ރަޖިސްޓްރީ ކުރާ އެއްގަމު އުޅަނދުތަކުގެ ނަމްބަރުތައް އާންމުކުރަނީ
ރަޖިސްޓްރީ ކުރާ އެއްގަމު އުޅަނދުތަކުގެ ނަމްބަރުތައް އާންމުކުރަނީ

ޓްރާންސްޕޯޓް މިނިސްޓްރީން ރަޖިސްޓްރީކޮށްދޭ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ ރަޖިސްޓްރީކޮށްދޭ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމު ކުރަން ނިންމީ އުޅަނދުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

"މިއީ ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަށް ފެށި މަސައްކަތެއް. އެއްވެސް ފަރާތަކަށް ގަވާއިދާ ހިލާފު އަމަލުތައް ހިންގުމަށް މަގުފަހި ނުވާނޭ ގޮތް ހެދުމަށް،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ރަޖިސްޓްރީކުރާ ހުރިހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުނަށް ފެންނަން ހުންނާނެހެން މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރާނެ އެވެ.

މިގޮތަށް ނިންމާފައި މި ވަނީ ވެހިކަލް ރަޖިސްޓްރީކުރުމުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހެޅި ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން އަންނަ ވަގުތެއްގަ އެވެ.

ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ވެހިކަލް ރަޖިސްޓަރީ ކޮށްދިނުމުގައި މިނިސްޓްރީ ތެރޭގައި ތިބި ބަޔަކު ބައިވެރިވާ ކަމަށް ތުހުމަތުކުރާ މައްސަލަތަކެއް ވެސް މީގެ ކުރިން އޭސީސީއަށް ހުށަހަޅާފައިވެ އެވެ.

ބައެއް މައްސަލަތައް ތަހުގީގު ނިންމައި އިސް މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ދައުވާ އުފުލަން ވެސް ފޮނުވި އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތިގެން ދައުވާއެއް ނުކުރެ އެވެ.