10 ޖޫން 2016 - 09:37

މަޝްހޫރު ބްރޭންޑް ބަލްގިސް އުފެއްދި އައިޝަތް ދީމާ (ދީކޮ) އަކީ ހުނަރުވެރި މޭކަޕް އާޓިސްޓެއްގެ އިތުރުން އުފެއްދުންތެރި ފަންނުވެރިއެކެވެ. އޭނާގެ އެންމެ ފަހުގެ އުފެއްދުމަކީ ފަސޭހައިން އަޅާލެވޭނެ ނަމާދު ދޮޅި ކަލެކްޝަނެކެވެ. ގިނަ ބައެއްގެ އެދުމުގެ މަތިނަ ތައްޔާރުކުރި މި ދޮޅި ކަލެކްޝަންގައި ތިން ސްޓައިލެއް ހިމެނެ އެވެ.

އަފްޝީން، އާއިރާ އަދި އަލިމަސްގެ ނަން ދީފައިވާ ތިން ސްޓައިލެއްގެ ނަމާދު ދޮޅި އަކީ އަބާޔާ އަކާއި ބުރުގަލެއް އެއްކޮށްލުމުން ހުންނަ ކަހަލަ ފަރުމާއެކެވެ. ގޭގައި ނުވަތަ އޮފީހުގައި އުޅޭއިރު، އަވަހަށް ފަސޭހައިން ތައްޔާރުވެލައިގެން ނަމާދަށް އަރަން ހެދުން ބަދަލު ނުކޮށް، ހެދުމުގެ މަތިން މި ދޮޅި އަޅާލެވޭނެ އެވެ.

މުޅި ހަށިގަނޑު އެއްކޮށް ނިވާވާގޮތަށް ދޫކޮށް ފަރުމާކޮށްފައިވާ ބަލްގިސް ދޮޅި ބޯމަތިން ފަސޭހައިން ލެވިދާނެ އެވެ. އަފްޝީން ނަމާދު ދޮޅި ސްޓޭންޑާޑް ސައިޒްތަކަށް އަދި ފްރީ ސައިޒުން ވެސް ލިބިދާނެ އެވެ. އަގަކީ 650ރ. އެވެ. އަފްޝީން ދޮޅީގެ ކުދި ސައިޒު ވެސް ވަނީ ހަދައިފަ އެވެ. މި ސައިޒަކީ 8-13 އަހަރުގެ ކުޑަ ކުދިންނަށް ވެސް ލެވޭނެ ސައިޒެކެވެ.

އަލްމަސް ނަމާދު ދޮޅީގެ ކުރު ސައިޒު 600ރ. އަދި ދިގު ސައިޒު 800ރ. އަށް ލިބެ އެވެ. ހުދު، އަޅި، ކަޅު، ފިޔާތޮށި، ޕީޗް އަދި ނޫ ކުލައިން އަލްމަސް އަދި އަފްޝީން ބުރުގާ ޑިޒައިން ލިބޭނެ އެވެ. ސިމްޕަލް ރީތި ޑިޒައިނެއް ޕްރިންޓުކޮށްފައިވާ އާއިރާ ދޮޅިވެސް ދެ ސައިޒެއްގައި އަދި އެކަމަކު އެއް އަގެއްގައި ލިބެ އެވެ. ކޮންމެ ދޮޅިއަކާ އެކު ދޮޅިއާ އެއްކުލައެއްގެ ދަބަހެއް ވެސް ލިބޭނެ އެވެ.
އަބާޔާއަކާއި ބުރުގާއެއް އެއްކޮށްލާފައި ހުންނަ ނަމާދު ދޮޅި އަކީ ރާއްޖެއަށް މުޅިން އާ އުފެއްދުމެކެވެ.
"މި ދޮޅި އަކީ ވަރަށް ބޭނުންތެރި އެއްޗެއް، ގޭގަ އަތް ކުރު ހެދުމެއް ލައިގެން ވެސް ދޮޅި ލައިފަ ނަމާދު ކުރެވޭނެ. ދަތުރު ގޮސް ނުވަތަ އޮފީހުގަ ވެސް ވަރަށް ފަސޭހަ ވާނެ. އަދި ބުރުގާ ނާޅާ ކުދިންނާއި ކުޑަކުދިންނަށްވެސް ބޭނުންތެރި ދޮޅިއެއް. މޫނު ބުރުގާ އަޅާ ކުދިންނަށްވެސް މަތިމަތިން ހެދުން ލުމަށްވުރެން މި ދޮޅި ލައިފަ މޫނު ފޮތިކޮޅެއް އެއްސީމަ ނިމުނީ،" ދީކޮ ބުންޏެވެ.
މީގެ ދޮޅި ހަދައިދެނީ އޯޑަރު ދިނުމުންނެވެ. އޯޑަރު ދޭތާ ދެތިން ދުވަސްތެރޭ ލިބޭނެ ކަމަށް ދީކޮ ބުންޏެވެ.