އަގޯރާގެ އެންމެ ބޮޑު ދެ ފިހާރަ ރެޑްވޭވުން ގަނެފި
އަގޯރާގެ އެންމެ ބޮޑު ދެ ފިހާރަ ރެޑްވޭވުން ގަނެފި

މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލްގެ ވިޔަފާރި ހިންގަމުން އަންނަ އަގޯރާގެ އެންމެ ބޮޑު ދެ ފިހާރައިގެ ހުރިހާ ހަރުމުދާ ވާދަވެރި ރެޑްވޭވުން ގަނެފި އެވެ.

ރެޑްވޭވުން ގަތީ، އަގޯރާ އިން މަޖީދީމަގުގައި ހުޅުވި، އެ މީހުންގެ ތިން ބުރީގެ ފިހާރަ އާއި ސޯސަން މަގުގައި ހިންގާ ފިހާރަ އެވެ. ފުޅާ ދާއިރާއެއްގައި މީގެ ވިއްސަކަށް އަހަރު ކުރިން ރީޓެއިލް ވިޔަފާރި އަށް އިންވެސްޓް ކުރި އަގޯރާގެ ބާކީ ދެން ހުންނާނީ އިސްކަންދަރު ސްކޫލު ކުރިމަތީގައި ހިންގާ ފިހާރަ އެކަންޏެވެ.

އެނގިފައިވާ ގޮތުގައި، އަގޯރާގެ ދެ ފިހާރަ ހުއްޓާލާކަން މުވައްޒަފުންނަށް އަންގައި، މި މަހުގެ ނިޔަލަށް ވަނީ ނޯޓިސް ވެސް ދީފަ އެވެ. ރެޑްވޭވުން ގަންނަނީ އެ ފިހާރައިގެ މުދާތައް ފިޔަވައި، އެހެން ސާމާނެވެ. އަދި އެނގިފައިވާ ގޮތުގައި ރެޑްވޭވުން އެ ދެ އިމާރާތް ކުއްޔަށް ނަގަނީ ސީދާ ބިމުގެ ވެރިފަރާތުންނެވެ. އެނގިފައިވާ ގޮތުގައި، ރެޑްވޭވުން އެ ދެ ފިހާރަ ގަތީ، ރެޑްވޭވުން ވެސް މާލޭގައި ހިންގާ ދެ ފިހާރައެއްގެ މުއްދަތު ހަމަވާތީ އެވެ.

މިކަމާ ބެހޭ ގޮތުން އަގޯރާ އިން ވެސް، އަދި ރެޑްވޭވުން ވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އަގޯރާގެ އެ ދެ ފިހާރަ ވިއްކާލީ ކޮން އަގެއްގައި، ކިހިނެއް ކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އަގޯރާ އަކީ، ރާއްޖޭގެ ރީޓެއިލް ވިޔަފާރި އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައި ބައެކެވެ. ރޯދަ މަހާ ދިމާކޮށް، ތައްޓާއި ބަދިގޭ ސާމާނު އެންމެ ފުރަތަމަ އެ ސްޓައިލަށް ވިއްކަން ފެށީ މަޖީދީމަގުގައި ހުންނަ އަގޯރާ އިންނެވެ. އެކަމަކު، މަޖީދީމަގުގައި ހުންނަ އެ ފިހާރަ އާ އިންވެގެން ބައެއް ސުޕަމާޓްތައް ހެދުމާ އެކު، އަގޯރާގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ފަހަކަށް އައިސް، އެތަނުން ފެންނަމުން ދިޔައީ ވެސް، ވިޔަފާރި ހުއްޓާލަން އުޅޭ ކަމުގެ ނިޝާންތަކެވެ.

އެކަމަކު އަގޯރާ އިން ރީޓެއިލްގެ ވިޔަފާރީގެ ތެރޭގައި ހިފަހައްޓާލުމަށް ޗާންދަނީ މަގުގައި ފިހާރައެއް ހުޅުވައި، އެ ފިހާރައިގެ ވިޔަފާރި އަންނަނީ ރަނގަޅަށް ހިންގަމުންނެވެ.

ރެޑްވޭވް އަކީ، ރީޓެއިލް ވިޔަފާރި މިހާރު ރާއްޖޭގައި އެންމެ ފުޅާކޮށް ހިންގަމުން އަންނަ ކުންފުންޏެވެ.