13 ޖެނުއަރީ 2017 - 09:55

ސެވިއްޔާ (ޖެނުއަރީ 13) – ކަރިމް ބެންޒެމާ ފަހު ވަގުތު ވައްދާލި ލަނޑާ އެކު ސްޕެނިޝް ކަޕުގެ ދެ ވަނަ ބުރުގައި ސެވިއްޔާއާ 3-3 އިން އެއްވަރުކޮށް ބަލިނުވުމުގެ ސިލްސިލާ އަށް 40 ވަނަ މެޗު އިތުރުކޮށް ރެއާލް މެޑްރިޑުން ސްޕެއިން ފުޓްބޯޅައިގެ އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.
ރޭގެ މެޗާ އެކު ދެ ލެގުގެ އެގްރިގޭޓުން 6-3 އިން ކުރި ހޯދައި ރެއާލް މެޑްރިޑް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މެޑްރިޑުގެ ސްޓޭޑިއަމުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ރޭގެ މެޗާ ހަމަޔަށް ސްޕެއިން ފުޓްބޯޅައިގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑް މެޑްރިޑުން އައީ ބާސެލޯނާއާ ހިއްސާކުރަމުންނެވެ. ބާސެލޯނާ އިން 39 މެޗުގެ ރެކޯޑް ހަދާފައިވަނީ ލުއިސް އެންރިކޭގެ ކޯޗުކަމުގެ ދަށުން 2015 ވަނަ އަހަރުގެ އޮކްޓޯބަރުން މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.
މެޑްރިޑް އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން މިިދިޔަ އަހަރުގެ އޭޕްރިލް މަހު ޖަރުމަނުގެ ވޮލްފްސްބާގް އަތުންނެވެ. އޭގެ ފަހުން ކުޅުނު މެޗުތަކުން 31 ފަހަރު މޮޅުވެ ނުވަ މެޗު ވަނީ އެއްވަރުވެފަ އެވެ. ޖުމްލަ 115 ގޯލް ޖަހާފައިވާއިރު 39 ގޯލް ވަނީ ބައިކޮޅަށް ވަދެފަ އެވެ. ބާސެލޯނާ ރެކޯޑް ހަދާފައިވަނީ 32 މެޗުން މޮޅުވެ ހަތް މެޗު އެއްވަރުކޮށްގެންނެވެ.
މެޑްރިޑުގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވި ޒިދާންގެ އިރުޝާދުގެ ދަށުން މެޑްރިޑް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެއަށް ވުރެ ގިނަ އަދަދަކަށް އޭނާ ވަނީ އެ ޓީމަށް ތަށި ހޯދައިދީފަ އެވެ. އެގޮތުން ޒިދާން ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ.
ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި މެޑްރިޑުގެ ޑެނީލޯ އަތުން ބައިކޮޅަށް ވަން ލަނޑުން ސެވިއްޔާ އަށް ވަނީ ލީޑު ލިބިފަ އެވެ. ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި މެޑްރިޑުން އެއްވަރުކުރީ މާކޯ އަސެންސިއޯގެ ގޯލުންނެވެ. އޭގެ ފަސް މިނެޓު ފަހުން ސެވިއްޔާ އަށް އަލުން ލީޑު ނަގައިދިނީ އިންޓަ މިލާނުގެ ލޯނެއްގެ ދަށުން އެ ޓީމާ ގުޅުނު ސްޓެވަން ޖޮވެޓިޗެވެ. ސެވިއްޔާގެ އިބޯރާ އެ ޓީމަށް ތިން ވަނަ ލަނޑެއް ޖަހައިދީފައިވަނިކޮށް މެޑްރިޑަށް ތަފާތު ކުޑަކޮށްދިނީ 83 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ސާޖިއޯ ރާމޯސް އެވެ. އެ ޓީމު ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު ފްރާންސް ފޯވާޑް ބެންޒެމާ ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ.