ދައުލަތުން 205 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ނުޖެހޭ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި
ދައުލަތުން 205 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ނުޖެހޭ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި

ހދ. ނޮޅިވަރަމުގައި ފެނާއި ނަރުދަމާ އަދި ހދ. ނޭކުރެންދޫ ގައި ނަރުދަމާ ގާއިމްކުރުމާ އެކު ނ. އޮއިވަރުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް، ސަރުކާރުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާ އެކު މީގެ 11 އަހަރު ކުރިން ހެދި ސީއެސްއާރް އެއްބަސްވުމަކަށް އަމަލު ނުކުރުމުން 205 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާގައި ސިވިލް ކޯޓުން ދައުލަތާ އެއްކޮޅަށް ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ގްލޯބަލް ވިންގްސްއާ އެކު ސަރުކާރުން އެއްބަސްވުން ހެދީ ޑިސެމްބަރު 15، 2011 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ސަރުކާރުގައި ގެންގުޅުނު ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާ ނުވަތަ ސީއެސްއާރް އުސޫލުގެ ދަށުން އެއްބަސްވުން ހެދީ، އެ ކުންފުނިން އެ ދެ ރަށުގައި މަޝްރޫއު ހިންގުމުން ޓޫރިސްޓު ރިސޯޓެއް ހިންގަން ސަރުކާރުން ނ. އޮއިވަރު ދޫކުރާ ގޮތަށެވެ.

ގްލޯބަލް ވިންގްސްއިން އެ މައްސަލައިގައި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރީ ބަދަލުގެ ގޮތުގައި 13،296،487 ޑޮލަރު. (205 މިލިއަން ރުފިޔާ) ހޯދުމަށެވެ.

އެ އެބަސްވުމުގެ ދަށުން ކުންފުނިން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން ދިޔަ ނަމަވެސް، 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ފެށިގެން ސަރުކާރުން އެ މަޝްރޫއާ ބެހޭ އެއްވެސް ކަމެއްގައި އެއްބާރުލުމެއް އަދި އެއްވެސް ޖަވާބެއް ނުދޭ ކަމަށް ގްލޯބަލް ވިންގްސްއިން ބުނެ އެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވި ކަމަށް ކުންފުނިން ބުނެ އެވެ.

އެ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް އެންގުމަށާއި، އެއްބަސްވުމަށް އަމަލުނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ގްލޯބަލް ވިންގްސްއިން ސިވިލް ކޯޓުގައި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރުމުން ޖޫން 30، 2019 ގައި އެ ކޯޓުން ހުކުމް ކުރީ އެ އެއްބަސްވުމަކީ ދެމި އޮތް އެއްބަސްވުމެއް ނޫން ކަމަށާއި ކުންފުނިން އެދުނު ގޮތަށް ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައި ވަނީ ފަނޑިޔާރު ހަސަން ޝަފީއު، މުހައްމަދު ސަލީމް އަދި މުހައްމަދު ފައިސަލް ހިމެނިވަޑައިގެންނެވި ބެންޗަކުންނެވެ.

ގްލޯބަލް ވިންގްސްއިން ހައި ކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދަނިކޮށް އެއްބަސްވުން ބާތިލު ކުރެވޭނެ ހާލަތްތައް އޭގައި ބަޔާންކޮށްފައިވާ ކަމަށާއި، އެއްބަސްވުން ބާތިލު ކުރީ އެ ކަންކަމަށް ރިއާއަތް ނުކޮށް ކަމަށެވެ.

ދައުލަތުން ހައި ކޯޓުގައި ފާހަަގަ ކުރީ، ސީއެސްއާރްގެ ދަށުން އޭރުގެ ސަރުކާރުން ރަށްތައް ދޫކުރުމަށް އަމަލު ކުރަމުން ދިޔަ އުސޫލަށް އަމަލު ކުރުން ހުއްޓާލައި އެކަން އިއުލާނުކުރި ކަމެވެ. އަދި އެއާ އެކު އޭރު އަމިއްލަ ފަރާތްތަކާ އެކު ކުރިއަށްގެންދާ ސީއެސްއާރް މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލިކަން ވެސް އިއުލާނުކުރިކަން ފާހަގަ ކުރި އެވެ.

އޭގެ އިތުރުން، ސީއެސްއާރް އުސޫލަށް އަމަލުކުރުން ހުއްޓާލުމުން މަޝްރޫއު ކުރިއަށްގެންދާނެ ގޮތެއް ގްލޯބަލް ވިންގްސްއިން ސާފު ކުރުމުން އާ ހުށަހެޅުމެއް ކުންފުންޏަށް ހުށަހެޅި ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނި ގޮތުގައި ފަސް ކަމެއް ބަދަލުކޮށް ސަރުކާރުން ހުށަހެޅި އެ ހުށަހެޅުން، އެ ކުންފުނިން އޭޕްރިލް 15، 2013ގައި ފޮނުވި ސިޓީއަކުން ގަބޫލުކުރި އެވެ.

ދައުލަތުން ދަމަހައްޓަމުން ގޮސްފައި ވަނީ ދެ ފަރާތުގެ ދެމެދުގައި ފަހުން އެހެން ގޮތަކަށް އެއްބަސްވުމަކަށް އާދެވުމުން ކުރިން ހެދި އެއްބަސްވުން ބާތިލުވީ ކަމަށެވެ. އަދި އެހެންވެ، އެ އެއްބަސްވުމުގެ ދަށުން ބަދަލު ދޭން ނުޖެހޭނެ ކަމަށް ބުނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުން ވެސް ބުރަވީ އާ ހުށަހެޅުންތައް ގަބޫލު ކުރުމުން ކުރީގެ އެއްބަސްވުން އުވުނީ ކަމަށެވެ. އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު، ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ގްލޯބަލް ވިންގްސްއިން އެދުނު 205 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބަޔަކީ އެ ކުންފުނިން ދެ ރަށުގެ މަޝްރޫއު ހިންގުމުން، ދޭން އެއްބަސްވި ރަށުގައި 10 އަހަރު ދުވަހަށް ރިސޯޓު ހިންގައިގެން ލިބޭނެ ކަމަށް ހިސާބު ކުރި ފައިދާ އެވެ. އަދި 10 އަހަރު ދުވަހަށް ފައިދާގެ ގޮތުގައި 11،150،530 ޑޮލަރު ލިބޭނެ ކަމަށް އެ ކުންފުނިން ހިސާބު ކުރި އެވެ.

އޭގެ އިތުރުން، ބަދަލުގެ ގޮތުގައި ހޯދަން އެދުނު ފައިސާގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރައާއި ކެއުމާއި ކުންފުނި ހިންގުމަށް ބޭނުންވާ އެހެނިހެން ހަރަދާއި މަޝްރޫއުތައް ހިންގުމަށް ހޭދަ ކުރި ފައިސާ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޭޕްރިލް މަހަށް ފަހު ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށް ގްލޯބަލް ވިންގްސްއިން ބުނި އިރު، އެ އަހަރުގެ ހިސާބަށް ދިޔަ އިރު ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވާފައިވުމުން ސަރުކާރު އޮތީ ބަދަލުވެފަ އެވެ. އަދި އެއާ އެކު ނަޝީދުގެ ސަރުކާރުގައި ދޫކުރި އެހެން ބައެއް މަޝްރޫތައް ވެސް ހުއްޓުނެވެ.