11 ޑިސެމްބަރ 2022 - 14:09

ރާއްޖޭގެ އިގުތިސާދީ ދުވެލި ދެމެހެއްޓުމަށް، މާލީ ހަރުދަނާ ސިޔާސަތުތައް ތަންފީޒުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް މާޓިން ރައިސާ ވިދާޅުވެއްޖެ އެވެ.
އޭނާ ރާއްޖެ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރަށް ފަހު، ވޯލްޑް ބޭންކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހެޔޮ އަގުގައި އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓްމަންޓްތައް ވެސް ކުރަން ރައިސާ ގޮވާލައްވާފައިވާ ކަމަށެވެ.
"ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ވަނީ ޖީލެއްގެ ތެރޭގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ތަރައްގީވެފައި. އަދި ރާއްޖޭން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ވެސް ރަނގަޅަށް ބަލަހައްޓާފައި. ނަމަވެސް، ދަރަނީގެ މިންވަރު މައްޗަށް ދިއުމާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވޭ،" އޭނާ ވިދާޅުވި ކަމަށް ބަޔާނުގައި ވެ އެވެ.
"ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ މާލީ ސިޔާސަތުތައް ތަންފީޒުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކޮށް، ހެޔޮ އަގުގައި އާންމު ހިދުމަތްތައް ދިނުމަށް ސްމާޓް އިންވެސްޓްމަންޓްތައް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް."
ރައިސާ ކުރެއްވި ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާ ބައްދަލު ކުރެއްވި އެވެ.
ރައިސާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އިގުތިސާދު ހަމައަކަށް އެޅުވުމަށް ރާއްޖެއިން ގެންނަމުންދާ ގޮންޖެހުންތައް ބޮޑު މާލީ އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ރައިސާ ވަނީ ރާއްޖޭގައި ޓެކްސް ބޮޑުކޮށްފައި ވާކަން ފާހަގަ ކުރައްވައި، އެ ފިޔަވަޅަށް ތައުރީފު ކުރައްވައިފައި ކަމަށް ބަޔާނުގައި ވެ އެވެ.
މި ދަތުރަކީ މިދިޔަ އަހަރުގެ ޖުލައި މަހު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އެ ދަތުރުގައި ރައިސާ ވަނީ ވޯލްޑް ބޭންކުގެ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ އެހީގައި މާލޭގައި ފަސް މެގަވޮޓްގެ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ޕްރޮޖެކްޓަކީ ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަގެއްގައި ކަރަންޓް އުފައްދާ އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ބޭރު ފައިސާ ސަލާމަތްކުރުމަށް އެހީވާނެ ޕްރޮޖެކްޓެކެވެ.