16 ޖެނުއަރީ 2017 - 11:06

ނޯޓެއް:
"ޑޮކްޓަރު އިބުރާހިމު: ބާބިލް ޓަވަރުގެ ތަނބެއް!" މި ވާހަކަ ލިއުއްވީ އިރާގުގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޛުއްނޫނު އައްޔޫބް (1908-1988) އެވެ. މި ވާހަކަ އެންމެ ފުރަތަމަ ޝާއިއު ކުރީ 1936ގައި ކުރު ވާހަކައެއްގެ ގޮތުގަ އެވެ. ފަހުން 'ދުކްތޫރު އިބްރާހީމު'ގެ ނަމުގައި ރިވާޔަތެއްގެ ސިފައިގައެވެ. މިބައި އެރިވާޔަތުގެ ފުރަތަމަ ބާބުގެގޮތުގައި ހިމަނައިގެންނެވެ. މިވާހަކައިގައި ކިޔައިދީފައިވަނީ ވާހަކައިގެ ބަތަލުގެ ރަށުގައި ފެތުރި އާއްމުވެފައިވާ ސިޔާސީ ފަސާދައިގެ ސަގާފަތުގެ ވާހަކަ އެވެ. މުޅި ގައުމުގައި، ގައުމު ކުރިއެރުވުމުގެ ނަމުގައި އުޅެނީ އަމިއްލަ ފައިދާ އަށް މަސައްކަތްކުރާ ސިޔާސީ ވެރިން ކަމުގެ ވާހަކަ އެވެ. އަދި މިކަމުން ރަމްޒުކޮށްދެނީ މުޅި ގައުމު ވެސް ވަނީ އާއްމު ގޮތެއްގައި އަޚުލާގީ ގޮތުން ފާސިދުވެ ދަށު ދަރަޖައަކަށް ވެއްޓިފައި ކަމެވެ.
* * * * * *
ރޭލު ދުއްވާލުމުގެ ވަގުތު ޖެހިއްޖެކަން އިއުލާނު ކުރުމުގެ ކަށިގަނޑުގެ އަޑު ރޭލު ތެރޭގައި ގުގުމާލި އެވެ. ރޭލުގައި އިން އިބްރާހީމަށް އެކަށިގަނޑުގެ އަޑު ވީ ވަރަށް ހިތްގައިމު ރީތި އަޑަކަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެއަޑު އޭނާ އަށް ރަމްޒުކޮށްދެނީ އޭނާގެ ހަޔާތް، އެއް މަރުހަލާ އިން އަނެއް މަރުހަލާ އަށް ބަދަލުވެ ފުރޮޅިގެންދާ ދިއުމެވެ. ކިޔެވުމުގެ މަރުހަލާ އިން މަސައްކަތާއި ބޮޑުމީހަކަށް ވުމުގެ މަރުހަލާ އަށް ބަދަލުވުމުގެ އިޝާރާތެވެ. ހޭލައިހުރުމާއި ކިޔެވުމުގެ އުނދަގޫތައް އުފުލުމުގެ މަރުހަލާ އިން އަރާމުކުރުމާއި ހޮޓާތަކާއި ކްލަބްތަކުގައި މަޖާކުރުމުގެ މަރުހަލާ އަށް ބަދަލުވުމުގެ އިޝާރަތެވެ. މަސައްކަތުގެ ދުނިޔެއަކީ ކިޔެވުމުގެ ދުނިޔެ އަށް ވުރެ އުނދަގޫ އަދި ދަތިތަކާއި ވޭނުން ފުރިގެންވާ ދުނިޔެއެއް ކަމެއް އިބުރާހިމުގެ ހިތަކަށް ފަހަރެއްގައި ވެސް ނާރަ އެވެ.
އާދެ! އިބްރާހީމު އެއިނީ ލަންޑަނުގައި އޭނާގެ ކިޔެވުން ނިންމައިފައި އޭނާގެ ރަށް ބަޣުދާދަށް ދިޔުމުގެ މަގުމަތީގަ އެވެ. އޭނާވަނީ ދަނޑުވެރިކަމުގެ ފަންނުގައި އެންމެ މަތީ ފާސް ހޯދައިފަ އެވެ. މުޅި އިނގިރޭސި ވިލާތުގައި ވެސް އިލްމީ ގޮތުން އެންމެ ކުރީ ސަފުގައި ހިމެނޭ ޔުނިވަރސިޓީއަކުންނެވެ. އޭނާވަނީ އިރާގުގެ ދަރިޔަކު އެ ދާއިރާ އިން އެންމެ ފުރަތަމަ، އަދި އެންމެ މަތީ، ފާސް ހޯދި ދަރިވަރަކަށްވޭތޯ މަސައްކަތްކޮށް އެކަން ހާސިލުކޮށްފަ އެވެ. އޭނާ ދެކޭ ގޮތުގައި ދަނޑުވެރިކަމުގެ ދައުރު މިހާރުވަނީ ނިމިފަ އެވެ. ދެން އޮތީ ގޮވާން ކުރުމުގެ ދައުރެވެ. އަދި އޭނާވަނީ، މިހާތަނަށް އިރާގުގެ އެއްވެސް ދަރިޔަކުގެ ހިތަށް ނޭޅޭވަރަށް އިލްމު އަޅައި ފުރާލައިފަ އެވެ. އެހެނީ އޭނާ ހޯދި ސެޓިފިކެޓަކީ ބުރަދަން ހުރި، އޭގެ މައްޗަށް އިއުތިމާދުކުރެވޭނޭ ސެޓިފިކެޓެކެވެ. އެ ސެޓިފިކެޓަކީ، އެއްވެސް މީހަކަށް އޭގެ ސައްހަކަމާ މެދު އިއުތިރާޒުކޮށް އެއާ ދޭތެރޭ ޝައްކުކުރެވޭނޭ ސެޓިފިކެޓެއް ނޫނެވެ.
މާޒީގެ ދުވަސްތައް މަތީން ހަނދާންވެ އިބުރާހިމު ހިތާހިތާ ބުންޏެވެ. ކިޔެވުމުގެ ދުވަސްތަކަކީ ވަރަށް ވެސް ހައިރާން ކުރުވަނިވި ދުވަސްތަކެކެވެ! ހަނދާނުން ފޮހެވިގެން ނުދާނޭ އެތައް ހަނދާންތަކަކުން ފުރިގެންވާ ދުވަސްތަކެކެވެ. މީސްމީހުންގެ އަނގައިން ދޫކޮށްލެވޭ ލަފުޒުތަކާއި ޖުމްލަތައް، ކުޑަކުޑަ ދަރިވަރުގެ ހިތުގައި ބިންވަޅުނެގި ހަރުލާފައި ހުރެއެވެ. އަދި އެފަދަ ލަފްޒުތަކާއި ބަސްތައް އޭނާގެ ހަޔާތް ކުރިއަށް ގެންދާނޭ މިސްރާބު ކަނޑައެޅުމަށް އަސަރުކުރުވައި އޭނާގެ މުޅި ހަޔާތުގެ މައްޗަށް ވެސް ބާރު ހިންގަ އެވެ.
އޭނާ ކުރެން މީހަކު، ކުދިވެރީން ވަނަމުން ކިޔާ ގޮތުން ނަމަ، މިސްޓަރު 'ރުޅިގަދަ'، މިމުދައްރިސު މަތީން ހަނދާންވޭތޯ ސުވާލުކޮށްފި ނަމަ، އޭނާގެ ޖަވާބަކަށްވާނީ މިއެވެ. "މިސްޓަ ރުޅިގަދަ މަތިން ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މި އިބާރާތް ހަނދާނުން ފޮހެލެވޭނީ ކިހިނެއް ހެއްޔެވެ؟ ކިޔެވުމަށް މަސައްކަތް ނުކޮށް ފިލާވަޅުތައް ދަސްކުރުމަށް ފަރުވާ ކުޑަކުރާ ކުއްޖާއާ މުޚާތަބުކޮށް އޭނާ މިހެން ބުނުއްވާ ނޫން ހެއްޔެވެ؟ 'ކަލޭ ތިހެން ކިޔެވުމަށް މަސައްކަތްނުކޮށް، ފިލާވަޅުތައް ދަސްކުރުން އިހުމާލުކޮށްލައިގެން ހުންނާށެވެ! މުސްތަގުބަލުގައި ބޮޑުވެގެން ކަލެ އަށް ވެވޭނީ ސިފައިންގެ މީހަކަށެވެ!' އަދި ފިލާވަޅުތައް ދަސްކޮށް، މަދަރުސާގެ ވާޖިބުތައް އަދާކޮށް، ކިޔެވުމަށް މަސައްކަތް ކުރާ ކުއްޖާއާ ދިމާލަށް މިހެންވެސް އޭނާ ބުނުއްވާނޫން ހެއްޔެވެ؟ 'ދަރިފުޅާއެވެ، ކަލެއަކީ ވަރަށްވެސް ރަނގަޅު ކުއްޖެކެވެ! މުސްތަގުބަލުގައި ދަރިފުޅުވާނީ ވަޒީރަކަށެވެ. ދަރިފުޅު ވަޒީރަކަށް ވުމުން ދަރިފުޅުގެ މިހިރަ ކަންނެއް ޒަމީލުއާ ދޭތެރޭ އޯގާތެރި ލޮލަކުން ބަލާލައި އޭނާ އަށް ދަރިފުޅުގެ ވުޒާރާ އިން ނޯކަރެއްގެ ވަޒީފާ ދެއްޗެވެ!'
މިސްޓަރު 'ރުޅިގަދައިގެ' މިވާހަކަތައް ހަނދާންނެތޭނީ ކިހިނަކުން ހެއްޔެވެ. އެވާހަކަތައް ހަމަ އިއްޔެގެ ވާހަކަތަކެއް ފަދައިން ހަނދާންވެ އެވެ. އެހެން ނުވާނީ ވެސް ކީއްވެ ހެއްޔެވެ؟ އެހެނީ އިބުރާހިމު ހިމެނިފައިވަނީ ކިޔަވަން ގަދައަށް މަސައްކަތް ކުރި ކުއްޖެއްގެ ގޮތުގަ އެވެ. މިވާހަކަތައް ހިތަށް އެރުމުން އިބުރާހިމުގެ ގާތަށް ވަރަށް ހިނި ވެސް އައެވެ. ނަމަވެސް އިބުރާހީމު ގާތު މިފަދަ ބަސްތަކުން އޭނާގެ ހަޔާތަށް އަސަރެއް ކުރާނެތޯއާއި އޭނާގެ ހަޔާތުގެ މިސްރާބު މިފަދަ ބަސްތަކުގެ ގާނޫނަށް ތަބާވެދާނެތޯ ސުވާލުކޮށްފި ނަމަ އޭނާ ބުނާނީ އެހެން ނުވާނޭ ކަމަށެވެ. އަދި އޭގެ ސަބަބުވެސް އޭނާ ބުނެދޭނެ އެވެ. އެއީ މިސްޓަ 'ރުޅިގަދަ' ނުވަތަ އެނޫންވެސް އެފަދަ މީސްމީހުންނަކީ އިބުރާހީމު ފަދަ މޮޅެތި މީހުންގެ ހަޔާތަށް އަސަރުކުރުވާ ވަރަށްވުރެ މާ ދެރަ ނިކަމެތި މީހުންނެވެ.
އިބުރާހީމުގެ ލޯމަތިން ލަންޑަނާއި އަދި ލަންޑަނުގެ ޔުނިވަސިޓީގެ ކިޔެވުމުގެ ކޮޓަރިތަކާއި ކިޔަވައި އަދި ލިޔެހަދާ ފޮތްތައް މުޅިން ފަރުދާވެގެން ހިނގައްޖެ އެވެ. ހަމަ މިއާއެކު، އޭނާ ދެކޭ ގޮތުގައި އޭނާގެ ހަޔާތުގެ މިފޫހި މަރުހަލާ އާދެ، ކިޔެވުމުގެ ދިގު ދަތި އުނދަގޫ ދުވަސްތައް އޭނާގެ ލޯމަތިން ކެހިގެން ދިޔައީއެވެ. ދެން އޭނާއަށް އޮތީ މަސައްކަތުގެ ހަޔާތާ ކުރިމަތިލުމެވެ. އޭނާގެ ނަޒަރުގައި މަސައްކަތުގެ ދައުރު ފެށުމަށް މާބޮޑުކަމެއް ކުރާކަށް ނުޖެހޭނެއެވެ. އޭނާގެ ސެޓިފިކެޓު، އިގުތިސާދީ ވުޒާރާއަށް ހަމަ ހުށަހަޅާލުމުން، އޭނާގެ ވަޒީފާ ކަންތައް ހަމަޖެހޭނެ އެވެ. އެވުޒާރާގެ އެންމެ ބޮޑު ވަޒީފާ އޭނާ އަށް ލިބޭނެ އެވެ.
އެހެންނުވާންވީ ސަބަބެއް ނެތެވެ. އިރާގުގެ ދަރިޔަކަށް އެރޮގުން ލިބިފައި އޮތް އެންމެ މަތީ ފާސް އޮތީ އޭނާގެ އަތުގަ އެވެ. އޭނާ ވަޒީފާ އަށް ނިކުމެ އެންމެ ފުރަތަމަ ކުރާނޭ ކަންކަން ވެސް އޭނާ ކަނޑައަޅާލިއެވެ. މީސްމީހުން އޭނާއާ މުޚާތަބުކޮށް ވާހަކަ ދައްކަންވާނީ 'ޑރ. އިބްރާހީމު' މިހެން ކިޔައިފައެވެ. އަދި އޭނާ ލިޔާ ލިޔުންތައްވެސް ޝާއިއު ކުރެވޭނީ 'ޑރ. އިބުރާހިމު'ގެ ނަމުގަ އެވެ. އޭނާގެ ނަމުގެ ކުރިއަށް 'ޑޮކްޓަރު' އައިސް އެއަޑު އެހެން މީސްމީހުންގެ ކަންފަތުގައި ޖެހި ނުވަތަ ލޮލުގައި އަޅައިގަތުމުން ހަސަދަވެރިވާނޭ ބަޔަކުވެސް އުޅޭނޭކަން އިބުރާހިމުގެ ހިތަށް ފެނުނެވެ.
ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭވަރު މައްސަލައެއް ނޫނެވެ. އިބުރާހިމު ހިތާހިތާ ބުންޏެވެ. މިފަދަ މުހިއްމު ވަޒީފާއެއް އަދާ ކުރާ ފުރަތަމަ މީހަކަށް ވާނީ އޭނާ ކަމަށްވާނެތީ މީހުން ހަސަދަވެރި ވެސް ވާނެތާ އެވެ. އެހެންވެ، އޭނާއަށް ވަޒީފާ ލިބުމުން އޭނާގެ ވަޒީފާ ރައްކާތެރިކޮށް އޭނާއާ ވާދަވެރި އެހެން މީސްމީހުނަށް އެވަޒީފާއާ ކައިރި ނުވެވޭނޭ ގޮތްތައް ވެސް ހަދާލެވޭނޭ ކަމަށް ވާނެތީވެސް، އެކަމާ އޭނާ ކަންބޮޑުވާކަށް ނުޖެހެ އެވެ.
މިފޮނި ޚިޔާލުތަކުގެ ތެރެއަށް ގެނބި އިން އިރު އެޚިޔާލުތައް ކިލަނބުކޮށް އޭގެ މީރުކަން ނެތިކޮށްލާނޭ އެއްވެސް ކަމެއް އިބުރާހިމުގެ ހިތަކަށް ނާރަ އެވެ. އެހެންވެ އޭނާގެ މޫނުމަތިވަނީ އަލިވެ އުޖާލާވެފައެވެ. އަދި އަބަދުމެހެން އިނދެވެނީ ހިނތުންވެފަ އެވެ. ރޭލުގައި ދަތުރު ކުރަމުންދާ އެހެން ދަތުރުވެރީން ތިބިކަމުގެ އެއްވެސް އިހުސާސެއް ވެސް ނުވެއެވެ.
ރޭލުގައި އިބުރާހިމު އިން ޑައްބާގައި (ކެރޭޖުގައި) އިން އެހެން ދެދަތުރުވެރިން އިބުރާހިމާ އަޅައިގަތެވެ. އިބުރާހިމުގެ ހަމުގެ ކުލަ އޮޅަލިވެފައި އަދި ހިނިތުންވާލެއް ވެސް ގިނަކަމުންނެވެ. އެދެމީހުންގެ ތެރެއިން އެކަކު އޭނާގެ ރަހުމަތްތެރިޔާއާ މުޚާތަބުކޮށް ސަމާސާކޮށްލުމުގެ ގޮތުން ބުންޏެވެ. "މިއިނީ ކިހާ އުފާވެރި ޒުވާނެއް ހެއްޔެވެ! ހަމަ ޔަގީނުން ވެސް އޭނާ ވާނީ ހިންދުސްތާނުގެ ކޮންމެވެސް ރާޖާއެއްގެ ދަރިކަލަކަށެވެ. އޭނާގެ ބައްޕާފުޅު އަވަހާރަވުމުން އޭނާ އެނބުރި އެވަޑައިގަންނަވަނީ އޭނާގެ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާށެވެ! ފައިސާވެރިކަމާއި އަންހެނުންނާ މުދާވެރިކަމުގެ ހުވަފެންތައް އޭނާ ދެކޭތަން ކަލެއަށް ވެސް އެބަ ފެނޭ ނޫން ހެއްޔެވެ!"
ރަހުމަތްތެރިޔާ ޖަވާބުގައި ބުންޏެވެ. "ތިބުނީ މުޅިން ރަނގަޅު ވާހަކައެއް ނޫންކަމާ މެދު އަހަރެން ކަލެއާ ބާޖުމަރައިފާނަމެވެ. އޭނާވާނީ އުތުރު އެފްރިކާގެ ބަރުބަރުންގެ ޒުވާނަކަށެވެ. ޔޫރަޕުގައި މަޖާކޮށް ހިތްއުފާކޮށްލުމުގެ ދަތުރެއް ނިންމާލުމަށް ފަހު އޭނާ އެނބުރި އެދަނީ އޭނާގެ ވެރިކަމާ ހަވާލުވާށެވެ!" ދެން ދެރަހުމަތްތެރިން ނިންމީ އިބުރާހިމާ ސުވާލުކޮށް ވާހަކަދައްކާލުމަށެވެ. ދެރަހުމަތްތެރިން ދުށް ގޮތުންކުރެ ސައްހަ ގޮތަކީ ކޮބައިތޯ ހޯދުމަށްޓަކަ އެވެ.
އެކަކު އިބުރާހިމު ކުރެން އޭނާ އަކީ ކޮން ރަށަކު މީހެއްތޯ އާއި އޭނާ ކުރާ ކަމަކާ ބެހޭ ގޮތުން ސުވާލު ކުރި އެވެ. އަދި ވަރަށް ފަޚުރުވެރިކަމާ އެކު އިބުރާހިމު ޖަވާބުގައި ބުންޏެވެ. "އަހަރެން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކޮށްފައެވެ. އަދި މިހާރު އަމިއްލަ ގައުމު އިރާގަށް އެނބުރިދަނީ އެވެ."
ދެރަހުމަތްތެރިންގެ ކަންފަތަށް ވެސް 'އިރާގު' މި ލަފުޒުވީ ބީރައްޓެހި ލަފުޒަކަށެވެ. އެތަނުން އެކަކަކީ ރާބުއިމަށް ދެވި ހިފާފައިވާ މީހެއްކަމުން މިލަފުޒާއި ރަލުގެ ތެރޭގައި ހިމެނޭ ބާވަތެއްކަމުގައިވާ އަރަކުއާ ގުޅުމެއް އޮވެދާނެހެން ހީވި އެވެ. އަދި މީނާ ބުންޏެވެ. 'އިރާގު' އޭ ބުނުމުން އަހަންނަށް ހަނދާންވަނީ ރަލުގެ ބާވަތެއްގެ މަތިންނެވެ. އެ ރަލަކީ އަނެއްކާ ކަލޭގެ ގައުމުގައި ތައްޔާރުކުރާ ރަލެއް ހެއްޔެވެ؟"
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ.