13 ޑިސެމްބަރ 2022 - 12:01

ސްޕެއިންގެ ރީޖަނަލް ލީގު ނުވަތަ ހަވަނަ ޑިވިޝަންގެ ކްލަބަކަށް ކުޅެމުން އަންނަ މިރާޝް އިމްތިޔާޒު (އާޝް) ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމަނައިފި އެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗުގައި މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅެން އާދިއްތަ ދުވަހުގެ ރޭ ފުރި ދިވެހި ޓީމާއެކު މިރާޝް މިވަގުތު ހުރީ މެލޭޝިއާގަ އެވެ.
ސްޕެއިންގެ ބާސެލޯނާ އަށް ނިސްބަތްވާ ޔޫއީ ކޯނެލާގެ އެކަޑަމީގައި ތަމްރީން ހަދައި ސްޕެއިންގެ ޔޫތު މުބާރާތްކުގައި އެ ކްލަބަށް ކުޅުނު އުމުރުން 22 އަހަރުގެ ފޯވާޑް މިހާރު ކުޅެމުން ދަނީ ކަޓާލަން ލީިގުގެ ޔޫޑީ ރޫބީ އަށެވެ.
މިއީ ސީނިއާ ގައުމީ ޓީމުން މިރާޝް އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އިސްކަންދަރު ސްކޫލްގެ ޖޫނިއާ ޓީމުން ފާހަގަ ކުރެވުނު މިރާޝް ފުޓްބޯޅައިގެ ތަމްރީންތައް އެންމެ ފުރަތަމަ ފެށީ ރާއްޖޭގެ އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީންނެވެ.
ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް އެކުލަވާލި ގައުމީ ޓީމުގައި މިރާޝް ހިމަނަން މަސައްކަތް ކުރިއަސް އޭރު އޭނާ އަށް ޓީމުގައި ބައިވެރި ނުވެވުނީ އަނިޔާގައި ހުރުމުގެ ސަބަބުންނެވެ.
ސްޕެއިންގެ ރީޖަނަލް ލީގުގައި އެފްސީ މޯލްޓަށް ކުޅުނު ވިންގް ފޯވާޑް ވަނީ 2019 ގައި އެ ކްލަބްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަލީ ޓަޗު އެކަޑަމީގައި މިރާޝް އަށް ކޯޗުކޮށް ދިން، މިހާރުގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހުމަދު ސަލީމް ވަނީ ރާއްޖޭގެ ގައުމީ ޓީމުން ލިބޭ ކޮންމެ ފުރުސަތެއް ބޭނުން ކުރުމަށް މިރާޝް އަށް އިލްތިމާސްކޮށްފަ އެވެ.
"އަޅުގަނޑުގެ އާޝް އަށް ދޭނެ ނަސޭހަތަކީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިއްޖެނަމަ އެކަން ކުރާށޭ. އާޝްގެ ފުޓްބޯޅަ ކެރިއާ ބިނާކޮށް ދިނުމަށް ރާއްޖޭގެ ބައެއް ކޯޗުން ވެސް މަސައްކަތް ކުރި،" ބޯޅަ އެމްވީ އަށް 2019 ގައި ދިން އިންޓަވިއުގައި ހީނާ ވިދާޅުވި އެވެ.
ގައުމީ ޓީމުން މާދަމާ ނުކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ، އަންނަ އާދިއްތަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ނުކުންނާނެ އެވެ. މެލޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 6 ޖަހާއިރު އެވެ.