12 ޑިސެމްބަރ 2022 - 20:34

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވަގުތީ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ވަނީ ރިޔާސީ އިންތިހާބުގެ އެކި މަސައްކަތްތަކަށް ބޭނުންވާ 11 މުވައްޒަފުން ހޯދަން އިއުލާނުކޮށްފަ އެވެ.
އަސާސީ މުސާރައިގެ ގޮތުގައި މަހަކު 4465ރ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1500ރ.ގެ އިތުރުން ކޮންމެ ދުވަހަކަށް 155ރ.ގެ އެލަވަންސްއެއް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އީސީގެ މަސައްކަތަށް މުވައްޒަފުން ނަގަން އިއުލާނު ކުރީ ރިޔާސީ އިންތިހާބު ނިމެންދެން ކޮންޓްރެކްޓަށެވެ. ރަސްމީ ގަޑީގައިއާއި ނުރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަން ޖެހޭއިރު އިތުރު ވަގުތަށް ފައިސާ ދޭނެ ކަމަށް އެ ކޮމިޝަނުގެ އިއުލާނުގައިވެ އެވެ.
އެ ވަޒީފާތަކަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތުތަކަކީ:
- ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، ސެކެންޑަރީ ސްކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން
- އޮފިސަރ ލެވެލް މަގާމެއް ނުވަތަ އެއާ އެއަށްވުރެ މަތީ މަގާމެއްގައި އުޅެ އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ވޭތުވެދިޔަ އިންތިހާބެއްގައި ޖީއެސް ތިނެއް ރޭންކުގެ މަގާމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
އެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ކުރިން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކަށް ވެގެންނުވާނެ ކަމަށް ވެސް ވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށެވެ.
އަންނަ އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ނަމަވެސް އިލެކްޝަނުން ބުނަނީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފި ނަމަ އެ އަދަދު މާ މަދުވާނެ ކަމަށެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި ދެ ބުރު ބޭއްވާ ނަމަ އިތުރު 30 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ.