުޅަކަށްކަމެއް އެއްގޮތަކަށްވެސް ނޭނގެ އެވެ. ކޮންމެއަކަސް ބައްޕާފުޅު އެޒުވާނާއަށް އެހީތެރިވުމުގެ ބަދަލުގައި، އޭނާއާ މުޅިން އިދިކޮޅުވެވަޑައިގެން އޭނާ ދެކެ އިންތިހާ އަށް ފޫހިފުޅުވާ ބޭފުޅަކަށް ވެވަޑައިގެންފިއެވެ.

ޑރ. އިބުރާހިމު އޭނާގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި، ކޮންމެފަދަ ގޮތްކުޑަ ގޮތެއް ވެސް ބޭނުންފުޅު ކުރައްވާފާނޭކަން މިހާރު އެޒުވާނާ އަށް ވިސްނިއްޖެ އެވެ. އަދި އޭނާގެ ނާރުތަކުގައި ލޭހޫނުވެ ކެކިގަތެވެ. އަދި ޑރ. އިބުރާހިމުގެ ކިބައިން ބަދަލު ހިފުމަށް ނިންމި އެވެ. އަދި ރުޅި އައިސް ހަމައިން ނެއްޓި ހުރެ، ޑރ. އިބުރާހިމުގެ ވުޒާރާ އަށް ދިޔައެވެ. އަދި ހުއްދަ ހޯދުމެއް ނެތި ޑޮކްޓަރުގެ އޮފީހަށް ވަދެގަތެވެ. އަދި ޖާޑިއެއް އުފުލާލިހެން ޑރ. އިންނެވި ގޮނޑިން ނަގައި ބިންމައްޗަށް ގުޅައަކަށް ޖެހި އެވެ. ދެން އަތުންނާއި ފައިން ޑޮކްޓަރު ގައިގާ ތަޅާ ހަމަލާތައް ބޭލި އެވެ. މިހަމަލާ އިން ޑޮކްޓަރު ސަލާމަތް ކޮށްދިނީ އޭނާގެ ގަދަރުވެރި އޮފީހުގެ ދޮރުވާނުންގެ ހަތަރު މީހުން އައިހެވެ.

އަޅުގަނޑުމެންގެ ޒުވާނާ އެންމެފަހުން އެއްލައިލެވުނީ ޖަލުގެ ކަޅު އަނދިރި ގޮޅިއަކަށެވެ. އޭނާގެ އަތްފައިން ހެދުނު ގޯހުގެ ސަބަބުންނެވެ. އަނެއްކޮޅުން، އިއްޒަތްރި ޑރ. އޭނާގެ ވުޒާރާގެ ވަޒީރަށް އެރުވުމަށްޓަކައި އޭނާ އަށް ދެވުނު އުދުވާނީ ހަމަލައިގެ ސަބަބު ބަޔާންކުރައްވައި ވަރަށް ދިގު ރިޕޯޓެއް ތައްޔާރު ކުރެއްވި އެވެ. އެރިޕޯޓުގައި އޭނާގެ ވުޒާރާ ދެކެ އޭނާ ވެލައްވާ ލޯތްބާއި އަދި އޭނާގެ ވުޒާރާގެ މަސްލަހަތަށްޓަކައި އޭނާ ކުރައްވާ މަސައްކަތްތަކުގެ ސަބަބުން މިފަދަ ހަމަލާތަކާ އިހާނެތި ގޮތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީ ކަމަށް އެރިޕޯޓުގައި ބަޔާން ކޮށްދެއްވާފައި ވެއެވެ. އަދި މިފަދަ ހާދިސާތަކުގެ ސަބަބުން، ހައްގަށް ނަސްރު ދިނުމުގައި އޭނާ ދެމިހުންނެވުމުގެ ބާރުދާނީ އިތުރުވެގެން ކަމަށް ވެސް ލިޔުއްވައިފައި ވެއެވެ. އަދި އޭނާގެ ވާޖިބު އަދާކުރެއްވުމުގައި ފުރާނަ ދޫކޮށްލައްވަން ވެސް ފަސްޖެހި ވަޑައިނުގަންނާވާނޭކަމާއި އަމިއްލަ ނަފްސު ގުރުބާންކޮށްލުމަކީ ކޮންމެ ހާލަތެއްގައި ވެސް ކޮންމެ މީހަކުވެސް ކުރަންޖެހޭނޭ ކަމެއްކަން ވެސް ރިޕޯޓުގައި ލިއުއްވައިފައިވެ އެވެ.

* * * *

މީހުން ރުއްސާފައި ބޭތިއްބުމާއި ވަޒީފާގެ މަސްއޫލިއްޔަތުން ރެކެވަޑައިގެން ހުންނަވާނޭ އާމަގެއް، ޑރ. އިބުރާހިމަށް މިހާދިސާ ދަސްކޮށްދިނެވެ. ނުފޫޒުވެރި ބޭކަލަކު ކަމަކަށް އެދިލައްވައިފި ނަމަ، އަދި އެކަމަކީ އޭނާގެ ވުޒާރައިގެ ހެޔޮ ނަމަށް މުހިއްމު ކަމަކަށްވެފައި އަދި ސަރުކާރުން މިކަމާ އަޅާނުލާ ހުރެދާނެކަމާ މެދު ޝައްކުކުރެވޭ ނަމަ، ޑރ. އިބުރާހިމުގެ އިސްތަށިފުޅުގައި އެކަމުގެ ޒިންމާ ނޭޅޭނޭ ގޮތަކަށް އެމަސައްކަތް ކުރަން، އޭނާގެ ދަށުން މަސައްކަތްކުރާ ކޮންމެވެސް އެހެން މުވައްޒިފަކާ ހަވާލު ކުރައްވައެވެ. އަދި މަސައްކަތް ކާމިޔާބީ ގޮތުގައި ނިންމާލެވިއްޖެ ނަމަ، އެމަސައްކަތް ކުރަން އެދިލެއްވި ބޭފުޅެއްގެ ޝުކުރާއި ތައުރީފު އޮންނަނީ ޑޮކްޓަރަށެވެ. އަދި އެމަސައްކަތް ނާކާމިޔާބުވެއްޖެ ނަމަ ހުރިހާ ބަދުނާމަކާ ލައުނަތެއް ލިބެނީ އެމަސައްކަތް ހަވާލުކުރެވުނު މީހަކަށެވެ.

އާދެ، މި ގޮތުގެ މަތީން، އަޅުގަނޑުމެންގެ އިއްޒަތެރި ޑޮކްޓަރު ހިމެނިވަޑައިގެން ހުންނެވީ އެ މީސްމީހުންގެ ކަރާމަތާއި އަމިއްލަ ނަފުސުގެ އަބުރާއި އިއްޒަތް ގުރުބާން ކޮށްލައްވައި، އަދި ވަތަނުގެ ހެވަށްޓަކައި އެބޭކަލުންގެ ނަފްސު ބޮޑެތި ބޮޑެތި ނުރައްކަލުގެ ތެރެއަށް ހުށަހަޅުއްވައި އެބޭކަލުންގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ހީވާގިކަމާ އެކު އަދާކުރައްވާ ބޭބޭކަލުންގެ ތެރޭގަ އެވެ. އެންމެނަށް ވެސް ޑރ. އިބުރާހިމުގެ ކުށްތައް އެނގެ އެވެ.

ނަމަވެސް އޭނާ އަށް ފާޑުކިޔާލާނޭ ނޫހެއް ނެތެވެ. އޭނާގެ ކަންތައްތައް ބަލައި ހިސާބުކޮށްލާނޭ މުވައްޒަފަކު ނެތެވެ. އޭނާއަށް ބަހުގެ ހަމަލާއެއް ދޭނޭ ޖަމިއްޔާއެއް ނެތެވެ. އަދި އޭނާއާ އިދިކޮޅަށް ތެދުވާނޭ ޒައީމަކު ވެސް ނެތެވެ. އާދެ އެންމެ ފުރަތަމަ ޒިރާއަތުގެ ރޮގުން ޕީ.އެޗް.ޑީގެ ސަނަދު ނަންގަވައިގެން ހުންނެވި ޑރ. އިބުރާހިމު، ސިޔާސީ މައިދާނުގައި މިދެންނެވި ފަދަ ކުލަގަދަ ކާމިޔާބީތަކެއް ހޯއްދަވާފައި ވިޔަސް، އޭނާއަށް ހަމަލާދެވި އޭނާއާ މެދު އިހާނާތްތެރިކޮށް ކަންތައް ކޮށްލެވުނު ހާދިސާ ވެފައި އޮތީ އޭނާގެ ހަޔާތުގެ ކާމިޔާބީތަކުން ލިބޭ އުފާ ކިލަބުކޮށްލާ ކަމަކަށެވެ.

އެ ހާދިސާ އޭނާއަށް އަންގައިދިނީ އޭނާގެ އަމިއްލަ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ކިތަންމެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުނުކަމުގައި ވިޔަސް، އާނާއަކީ މީހުންގެ ކުރިމަތީގައި ހައިބަތު ހުރި، މީހުން ޖެހިލުންވާ ގަދަރުވެރިއަކަށް ނުވާކަމެވެ. ބޮޑު މުސާރައަކާއި ގަދަރުވެރި މަގާމަކާއި ބާރެއް ލިބިފާ އޮތުމުން، މުސާރަ އާއި ވަޒީފާ ގެއްލި ވެރިންގެ ނުރުހުމާއި ކުރިމަތިލާންޖެހޭ ދުވަހު އެމީހުންގެ ހަގީގަތް ފާޅުވާނޭ، ދެފުށް ދެގޮތް މުނާފިގުންނާއި ޚުޝާމަދުކުރާ މީހުން އައިސް މިއަދު އޭނާއާ ގާތްވެ އޭނާ ވަށާލަފާނެ އެވެ.

ނަމަވެސް ފައިސާއާއި މަގާމަކީ އިންސާނާއަށް ހަގީގީ އިއްޒަތާ ގަދަރު ލިއްބައިދޭ އެއްޗެއް ނޫނެވެ. އަދި ޑރ. އިބުރާހިމަށް ވިސްނިވަޑައިގަތީ މީސްތަކުންގެ ލޯތްބާއި އިހުތިރާމު ލިބިގަތުމާއި އަދި ބޮޑު މަގާމެއް ހޯދައިގެން އެމަގާމުގައި ދެމި ހުރުމަކީ ފަހަރެއްގައިވެސް އެއްފަހަރާ ހާސިލު ނުކުރެވޭނޭ ދެކަމެކެވެ. އެހެންވެ އޭނާ ގަސްދުކުރެއްވީ ދެވަނަކަން އިޚްތިޔާރުކުރައްވައި ބޮޑު މަގާމެއް ހޯއްދަވައިގެން ހުންނެވުމެވެ. ބޮޑު މަގާމަކާ އަޅައިބަލާއިރު މީހުންގެ ހަގީގީ ލޯތްބާއި އިހުތިރާމަކީ މާމުހިއްމު އެއްޗެއް ނޫނެވެ. އަދި ހަމައެހެންމެ، އަމިއްލަ ނަފްސުގެ ކަރާމަތާއި އަބުރާއި އިއްޒަތްވެސް ވިއްކާލުމަކީ ބޮޑު ވަޒީފާއަކާ އަޅާބަލާއިރު ކުރަން ހަމައެންމެ ރަނގަޅު ކަމެކެވެ.

އާދެ! ޑރ. އިބުރާހިމުގެ ޝަޚުސިއްޔަތަށާއި އޭނާގެ އަމަލުތަކަށް، އޭނާގެ އުސޫލުތަކަށާއި ގަބޫލުކުރާ ގޮތްތަކަށް، އޭނާގެ އަޚުލާގާއި ސުލޫކަށް، މިކަންކަމަށް ބަލައިލުމުން ފެނި ތަމްސީލު ވެގެންދަނީ ކޮން އެއްޗެއްތޯ އެވެ؟ އެކަންކަން ފެނުމުން ތަމްސީލުވެގެންދަނީ ބާބިލުގެ ޓަވަރުގެ (އިރާގުގެ) ވަރުގަދަ ތަނބެކެވެ. އަދި އެތަނބުގައި އެޅިފައިވާ އެންމެ މަތީ ގާބުރިން ފެށިގެން އެންމެ ތިރީގައި އެޅިފައި އޮތް ގާބުރީގެ ވެސް ކަންތައް ހުރިގޮތުގެ ދިރިހުރި މިސާލެކެވެ. މުޅި ރަށުގައި، ކުދި ބޮޑު އެންމެންގެ ތެރޭގައިހެން ފެތުރި އާއްމު ވެފައިވާ ގޮތްތަކާއި އުސޫލުތަކުގެ ދިރިހުރި މިސާލެކެވެ. އެ އެންމެންގެ ވެސް އަގުތަކާއި އަޚުލާގީ ފެންވަރު ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެކެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ.