13 ޑިސެމްބަރ 2022 - 19:26

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކުރާ "ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް" އެ އޮތޯރިޓީން، އެޗްޑީސީ އަށް ދީފި އެވެ.

މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ލައިސަންސް ހަވާލުކޮށްދެއްވީ ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.

ރާއްޖޭގައި މުޅިން އަލަށް ކޭމް އިން ދޫކުރި މި ލައިސަންސްގެ ދަށުން ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ހިދުމަތްދޭ ފަރާތްތަކުގެ ބޭނުމަށް އެ އިންފްރާސްޓްރަކްޗާ ދޫކުރުމުގެ ހުއްދަ އެޗްޑީސީ އަށް ލިބޭނެ އެވެ.
މިއީ މުއާސަލާތީ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް އަޅާފައިވާ އެންމެ ފުރަތަމަ އޯޕެން އެކްސެސް ވިއުގަ އަށް ވުމުން، އެ މަސައްކަތް ކުރުމުގެ ހުއްދަ މީގެކުރިން އެޗްޑީސީ އަށް ދީފައިވެ އެވެ.
އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެފް.ޓީ.ޓީ.އެޗް (ފައިބަ ޓު ދަ ހޯމް) ގެ ހިދުމަތް ދޭން ފަށާފައިވާއިރު، މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެ ވިއުގަ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަހްމަދު އާތިފް ވިދާޅުވީ މި ލައިސަންސް ލިބުމަކީ އެޗްޑީސީން ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"އޯޕެން އެކްސެސް ވިއުގަ ގާއިމްކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އާންމުންނާއި ޕާޓްނަރުންގެ އިތުބާރު ހޯދުން،" އާތިފް ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ ކޭމް އިން ދޫކުރި ލައިސަންސް އެ ކޯޕަރޭޝަނަށް ލިބުނީ އެ ވިއުގަ އަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، އެ ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުން ކަމަށެވެ.
ކޭމް އަދި އެޗްޑީސީން ބުނީ މި ވިއުގައިގެ ސަބަބުން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ފުރިހަމަވެ، މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދެވޭނެ މަގުފަހި ވާނެ އެވެ.