19 ޖެނުއަރީ 2017 - 06:21

(ޖެނުއަރީ 17 ދުވަހުގެ ނޫހާ ގުޅޭ)
ހަތަރު ވަރަކަށް މަސް ވެސް ވަޒީފާގައި ހޭދަ ނުކުރައްވައި، ދާދި ކުރު މުއްދަތެއްގެ ތެރޭގައި ވަޒީފާގެ ކުރިއެރުމުގައި ދެހަރުފަތެއް އޭނާވަނީ ގިރާ ކުރައްވައިފަ އެވެ. މިހާރު އޭނާ އަކީ 'ޑިރެކްޓަރ ޖެނެރަލް' އެކެވެ. ވުޒާރާގައި ވަރަށް ވެސް މުހިއްމު ޝަޚުސިއްޔަތެކެވެ. އަދިއޭނާއަކީ އޭނާއާ އެއް އުމުރުގެ އަދި ތައުލީމީ ގޮތުން އެއް ފެންވަރެއްގެ މީހުންނާ އަޅާބަލާއިރު އެފަދަ މީހުން ހަސަދަވެރިވާނޭހާ ބޮޑު މުސާރައެއްގެ ވެރިއެކެވެ. އޭނާ ކިތަންމެ ބޮޑާވެފައި ފޮނިވިޔަސް، އޭނާއަށް މިވަޒީފާގައި ދެމިހުންނެވެނީ ކިހިނެއްކަން، އޭނާގެ ހަނދާނުން ފަހަރެއްގައިވެސް ކައްސާލައިގެން ނުދެ އެވެ.
އޭނާ މަސައްކަތް ކުރައްވާ ވުޒާރާއެއް އުވި ނުދިޔުމަށްޓަކައި މަސައްކަތް ނުކުރެއްވިނަމަ އޭނާއަށް އޭނާގެ ވަޒީފާ ލިބިވަޑައިގެންފައި ނެތީހެވެ. އެހެންވެ، ޒަމާން ފުރޮޅެމުންދާ ދިއުމާއި ދުވަސްތަކުގެ ކެހިވެރިކަމުން ރައްކާތެރިކަން ހޯދުން އެއީ ހަމަ ނުކޮށްނުވާނޭ ކަމެކެވެ. ދުވަހަކު ކޮޅުންވިޔަސް، ޑރ. އިބުރާހިމުގެ ވުޒާރާ އުވި ހިނގައްޖެނަމަ، އޭނާގެ ވަޒީފާ ވެސް އުވި ގެއްލިގެންދާނެ އެވެ. އަދި އޭނާ ވަޒީފާ ހޯދަން ކުރެއްވި ހުރިހާ މަސައްކަތެއް އޮންނާނީ ވަޔަށް ބުރައިގެން ގޮސްފަ އެވެ. އެހެންވީމާ މުސްތަގުބަލަށްޓަކައި ކޮންމެހެންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހެއެވެ. އަދި އޭނާ ކިޔަވާ ވިދާޅުވި މަދަރުސާއިން ދަސްވެނިވެ އެއް ސެޓިފިކެޓެއް ހިފައިގެން އައިސް އޭނާއާ ވާދަކުރަން އުޅެފާނެ އެހެން މީހުންނާ ދޭތެރޭ ވިސްނައި ފިޔަވަޅު އަޅަން ޖެހެއެވެ. އަދި ހަމަ އެހެންމެ، އޭނާގެ އަދާވަތްތެރީންނާ ދޭތެރޭވެސް ވިސްނާ ސަލާމާތުގެ ފިޔަވަޅު އަޅަންޖެހެ އެވެ.
މި އަދާވަތްތެރިންނަކީ، ޑރ. އިބުރާހިމު ކުރިއަރައިގެން ދިޔުމުގެ މަގުމަތީގައި އެމީހުންގެ ވަޒީފާ ޖަހައިގަންނަވައި، އެ މީހުންގެ ހައްގުތަކަށް އޭނާގެ ފައިންޕުޅުން އެރުއްވި މީސްމީހުންނެވެ. އެހެންވެ، ދިމާވެދާނޭ ކުއްލި ނުރައްކަލެއްގެ ބިރުން ސަލާމަތްކަން ހޯދުމުގެ ގޮތުން ވަރުގަދަ ފިޔަވަޅެއް އެޅުއްވުމާ ދޭތެރޭ ވިސްނާވަޑައިގެން ފިކުރުކުރެއްވުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އަދި އެފިޔަވަޅުތައް ވަރުގަދަކޮށް، އޭގައި ވާނަމަ ވާ އުނިކަމެއް ފޫބެއްދުމަށްޓަކައި، ލިބިވަޑައިގަންވާ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅަށް ކުރައްވަންވެސް ޖެހޭނޭމެ އެވެ.
މިގޮތުން ޑޮކްޓަރ އިބުރާހިމު އަޅުއްވާ ސަލާމަތުގެ ފިޔަވަޅުތައް ގުޅިފައިވަނީ ދެކަމަކާ އެވެ. ފުރަތަމަ ކަމަކީ ބޮޑެތި ބޮޑެތި ބޭފުޅުންނާ ބައްދަލުކޮށް ތައާރަފުވެ، އެބޭބޭފުޅުންނާ ގުޅުން އުފައްދައި ގިނަގިނަ އިން އެބޭބޭފުޅުންނަށް ޒިޔާރަތްކޮށް އުޅުއްވުމެވެ. އަދި އެފަދަ ބޭބޭފުޅުންގެ ހާޒިރުގައި އެބޭބޭފުޅުން ރުހިވަޑައިގަންނަވާ ގޮތެއްގެ މަތިން ވާހަކަދައްކަވައި އެބޭބޭފުޅުންގެ ހިތާއި ސިކުނޑީގެ ރުހުމާއި މަގްބޫލުކަން ހޯއްދެވުމެވެ.
ދެވަނަ ކަމަކީ ރަށުގެ އެކިއެކި ކުލަބުތަކާއި ޖަމިއްޔާތަކުގެ މެމްބަރަކަށް ވެވަޑައިގަތުމެވެ. އެއީ ކޮންމެ ކުލައެއްގެ ކުލަބަކަށް ނޫނީ ޖަމިއްޔާއަކަށް ވިޔަސްވެހެވެ. ވަތަނީ ނޫނީ ދީނީ ނޫނީ އިލްމީ ޖަމިއްޔާއަކަށް ވިޔަސްވެހެވެ. އަދި މިފަދަ ޖަމިއްޔާތަކުގެ މެމްބަރުން، ނަށާ އުޅެނީ ކޮން ރާގަކަށްތޯ އާއި ވާހަކަދައްކާ އުޅެނީ ކޮން ބަހުރުވައަކުންތޯއާ ދެނެގަތުމެވެ. އަދި ފުރުސަތު ލިބިވަޑައިގަތުމުން، މޮޅު ވާހަކަދެއްކުންތެރިއަކަށް ވެވަޑައިގެން، އެޖަމިއްޔާތަކުގެ މެމްބަރުންގެ މެދުގައި އެމީހުން އެދޭ ރާގެއް ކުޅުއްވައި އެމީހުންގެ ބަހުރުވައިން ވާހަކަދައްކަވައި އެމީހުންގެ ރުހުން ހޯއްދެވުމެވެ.
މީގެ އިތުރުން، ވަޒީފާ ރައްކާތެރިކުރެއްވުމުގެ ގޮތުން އެޅުއްވި ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި، ރަށުގެ ނޫސް މަޖައްލާތަކުގެ ވެރިންގެ އިތުބާރު ހޯއްދެވުންވެސް ހިމެނެ އެވެ. އެގޮތުން ހުރިހާ ނޫސް މަޖައްލާއެއްގައި ވެސް ބައިވެރިވެލައްވައި ދިގު ލިޔުންތައް ޝާއިއު ކުރެއްވި އެވެ. އަދި އެނޫސް މަޖައްލާތަކަށް ހަމަހަމަކޮށް ޑރ. އިބުރާހިމުގެ ވުޒާރާ އިން އިއުލާނުތައް ޝާއިއު ކުރުމަށް ދެއްވަމުން ގެންދެއްވި އެވެ. ނޫސް މަޖައްލާތަކަށް އެންމެ ފުރަތަމަ ޑރ. އިބުރާހިމު ލިޔުއްވި ލިޔުއްވުމުގެ މައުޟޫއު ގުޅިފައި އޮތީ ސެޓިފިކެޓުގެ ވެރީންނަށް އިހުތިރާމުކޮށް އެފަދަ މީސްމީހުންނަށް ފުރިހަމަ އިތުބާރުކުރުމާ ބެހޭގޮތުންނެވެ.
އެއަށްފަހު، ދަނޑުވެރިކަމުގެ ގޮތުން ފޫބައްދަން ޖެހޭ ކަންކަން ފޫބެއްދުމަށްޓަކައި އޭނާ ކުރައްވަން ނިންމާފައިވާ ބޮޑެތި ބޮޑެތި މަޝްރޫއުތަކާ ބެހޭ ގޮތުންނެވެ. މިފަދަ މަޝްރޫއުތަކަކީ، ޚުދް އޭނާ އަށް ވެސް އެނގިވަޑައިގަންނަވާ ފަދައިން، އެއީ ހަމައެކަނި ކަރުދާހުގައި ލިޔެލެވޭ އެއްޗެއްކަން، ގިނަ ބަޔަކަށް ވެސް އެނގެ އެވެ. މިފަދަ ލިޔުންތަކުން ގަސްދުކުރެވެނީ ތަންދޮރު ރަނގަޅަށް އޮޅުން ނުފިލާ ތިބި އާދައިގެ މީހުންނަށް، އޭނާއަށް ވަޒީފާ ލިބުމުގެ މާކުރިން ވެސް، އޭނާ ވައުދުވެފައިވާ ކަންކަމަށް އަމަލީ ސިފަ ގެންނަމުންދާކަން ދައްކުވައި ދިނުމެވެ.
މިފަދަ މަޝްރޫއުތަކަށް އަމަލީ ސިފައެއް ގެނައުމަކީ މުސްތަހީލު ކަމެއްކަމަށް އެންމެ ފުރަތަމަ އިއުތިރާފު ވެވަޑައިގަންނަވާނީ ހަމަ ޑރ. އިބުރާހިމެވެ. ނޫސް މަޖައްލާތަކުގެ ވެރިންނާ މިގޮތުން ގުޅުން އުފައްދަވާފައި ނިންމަވާލެއްވީކީ ނޫނެވެ. މީގެ އިތުރުން، އެމީސްމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޑރ. އިބުރާހިމު އަވަސްވެވަޑައިގަނެ އެވެ. އެގޮތުން، ފުރުސަތެއް ލިބޭ ހިނދު ނޫސް މަޖައްލާތަކުގެ ވެރިންގެ ގާތް ތިމާގެ މީހުންނަށް ވަޒީފާ ދެއްވައި ނޫނީ އެފަދަ މީސްމީހުންނަށް ވަޒީފާގެ ކުރިއެރުން ދެއްވަމުން ގެންދަވަ އެވެ. މިހެންވެ، ނޫސްމަޖައްލާތަކުގެ ވެރިންގެ ގާތުގައި ޑރ. އިބްރާހިމަކީ ވަރަށް ވެސް މަގުބޫލު ބޭފުޅެކެވެ. ނޫސް މަޖައްލާތަކުގެ ކޮންމެ އަދަދެއްގައި ހެން ޑރ. އިބުރާހިމަށް ތައުރީފުކޮށް އޭނާގެ ނަން މަޝްހޫރު ކުރުމުގެ އިޝްތިހާރީ ލިޔުންތައް ޝާއިއު ކުރެވެމުންދެ އެވެ.
އޭނާގެ ވަޒީފާ ސަލާމަތްކުރެއްވުމުގެ ގޮތުން ޑރ. އިބުރާހިމު އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު ފިޔަވަޅަކީ ދަނޑުވެރިކަމުގެ ރޮނގުން ބޭރަށް ކިޔަވަން ދިއުމަށް ކުދިންނަށް ދެވޭ ސްކޯލަޝިޕުތައް އޭނާގެ ބާރުގެ ދަށަށް ގެންނެވުމެވެ. އޭނާ އެއްބަސްވެޑައިގަތުމަށް ފަހު ސޮއިކުރެއްވުމުން މެނުވީ ސަރުކާރުން އެއްވެސް ކުއްޖަކު މިރޮގުން ކިޔަވަން ނުދެވޭ ގޮތް ހެއްދެވި އެވެ.
ކިޔުންތެރިންނަށް ޑރ. އިބްރާހީމުގެ މިހުރިހާ ތަދުބީރުތަކެއްގެ ވާހަކަ އެނގުމުން، އޭނާ ތަފާތު އެތައް ޖަމިއްޔާތަކެއްގެ މެމްބަރެއްގެ ގޮތުން ހަރަކާތްތެރިވެ ލައްވާތަން ފެނުމުން ހައިރާނެއް ނުވާނެ އެވެ. އޭނާއަކީ މުސްލިމު ޒުވާނުންގެ ގުޅުމުގެ ހަރަކާތްތެރި މެމްބަރެކެވެ. އެހެނީ އޭނާއަކީ ދީނަށް ނުހަނު ލޯބިކުރައްވާ މުސްލިމަކަށް ވާތީއެވެ. އޭނާއަކީ މަސީހީ ޒުވާނުންގެ ގުޅުމުގެ ވެސް މެމްބަރެކެވެ. އެހެނީ އޭނާގެ އަނބިކަނބަލުންނަކީ ދީންވެރި އިނގިރޭސި މަސީހީ އަކަށްވީތީ އެވެ.
ހަމަ އެހެންމެ އޭނާއަކީ ފްރީ މޭސަނުންގެ ގުޅުމުގެ މެމްބަރެއް ވެސް މެއެވެ. އެހެނީ އޭނާއަކީ މަތިވެރި އަޚުލާގެއްގެ ވެރިޔަކަށް ވީތީއެވެ. އަދި އޭނާއަކީ ގައުމިއްޔަތު ދިރުވާ ކުލަބެއްކަމަށްވާ މުޘައްނާ ބިން ހާރިޘްގެ ކުލަބުގެ ވެސް މެމްބަރެކެވެ. އެހެނީ އޭނާއަކީ ތެދުވެރި ގައުމީ ބޭފުޅަކަށްވެސް ވީމައެވެ. އަދި ތައައްސުބުން ފުރިފައިވާ ސުންނީ މީހުންގެ ކުރިމަތީގައި ޝީއީ މީހުންނަށް ބަހުގެ ވަރުގަދަ ހަމަލާތައް ދެއްވައި ޝީއީ މީހުންނަކީ އަރަބީން ނޫން ކަމަށް ވިދާޅުވެ އޭނާވެސް ހިމެނިވަޑައިގަންނަވާ ޖަމާއަތް ކަމުގައިވާ ސުންނީންގެ ތާއީދު ހޯދަން މަސައްކަތްކުރައްވާ އެވެ.
އަދި ކޮމިނުސްޓުންގެ ގާތުގައި، ކިޔަވާވިދާޅުވި ދުވަސްވަރު އޭނާ ހުންނެވީ ކޮމިނިސްޓެއްގެ ގޮތުގައި ކަމަށް އިއުތިރާފު ވެވަޑައިގަނެ އެވެ. އެއްދުވަހަކު މީހަކު ޖެހިލުން ކަނޑާލައިފައި ޑރ. އިބުރާހިމުގެ އަރިހުގައި ތިހުރިހާ ތަފާތު އިދިކީލަ އުސޫލުތައް އެއްގޮތްކޮށް ތަފާތުތައް ނައްތާލައްވާނީ ކިހިނެއްތޯ ދެންނެވުމުން ވިދާޅުވީ މިހެންނެވެ. އިނގިރޭސިވިލާތުގެ ވަލީ އަހުދު އަލް އަމީރު ޗާލްސް ވެސް ތަފާތު ޖަމިއްޔާތަކުގައި ހަރަކާތްތެރިވެލައްވާ ނޫންތޯ އެވެ.
ސްކޯލަޝިޕް ދިއުމަށް ޑރ. އިބްރާހިމު ހޮއްވަވާ ކުދީންނަކީ ގަބު، ތައުލީމީ ގޮތުން މާ މޮޅު ނޫން އަދި ޖިސްމާނީ ގޮތުން ވެސް ޟައީފު ކުދިންނަށް ވުމުން، ކިޔުންތެރިން އެކަމާ މެދު ހައިރާންވާނޭހެނެއް ހިޔެއްނުވެ އެވެ. އެފަދަ ކުދިން ކިޔަވަން ގޮސް އެނބުރި އަންނަނީ ހަމަދިޔަ ހާލުގައި ހުސްއަތާ އެވެ. މާބޮޑު ކިޔެވުމެއް ނުކިޔެވި ދައުލަތުގެ ޚަޒާނާ އިން ބޮޑު އަދަދެއްގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކޮށްފަ އެވެ. މިހެން ކަންތައް ވުމުން ދަލީލު ލިބެނީ ޑރ. އިބުރާހިމަކީ އޭނާވަރުގެ ދެވަނައެއް ނެތް ފަދަ މޮޅު މީހެއް ކަމަށެވެ. އެހެނީ އެހެން ހުރިހާ ކުދިން ފޭލިވާއިރު ޑރ. އިބުރާހިމަށް، އެހާ ފަސޭހަކަމާއެކު ފާސްވެވަޑައިގެން، ސަނަދު ހާސިލެއް ނުކުރެއްވުނީސްތާ އެވެ.
މިހެން ކަންތައް ވަމުން ދަނިކޮށް، އެއް ދުވަހަކު، ޑރ. އިބުރާހިމު ކޯފާކޮށްލައި ނުރުހުން ކުރުވި ކަމެއް ދިމާވިއެވެ. ޑރ. އިބުރާހިމު ކިޔަވާ ވިދާޅުވި ކޮލެޖުން ކިޔަވައިގެން ހުރި، އޭނާގެ އަތްޕުޅުގައި އޮތް ފާހާ އެއްވަރު ފާހަކާއި އަދި އޭނާއަށް ވުރެ މާމަތީ ދަރަޖައަކުން ފާސްވެފައިވާ ޒުވާނަކު، އޭނާގެ ވުޒާރާ އިން ވަޒީފާއަކަށް އެދުނީއެވެ. ޑރ. އިބުރާހިމު ނުބައްލަވާ ހުންނަވަނިކޮށް، އޭނާ ތިއްބަވާފައިވާ ދަތިތަކާއި ދަންމަވާފައިވާ ވާތައް ގިރާކޮށް ވަޒީފާއަކަށް އެދޭ ހިސާބަށް މިޒުވާނާ އަށް އާދެވުނު ގޮތާ މެދު ޑރ. އިބުރާހިމު ހައިރާން ވެލެއްވި އެވެ. އަދި މިޒުވާނާ ކިޔެވީ އަމިއްލަ ޚަރަދުގައިކަން ޑރ. އަށް އެނގިނުލެއްވި ނަމަ، އަމިއްލަ ނަފްސު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވީހެވެ.
ކޮންމެއަކަސް މިޒުވާނާ އެދުނު ކަންތަކުގެ ސަބަބުން ބޮޑު މުސީބަތަކާ ކުރި މަތިލުމުން ސަލާމަތްކޮށްދިނީ ސަރުކާރުގެ ގަވާއިދެކެވެ. އެއީ އަމިއްލަ ގޮތުން ކިޔަވާ މީހުންނަށް ވަޒީފާދޭން ސަރުކާރަށް މަޖުބޫރު ނުވުމެވެ. އެހެންވެ، މައާފާއެކު ޑރ. އިބުރާހިމު އެ ޒުވާނާ އަށް އެންގެވީ އޭނާގެ ވުޒާރާގެ ހުރިހާ ވަޒީފާއެއްވަނީ ސަނަދު އޮތް ގާބިލު މީހުން ލައި ފުރާލެވިފައި ކަމެވެ. އަދި އެޒުވާނާ އަށް އެޑިއުކޭޝަން މިނިސްޓުރީގައި އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސެއްގެ ވަޒީފާއަކަށް ނަމަވެސް އެދުމަށް، އިޚުލާސްތެރިކަމާއެކު ޑރ. އިބުރާހިމު އިރުޝާދު ދެއްވި އެވެ.
މިހެން ކަންތައް ދިމާވުމަކުން މި ޒުވާނާ ފަހަރެއްގައި ވެސް މާޔޫސެއްނުވެ އެވެ. އެހެނީ އޭނާއަކީ ހަމަ ފައްކާ އިރާގު މީހެކެވެ. މުސްތަހީލު ކަންތައްތައް ދާދި ފަސޭހައިން ކޮށްލާނީ ކިހިނެއްކަމާއި މަނާ ކަންތައް ހުއްދަކޮށްލާނޭ ގޮތާއި ޣައިރު ގާނޫނީ ކަންތައް ގާނޫނީ ކަންކަމަށް ހަދާލާނޭ ގޮތް ވެސް އޭނާ ދަނެ އެވެ. ވަޒީފާ ނުލިބުމުން ދެން އޭނާ ދިޔައީ އޭނާގެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންގެ ގާތަށެވެ. އަދި އެމީހުންގެ ކިބައިން އެދުނީ މިމުސްތަބިއްދު ޑޮކްޓަރާއި އޭނާއާ ދެމެދުގެ މެދުވެރިއެއްގެ ބައި އަދާކުރާނޭ ބޮޑު ބޭފުޅަކު ހޯދުމަށެވެ. އަދި ޑރ. އިބުރާހިމާ ގާތް، އޭނާގެ އަރިހުގައި ގަދަރުވެރި ހިތްހެޔޮ ޒައީމަކު ހޯދާކަށް ޒުވާނާގެ ގާތްތިމާގެ މީހުންނަށް މާބޮޑުކަމަކަށް ނުވި އެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ.