ޑްރަގާ އެކު ފުލުހަކު ހައްޔަރުކުރި މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފި
ޑްރަގާ އެކު ފުލުހަކު ހައްޔަރުކުރި މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ފުލުހަކު ޑްރަގާ އެކު ހުޅުމާލޭގެ އެޕާޓްމަންޓަކުން ހައްޔަރުކުރި މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ޕީޖީ އޮފީހުން އިތުރުކޮށްދީފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސްގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ކުރި ހަސަން ޝުޖާއު އާއި އޭނާގެ ލޯބިވެރިޔާ މަރިޔަމް ސަފާ، 31، ޑްރަގާ އެކު ހައްޔަރުކުރީ، މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އެޕާޓްމަންޓަކުންނެވެ. އެ ދެ މީހުންގެ އިތުރުން އެ މައްސަލައިގައި ހުސެއިން ރަޝީދު، 23 އަދި އަހުމަދު ރާޖިހު، 23 ވެސް ހައްޔަރު ކުރި އެވެ.

ކްރިމިނަލް ކޯޓުން އާންމުކުރާ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި އެ މައްސަލައިގައި، ސަފާ އާއި އިތުރު ދެ ފިރިހެނުންގެ ބަންދު އިއްޔެ އެ ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އަދި ޝުޖާއުގެ ބަންދު ވެސް އިތުރުކޮށްދީފައިވާކަން ފުލުހުން "މިހާރު" އަށް ކަށަވަރުކޮށްދިނެވެ.

ކޯޓު އަމުރުތަކުގައިވާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެހެންވެ، ކޯޓުން އެ ތިން މީހުން ވެސް ބަންދުކުރީ އިތުރު 15 ދުވަހަށެވެ. އެގޮތަށް ނިންމީ އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ފުލުހުން އެދިފައި އޮއްވަ އެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް ޑްރަގް ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތު ފުލުހުން ކުރާއިރު، ކޯޓު އަމުރުތަކުގައި ވަނީ ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެ މީހުންގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރަށް ހެކި އެބަ ހުރި ކަމަށެވެ. އަދި އެ ތިން މީހުން ވެސް އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށް އަމުރުތަކުގައިވެ އެވެ.

މި މައްސަލައިގައި ޝުޖާއު ހައްޔަރު ކުރި ނަމަވެސް، އޭނާގެ ބަންދު އަމުރުތައް ކޯޓުން އާންމެއް ނުކުރެ އެވެ. ފުލުހުން އެދިގެން ކޯޓުގައި ބޭއްވި އޭނާގެ ބަންދު މަޖިލިސް ވެސް ސިއްރު ކުރެ އެވެ.

ގިނަ ބަޔަކު ބައިވެރިވެގެން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއެއް ކަމަށް ތުހުހުމަތުކުރާ މައްސަލާގައި މި ދެ މީހުން ހައްޔަރުކުރި ތަނުން ފެނުނު މަސްތުވާތަކެތީގެ އަދަދު ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ފެތެ އެވެ.

ޑައިމޯފިން ނަމަ ހަތަރު ގްރާމުން، އަދި ކެނަބިސް ނަމަ 14 ގްރާމުން ޓްރެފިކިންގެ މިންގަނޑަށް ފެތޭނެ އެވެ. އެ ކުށުގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 100،000ރ. އާއި 10،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ޝުޖާއު އަކީ ފުލުހުންގެ ޑްރަގް ސްޓޮކް ބަލަހައްޓާ މީހަކަށް ވާތީ ޑްރަގާ އެކު އޭނާ ހައްޔަރު ކުރުމުން އާންމުން ކަންބޮޑުވެ ސުވާލު އުފެއްދި ނަމަވެސް ފުލުހުން ބުނެފައި ވަނީ، ފުލުހުންގެ އެތެރޭގެ އިންތިޒާމްތައް ހުންނަ ގޮތުން އޭނާއަކަށް ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޑްރަގްސް ނަގައި އޭގެ ބޭނުން ނުކުރެވޭނެ ކަމަށެވެ. އޭނާ ސަސްޕެންޑުކޮށް އެއްވެސް އިސްތިސްނާއެއް ނެތި މައްސަލަ ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ވެެސް ފުލުހުން ވަނީ ދީފަ އެވެ.

ޝުޖާއު ހައްޔަރުކުރި ރޭ، މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކުރުމުގެ ތުހުމަތަށް މާލޭގެ އެޕާޓްމަންޓަކުން ވެސް ބަޔަކު ހައްޔަރުކުރި އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ދެ އޮޕަރޭޝަންގައި 12 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނޭސާ އާދަމް ނަސީރު ހިމެނެ އެވެ.