ޑިއާޒްގެ އަނިޔާ، މޫނުމަތީގައި ޖެހި ހެޔޮވަރުގެ ތަފާލެއް: ކްލޮޕް
ޑިއާޒްގެ އަނިޔާ، މޫނުމަތީގައި ޖެހި ހެޔޮވަރުގެ ތަފާލެއް: ކްލޮޕް

ދުބާއީ (ޑިސެމްބަރު 13) - ލިވަޕޫލަށް ކުޅޭ ކޮލަމްބިއާގެ ވިންގާ ލުއިސް ޑިއާޒް އަށް އަނެއްކާ ވެސް އަނިޔާއެއް ކުރިމަތިވެ، އިތުރު ތިން މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ މޫނުމަތީގައި ޖެހި ހެޔޮވަރުގެ ތަފާލެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޑިއާޒް އަށް އަނިޔާވި ވޯލްޑް ކަޕްގައި ނުކުޅޭ ލިވަޕޫލްގެ ކުޅުންތެރިން ޓްރޭނިން މެޗުތަކެއް ކުޅެން ޔުނައިޓެޑް އެރަބް އެމިރޭޓްސް އަށް ކުރި ދަތުރުގައި ޓީމުގެ ޕްރެކްޓިހުގައި ހުއްޓަ އެވެ.

އޮކްޓޫބަރު މަހުގެ ކުރީކޮޅު އާސެނަލް އަތުން 3-2 އިން ލިވަޕޫލް ބަލިވި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. ނަމަވެސް މިޑް ސީޒަން ގެ ރަހުމަތްތެރިކަމުގެ މެޗުތަކުގައި ބައިވެރިވާން ފިޓް ވެގެން އޭނާ ލިވަޕޫލާ އެކު ދުބާއީ އަށް ދިޔަ އެވެ.

ނަމަވެސް މި އަހަރުގެ ޖެނުއަރީ ޓްރާންސްފާ ގައި ޕޯޗުގަލްގެ ޕޯޓޯ އިން 37 މިލިއަން ޕައުންޑަށް ގެނައި ޑިއާޒްގެ ކަކުލަށް އުނދަގޫ ވާތީވެ، އިތުރު ޓެސްތު ތަކަށް އެނބުރި އިންގްލެންޑަށް ފޮނުވާލުމުން އެނގުނީ އިތުރު ސާޖަރީއެއް ހަދަން ޖެހި، އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

"މިއީ އަހަރެމެންނަށް ލިބުނު ބޮޑު ހިތާމައެއް. އެއްވެސް ކަމަކާ ނުލައި އަޑެއް އިވުނީ، އިތުރަށް ބެލި އިރު، މިއީ މޫނުމަތީގައި ޖެހި ހެޔޮވަރު ވަރެއްގެ ތަފާލެއް،" ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

މިއީ ގަވާއިދުން މެޗުތަކަށް ނެރޭނެ ފުރަތަމަ 11 އެއް ކަނޑައަޅަން ދަތިތަކެއް ކުރިމަތި ވެފައިވާ ލިވަޕޫލަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ވޯލްޑް ކަޕް ގެ ކުރިން، އެ ޓީމަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ އަށް ވަނީ އަނިޔާ ވެފަ އެވެ. ޖޮޓާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.

ދުބާއީ ގައި ލިވަޕޫލުން އަންނަނީ އާސެނަލް އާއި ފްރާންސްގެ ލިޔޯން އަދި އިޓަލީގެ އޭސީ މިލާނާ އެކު ދުބާއީ ސުޕަ ކަޕް ނަމުގައި ކުރިއަށްދާ ރަހުމަތްތެރިކަމުގެ މުބާރާތެއްގައި ކުޅެމުންނެވެ. ކޮންމެ ޓީމަކަށް ދެ މެޗު ކުޅެން އޮތްއިރު، އާސެނަލް އާ ދެކޮޅަށް ލިވަޕޫލް ނުކުޅޭނެ އެވެ. އެއީ ދެ ޓީމަކީ ވެސް އިނގިރޭސި ކުލަބުތަކަށް ވާތީ އެވެ.

ލިވަޕޫލުން ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ލިޔޯން އާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުގެ ކުރީކޮޅު ލިވަޕޫލްގެ ޒުވާން ވިންގާ ހާވީ އެލިއޮޓް އަށް ކުޑަވަރެއްގެ އަނިޔާއެއް ވެގެން ބަދަލު ކުރަން ޖެހުނެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ކޯޗު ކްލޮޕް ބުނެފައި ވެއެވެ.

ދުބާއީ ސުޕަ ކަޕް ގައި ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާ އެއް ނުކުތަސް ޕެނަލްޓީ ޖަހަން ޖެހެ އެވެ. ފުރިހަމަ ވަގުތު ކުޅެގެން މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު، އެއްވަރު ވެއްޖެ ނަމަ ކޮންމެ ޓީމަކަށް ވެސް ދެ ޕޮއިންޓް ލިބޭނެ އެވެ. އަދި ޕެނަލްޓީގައި ކުރި ހޯދާ ޓީމަކަށް އެއް ޕޮއިންޓް އިތުރަށް ލިބޭނެ އެވެ.

އާސެނަލް އިން މުބާރާތުގެ ފުރަތަމަ މެޗުގައި 3-0 އިން ލިޔޯން ބަލިކުރި އެވެ. އަދި ޕެނަލްޓީ ގައި އާސެނަލް ކުރި ހޯދީ 2-1 އިންނެވެ.

ލިވަޕޫލުން ލިޔޯން އާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ 3-1 އިން ބަލި ވެފަ އެވެ. އަދި ޕެނަލްޓީ ގައި ވެސް ލިޔޯން ވަނީ 5-3 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އޭސީ މިލާނާއި އާސެނަލް މިރޭ ބައްދަލު ކުރާއިރު، ލިވަޕޫލްގެ ފަހު މެޗުގައި އޭސީ މިލާނާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެ ރެއެވެ.