13 ޑިސެމްބަރ 2022 - 11:54

ހުޅުމާލޭގައި ވައިގެ ކޮލިޓީ ދެނެގަންނަ ސިސްޓަމްތައް ހުންނަ، ދެ ސްޓޭޝަނެއް ހަދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގައި ވައިގެ ކޮލިޓީ ދެގަންނަން ސްޓޭޝަންތަކެއް ހަދަން ބޭނުންވާ ދެ ސިސްޓަމް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހަދިޔާކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ވައިގެ ކޮލެޓީ ދެނެގަންނަ ދެ ސިސްޓަމް ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އަދި އެ ރަސްމިއްޔާތުގައި މިނިސްޓްރީން ވަނީ ހުޅުމާލޭގައި އެ ސިސްޓަމްތައް ހަރުކުރުމަށް ހަދާ ދެ ސްޓޭޝަންގެ މަސައްކަތްކުރުމަށް އެޗްޑީސީއާ އެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ހަދާ ސްޓޭޝަންތަކުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެޗްޑީސީން ކަމަށެވެ. އަދި ފުރަތަމަ ސްޓޭޝަން ހަދަން ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށާއި އަނެއް ސްޓޭޝަން ހަދާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަނެއްގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މި ސްޓޭޝަންގެ ޒަރިއްޔާއިން ލިބޭ ޑާޓާ ބޭނުންކޮށްގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ޑާޓާ އާންމުންނަށް ފެންނާނެހެން ޝާއިއުކުރުމުގެ މަސައްކަތް އެޗްޑީސީ އާއި މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، ހުޅުމާލޭގައި ހަރުކުރާ ވައިގެ ކޮލެޓީ ދެނެގަންނަ ދެ ސިސްޓަމަކީ، ރާއްޖޭގައި ވައިގެ ނުސާފު މިންވަރު ބެލުމަށް އެ އިދާރާއިން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހަދިޔާކުރި ސިސްޓަމްތަކެކެވެ.
• މި ސްޓޭޝަންތައް މެދުވެރިކޮށް، ވައި ތަޣައްޔަރުކުރުވާ ގިނަ މާއްދާތަކެއް މޮނީޓާކުރެވޭނެ.
• މޮނީޓަތަކުގެ ޒަރިއްޔާއިން ޕާޓިކިއުލޭޓް މެޓަ އަދި ކާބަންޑައިއޮކްސައިޑް ގޭސް ވައިގައި ހުރި މިންވަރު މޮނީޓަކުރެވޭނެ.
• ވައި ތަޣައްޔަރުވެފައިވާ މިންވަރު އަންގައިދޭ މިންގަނޑު ކަމަށްވާ އެއާ ކޮލެޓީ އިންޓެކްސް (އައިކިއުއައި) ވެސް މޮނީޓަރުތަކުގެ ޑާޓާއިން އެނގޭނެ.
• އައިކިއުއައި އަކީ އެމެރިކާގެ ތިމާވެއްޓާ ބެހޭ އެޖެންސީން ވައިގެ ސާފު މިންވަރު ބެލުމަށް ކަނޑައަޅާފައިވާ މިންގަނޑު.
އެ ސިސްޓަމުން އެއްކުރާ ޑާޓާގެ އެހީގައި ވައިގެ ކޮލެޓީ ހުންނަ މިންވަރު އަންދާޒާކުރަނީ ހަ ކެޓަގަރީއަކަށް ބަހަލާއިގެންނެވެ. އެއިން ކޮންމެ ކެޓަގަރީއަކަށް ހާއްސަ ކުލައެއް ދީފައި އޮވެ އެވެ. އޭގެން ކޮންމެ ކުލައަކުން، މީހުންގެ ސިއްހަތަށް ކުރާނެ އަސަރު އަންގައިދޭނެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ މިންވަރު ވެސް އަންގައިދޭނެ އެވެ.
ވެހިކަލްތަކާއި އިންޖީނުގެ އާއި އިންޓަސްޓްރިއަލް މަސައްކަތްކުރާ ތަންތަނުން ބޭރުވާ ވިހަ ގޭސްތަކުގެ ސަބަބުން ފުއްޕާމޭގެ ސީރިއަސް މައްސަލަތަކާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހެން މެދުވެރިވެ އެވެ.
ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ކޮލެޓީ ދެނެގަންނަ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އަށް ރަށެއްގައި އެ ސިސްޓަމް ހަރުކޮށްފައިވެ އެވެ. އެ ރަށްތަކަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، ފުވައްމުލަކު އަދި އައްޑޫ ހިތަދޫގަ އެވެ.
މާލޭގައި ވެސް އޭގެ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވިލިމާލޭގައި ވެސް އެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.