11 ޑިސެމްބަރ 2022 - 11:50

މިދިޔަ މަހު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ.
ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމާ އެކު، ކްރިމިނަލް ކޯޓުން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް ފަސް މީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
އެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ، މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އެއްޗެއްސާ އެއްކޮށް ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން އަތުލައިގަތެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަންގައި 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ އަތުލައިގަތެވެ. އެ ތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.