ޑޮކްޓަރު އިބުރާހީމު: ބާބިލް ޓަވަރުގެ ތަނބެއް! (2)
ޑޮކްޓަރު އިބުރާހީމު: ބާބިލް ޓަވަރުގެ ތަނބެއް! (2)

(އިއްޔެގެ ނޫހާ ގުޅޭ)

މި އަޑުއިވުމުން އިބުރާހިމު ގާތަށް ހިނި އައެވެ. އަދި އޭނާގެ ރަށުގެ މުހިއްމުކަން ވިސްނައިދިނުމުގެ ގޮތުން އިބުރާހިމު ބުންޏެވެ. އެއީ މެސަޕޮޓޭމިއާ އެވެ. ތެލުގެ ގައުމެކެވެ." ދެން ދެރަހުމަތްތެރިން އެއްފަހަރާހެން ބުންޏެވެ. "އެންމެ ފުރަތަމަ ވެސް ތިހެން ބުނިނަމަތާ އެވެ!" އަދި އެތަނުން އެކަކު ބުންޏެވެ. "ޝައްކެއް ނެތް ގޮތުގައި ތެޔޮ ކުންފުނީގެ ތެލުގެ ބިންތަކުގެ ތެރެއިން ބައެއް ބިންބިމަކީ ކަލޭގެ މިލްކުގައި ހިމެނޭ އެއްޗެއް، އެހެން ނޫންތޯ އެވެ؟" ސަމާސާކޮށްލުމުގެ ގޮތުން އިބުރާހިމު ވެސް ބުންޏެވެ. "ނޫނެކެވެ. ނަމަވެސް ތެލުން ލިބޭ ފައިސާގެ ބޮޑު ބައެއް އަހަރެންގެ އަތްމައްޗަށް އަރާނެ އެވެ. އެހެނީ އަހަރެންވާނީ ބޮޑު މުސާރައެއް ލިބޭ އިރާގުގެ ސަރުކާރުގެ އިސް މަގާމެއް ފުރާނޭ މީހަކަށެވެ."

* * * *

ޑޮކްޓަރު އިބްރާހިމު ފަރިއްކުޅުއްވާ ތަށްޓާ ދިމާލަށް ބައްލަވައި އިސް ޖައްސަވައިގެން އިންނަވައި ފަރިއްކުޅުއްވަމުން ގެންދެވި އެވެ. އަދި ފަރިއްކުޅުއްވާ އެއްޗެއް ހެއްޕެވުމަށް ނޫނީ ކާނާގެ ރަހަ ލިބިވަޑައިގަތުމަށްވެސް ފުރުސަތެއް ނުދެއްވައި، އަނގަފުޅާއި ތައްޓާ ދެމެދު، އަވަސް އަވަހަށް ސަމުސާ ބަދަލު ކުރައްވަމުން ގެންދެވިއެވެ. ފަރިއްކުޅުއްވަމުން ގެންދަވާ ގޮތުން ހީވަނީ އެއްގޮތަކަށް ވެސް ގަޔާވެވަޑައިނުގަންނަވާ ފޫހިކަމެއް ކުރައްވަމުން ގެންދަވާހެންނެވެ. އެހެނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މިއަދު އެމަނިކުފާނުގެ ގެކޮޅުގައި ބާއްވެން އުޅޭ ބައްދަލުވުމާ އަޅައިބަލާއިރު ފަރިއްކުޅުއްވުމަކީ އެއްވެސް އަގެއް، ފައިދާއެއް އޮތްކަމެއް ނޫނެވެ.

އޮފީހުގައި މިއަދު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. އޮފީހުގައި ލަސްވީ އޮފީހުގައި ކުރައްވަން ފުނިޖެހިފައި ހުރި މަސައްކަތް ކުރެއްވުމުގައި އުޅުއްވީމައެއް ނޫނެވެ. ފަހުން ކުރައްވަން ބެހެއްޓިފައި ހުރި ވާޖިބުތައް އަދާ ކުރައްވަން މަޑުކޮށްލެވިގެންނެއް ވެސް ނޫނެވެ. ލަސްވެވަޑައިގަތީ ބައެއް ޚާއްސަ ބޭބޭފުޅުންނާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވެގެންނެވެ. މި ބޭބޭފުޅުންނަކީ މުސްތަގުބަލުގައި ބޮޑެތި ބޭބޭފުޅުންކަމުގައި ވެގެންދާނޭ ބޭބޭފުޅުންނެވެ. މިއަދު ވަރަށް ޚާއްސަ ދެ ބޭފުޅަކާ އަލަށް ބައްދަލުވެވަޑައިގަތުމުގެ ފުރުސަތު ޑރ، އިބުރާހިމަށް ލިބިވަޑައިގަތެވެ. އެއީ ކުރިންވެސް ބައްދަލުވެވަޑައިގެންފައިވާ ޚާއްސަ އެތައް ބޭފުޅުންނަކާ ބައްދަލުވުމުގެ އިތުރުންނެވެ.

މި ބޭބޭފުޅުންގެ ޒިޔާރަތް ކޮށްލެއްވުމަކީ ފަހަރެއްގައި ވެސް ޑރ. އިބުރާހިމުގެ ވަޒީފާގެ މަސައްކަތާ ގުޅިފައި އޮތް ކަމެއް ނޫނެވެ. މިޒިޔާރަތަކީ ވާހަކަދައްކާލައި އަނގަތަޅާލައި އެކަކު އަނެކަކުގެ ހިތުގެ އެދުންތައް ބޭރުކޮށްލުމަށްޓަކައި ކޮށްލެވުނު އަމިއްލަ ޒިޔާރަތެކެވެ. ސަޔަކަށް އިންސާފުކޮށް، ސިނގިރެޓް ބޯލާ ހަދާލުމުގެ ގޮތުން ކުރެވުނު ޒިޔާރަތެކެވެ. އަދި ސިޔާސީ އިޖުތިމާއީ ކަންކަމާ ބެހޭ ގޮތުން އަނގަތަޅާލައި މިކަންކަމާ ބެހޭގޮތުން ކޮންމެ މީހެއްވެސް އެމީހަކު ދެކޭ ގޮތުގެ ވާހަކަ ބުނެދިނުމަށް ކުރެވުނު ޒިޔާރަތެކެވެ.

މިފަދަ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކަކީ ހައްގު ހޯދުމަށްޓަކައި ކުރެވޭ ބަހުސެއް ނޫނެވެ. އެވާހަކަތައް އަބަދުވެސް އޮންނަނީ ދެބަސްވުމާއި ޖަދަލު ކުރުމަކަށްވެފަ އެވެ. އެހެންވެ، ވާހަކައިގެ އަޑު ގަދަވެ އެއްފަހަރާ ފަސް ބޭކަލުންވެސް އެބޭކަލުންގެ ރައުޔު ފާޅުކޮށްފާނެއެވެ. މިފަދަ ވާހަކަތަކުގައި އަބަދުވެސް ކުރި ލިބެނީ އެންމެ އަޑުގަދަ ބޭކަލަކަށެވެ. މިވާހަކަތައް ދެކެވެމުންދާ އިރު އޮފީސް ހުންނަނީ ބަންދުވެފަ އެވެ. އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ އާއްމު މީސްތަކުންނަށް އޮފީހުން ލިބިދޭން އޮންނަ ޚިދުމަތް އޮންނަނީ ނުލިބިފަ އެވެ. އޮފީހުގެ ރަސްމީ މަސައްކަތް އޮންނަނީ ކުރިއަށް ނުގެންދެވި ހުއްޓިފަ އެވެ.

މިފަދަ ހާލަތްތަކުގައި، އޮފީހުގެ ދޮރުވާނު، އޭނާގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި، ވެރިޔާ ރުހިވަޑައިގަންނަވާނޭ ގޮތަށް، އަދާ ކުރެ އެވެ. ވެރިޔާއާ ބައްދަލު ކުރައްވަން 'ބޮޑު ބޭފުޅަކު' ވަޑައިގެންފިނަމަ، އާދައިގެ އާއްމު މީހާއާ ޚިލާފަށް އެ ފުރަސަތު އެބޭފުޅަކަށް އޮވެ އެވެ. މިފަދަ ބޮޑެތި ބޭފުޅުންނަކީ ކޮބައިކަން ދޮރުވާނަށް ފާހަގަކުރަން އެނގެ އެވެ. އެމީހުންގެ ބޮޑެތި ބަނޑުތަކުންނާއި ލާފައި ތިބޭ އަގު ބޮޑެތި ސާފު ރީތި ހެދުމާއި އަޅާފައި ހުންނަ އައިނުންނެވެ. އެމީހުންގެ ވާހަކައިގެ ރާގުގައި ހުންނަ ބޮޑާކަމާއި ކިބުރުވެރި ގޮތުން ވެސް މެއެވެ.

ޑރ. އިބުރާހިމު މިއަދުގެ ބައްދަލުވުން ނިންމާލެއްވީ ޒިޔާރަތް ކުރެއްވި ބޭކަލުންނަށް އޭނާގެ އަމިއްލަގޭގައި މިއަދު ކޮންމެވެސް ވަގުތެއްގައި ބައްދަލުވެލައްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. ކޮންމެއަކަސް ވަގުތު ހިނގަމުން ގޮސް މިހާރު ބައްދަލުވާން ކަނޑައެޅުނު ގަޑިޖެހެން ދެން މާ ގިނަ ވަގުތެއް ނެތެވެ.

* * * *

އެންމެފަހުން ހުރިހާ ބޭފުޅުންވެސް ޑރ، އިބުރާހިމުގެ ގެކޮޅަށް ވަޑައިގެންފި އެވެ. ހުރިހާ ބޭފުޅުންނަށްވެސް ގޭ ދޮރުމަތިން ޑރ. އިބުރާހިމު މަރުހަބާ ދެންނެވި އެވެ. އެއީ ޖުމްލަ ދިހަ ބޭފުޅުންނެވެ. މިބޭފުޅުންގެ ތެރޭގައި ތިން ލޯޔަރުންނާއި ކުރީގެ ތިން ވަޒީރަކާއި ރައްޔިތުންގެ މަޖުލިހުގެ ތިން މެމްބަރަކާއި ނޫހެއްގެ ވެރިޔަކު ވެސް ހިމެނެ އެވެ. މިބޭފުޅުންނަށް ބަލައިލުމުން ވެސް މިއީ ވަރަށް ވެސް ޚުތޫރަތްތެރިކަން ބޮޑު ބައްދަލުވުމެއްކަން ކިޔުންތެރިންނަށް ވެސް ލަފާކޮށްލެވޭނެއެވެ.

އެއް ދުވަސްވަރެއްގައި މިފަދަ ބައްދަލުވުންތައް ފާޅުގޮތެއްގައި ބޭއްވުނެވެ. ނަމަވެސް މިދުވަސްވަރަކީ ސިޔާސީ ޕާޓީތައް މުޅިން މަނާކުރެވި އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތައް މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެކެވެ. އެހެންވެ މިފަދަ ބައްދަލުވުންތައް ބޭއްވެން އޮންނަނީ ސިއްރިޔާތުގަ އެވެ. މިފަދަ ބައްދަލުވުންތައް ބޭއްވެނީ ނާދީތަކާއި ކުލަބުތަކުގައެއް ނޫނެވެ. އަމިއްލަ މީސްމީހުންގެ ގޭގަ އެވެ. ޖާސޫސަކަށް ނުވަތަ ފާރަވެރިޔަކަށް އޭގެ ޚަބަރު ނުފޯރާނޭ ގޮތެއްގައެވެ.

މިފަދަ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް ލިޔެވި ރެކޯޑުކުރެވެނީ ނޯޓު ފޮތެއްގެ ސަފުހާތަކުގައެއް ނޫނެވެ. މީސްމީހުންގެ ހިތްތަކުގަ އެވެ. މިފަދަ ޒިޔާރަތްތައް ވެފައި އޮންނަނީ ސަރުކާރު ވައްޓާލުމަށްޓަކައި ސައްލާކުރުމަށް ބައްދަލުވާ ބައްދަލުވުންތަކަކަށެވެ. ސިޔާސީ އިދިކޮޅު ހަރަކާތްތައް ހުއްޓުވައިލި އިރު، 'ބޮޑު' ކޮންމެ މީހެއްގެ އަމިއްލަގޭގެ އިސްތިގުބާލުކުރާ ކޮޓަރިއަކީ އިދިކޮޅު ސިޔާސީ ޕާޓީއެއް ހިންގާ ތަނަކަށް ބަދަލުވެގެން ހިގައިދާނޭ ތަނެއްކަމެއް، ސަރުކާރަށް އެއިރަކު ވިސްނިފައެއް ނެތެވެ.

މިއަދު ވެސް، އެހެން ދުވަސް ދުވަހެކޭ ވެސް އެއްފަދައިން ދެކެވުނީ ސިޔާސީ ވާހަކަތަކެވެ. ވާހަކަތައް އަމާޒުވެފައި އޮތީ ސިޔާސީ ވެރިންނަށެވެ. ސަރުކާރުން ކުރަމުންދާ ކަންކަމަށެވެ. އެކަންކަމުގައި އޮތީ މުޅިންވެސް އައިބުތަކާއި އުނި ކަންތަކެވެ. ސިޔާސީ ވެރިންގެ ސިޔަރަތުގެ މައްޗަށް ވެސް ބަލާލެވުނެވެ. އެ އެންމެންނަކީ ވެސް މޮޔައިންނެވެ. ނޫނީ ޣަދަރުވެރި ޚާއިނުންނެވެ. ނޫނީ ދޮގު ހަދާ ވައްކަން ކުރާ ވަގުންނެވެ. ނޫނީ ނުލަފާ މުނާފިގުންނެވެ. ނޫނީ ހަމައެކަނި އަމިއްލަ އެދުމާގެން މަސައްކަތް ކުރާ ލައުނަތް ލިބިގެންވާ މީހުންނެވެ.

ޖަލްސާގައި ރަށަށް ގެންނަން ބޭނުންވާ އިސްލާހާ ބެހޭ ގޮތުން ބަހުސުކުރެވުނު އިރު އެންމެހައި ބޭކަލުންނަށް ވެސް އެއްބަސްވެ ވަޑައިގެންނެވުނީ ގެންނަން ޖެހޭ ހަމައެކަނި އިސްލާހަކީ މިވެނި ވުޒާރާއަކީ އުވާލަން ޖެހިފައިވާ ވުޒާރާއެއް ކަމެވެ. އަދި އިސްލާހު ގެނައުމަށްޓަކައި، ބަދަލުގައި އެހެން ވުޒާރާއެއް އުފައްދަން ޖެހޭކަމެވެ. އަދި މިއިސްލާހު ގެނައުމަށްޓަކައި އެ ވުޒާރާގައި މަސައަކަތްކުރަން ތިބެން ޖެހޭނީ މި ބޭކަލުން އެދޭގޮތަށް ކަންތައް ކުރާ، މި ބޭކަލުންގެ ގާތްތިމާގެ މީހުންނާ ރަހުމަތްތެރިން ކަމެވެ. އަދި އުވާލަން ބޭނުންވާ ވުޒާރާ އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްވެސް ރާވައި ނިންމި އެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހައި ބޭކަލުންގެ މައްޗަށް، މިގޮތުން ކުރަންވީ ކަންކަން ބަހާލެވުނެވެ.

ނޫސްވެރިޔާގެ މަސްއޫލިއްޔަތަކަށްވީ އޭނާގެ ނޫހުގެ ސަފުހާތައް، ސަރުކާރަށް ފާޑުކިޔައި ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ސަނާ ކިޔާ ސަފުހާތަކަކަށް ހަދާލުމެވެ. އަދި ކޮންމެ ބޭކަލެއްވެސް އެބޭކަލެއްގެ މަސްއޫލިއްޔަތަކީ ކޮންމެވެސް ސިފައެއްގައި ސަރުކާރަށް ހަމަލާ ދިނުންކަން ނިންމެވި އެވެ. މިއެންމެ ބޭކަލުންގެ ތެރެއިން ވެސް އެންމެ މުހިއްމު ދައުރެއް ހަވާލު ކުރެވުނީ ޑރ. އިބުރާހިމާ އެވެ.

ޖަލްސާގެ ބައިވެރިން ގެއިން ނުކުމެވަޑައިގަތުމުން ޑޮކްޓަރާ ހަވާލުކުރެވުނު ކަންތައްތަކަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ވަގުތުން ފެށްޓެވި އެވެ. ނޫހުގައި ޝާއިއު ކުރުމަށް ލިޔުމެއް ލިޔުއްވުމަށެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ކަންކަމަށް ފާޑުވިދާޅުވެފަ އެވެ. މިލިޔުން ލިޔުއްވުމުގައި ރިޕޯޓަކަށް ނޫނީ ތަފާސްހިސާބަކަށް ނޫނީ ލިޔެވި ޝާއިއުކުރެވިފައިވާ ބަހުސަކަށް ބައްލަވާކަށް ޑރ. އިބްރާހިމު ނުހައްދަވަ އެވެ. އަދި ޒާތީ ކަންތައްތަކުން އެއްކިބާވެ ހުންނަވައިގެން ލިޔުއްވުމަކީ ވެސް މުހިއްމު ކަމެއްކަމުގައި ދެކިއެއް ނުލައްވައެވެ.

މިފަދަ ކަންކަމަށް ބެއްލެވުމަށްވުރެ ޑރ. އިބުރާހިމު މާ ބޮޑުފުޅުވެފައި މޮޅުފުޅެވެ. މިހެން ނުވާނަމަ، އޭނާގެ އަތްޕުޅުގައި އޮތް ސެޓިފިކެޓުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެއްމެ މަޒުމޫނެއް ލިޔުއްވައިފައި ޑރ. އިބުރާހިމު ނިންމާލެއްވީކީ ނޫނެވެ. އިތުރު އެހެން މަޒުމޫނެއް ވެސް ލިޔުއްވި އެވެ. ކަންކަން ނުކުރެވޭ ކަމާއި ކަންކަމާ މެދު ފަރުވާ ކުޑަ ކުރާކަން ސަރުކާރުގެ މައްޗަށް ތުހުމަތު ކުރައްވާފައެވެ.

އަދި ހަމައެކަނި އެހެން ނަމެއްގައި ލިޔުއްވުންތައް ލިޔުއްވުމުން ޑޮކްޓަރުގެ މަސައްކަތް ނިމުނީއަކީ ނޫނެވެ. މީގެ އިތުރުން އެކިއެކި ބައްދަލުވުންތަކުގައި ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ ބަހުރުވައިން ސަރުކާރުގެ އުނިކަމާއި ކަންކަން ނުކުރެވޭކަމާއި މަތީ ފާސް ނަގައިގެން އައިސް ތިބި މީހުންނާ ސަރުކާރުން ކަންކަން ހަވާލު ނުކުރާކަން ވެސް ފާހަގަކޮށް ވާހަކަފުޅު ވެސް ދައްކަވަ އެވެ. އަދި އޭނާގެ ވާހަކަތައް އަޑުއަހައި، އޭނާގެ ވާހަކައިގެ ރީތިކަމާ އޮމާންކަމުގެ އަސަރުގައި ޖެހި، އިރާގުގެ ރަންޒަމާން ދާދި އަވަހަށް ދެން އަތުވެދާނެކަން އަޑުއަހާ މީހާ އަށް ގަބޫލުކުރެވިދެ އެވެ. އަދި ބައެއް ފަހަރު ފަހަރު، އަޑުއަހާ މީހުންގެ ތެރެއިން މީހަކު ފޯރީގައި ޖެހި ވަރަށް އިޚުލާސްތެރިކަމާ އެކު ބުނެލައެވެ. "އަހަރުމެންގެ އަމިއްލަ ދަރިން ހުޅަނގުގެ ކޮލެޖުތަކުން އުނގެނުމަށް ފަހު، އެއުނގެނުމުގެ މޭވާ ހިފައިގެން އަހަރުމެންގެ ގައުމު ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި މިތިބީ އައިހެވެ."

* * * *

މުވާސަލާތާއި އިގުތިސާދާ ބެހޭ ވުޒާރާގެ ޑިރެކްޓަ ޖެނެރަލް ޑރ. އިބުރާހިމު އޭނާގެ ދުވަހުގެ ވާޖިބުތައް އަދާކޮށް ނިންމާލައްވައިފި އެވެ. މި ވާޖިބުތަކުގެ ތެރޭގައި ދެތިން ރަސްމީ ސިޓީއެއްގައި ސޮއިކޮށްލެއްވުން ނޫންކަމެއް ނޯވެ އެވެ. އޭނާގެ ވާޖިބުތައް އަދާކުރައްވައި ނިންމެވުމަށް ފަހު ގޮނޑިކޮޅުގައި ރަނގަޅަށް ހިންދެމިލެއްވި އެވެ. އަދި ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިވަޑައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަދި އަމާންކަމެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ.